ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ފަހިކޮށްދިން ފުރުސަތެއްގައި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުުޅުންތެރިންނަށް އިޓަލީގެ ދެ ފުޓްބޯޅަ ތަރިން ކަމަށްވާ، ޑާވިޑޭ ކަލަބްރިއާ އާއި ޕެޓްރިކް ކުޓްރޯނޭއާ އެކު ތަޖުރިބާތަކެއް ހާސިލްކުރެވުމަކީ ހާއްސަ ކަމެކެވެ. މިދިޔަ ހޮނިހިރު ދުވަހު ކަނޑިންމަ މޯލްޑިވްސްގެ ޓާފް ދަނޑުގައި އެ ބޭއްވި އިވެންޓަކީ ފުޓްބޯޅައިން ކުރިއަށްދިއުމުގެ އަޒުމުގައި ތިބި ޒުވާން ގައުމީ ޓީމުގައި ތިބި ކުޅުންތެރިންގެ އުންމީދުއާ ވާނެ ފަދަ ދަތުރެކެވެ.
"ކަނޑިންމަގައި އަހަރެމެން ގަބޫލުކުރަނީ ބޭނުންހިފޭނެ ފުރުސަތުތައް ފަހިކޮށްދޭން. ތަފާތު ބިނާކުރަނިވި ހިޔާލުތަކުގެ ތެރެއިން އަހަރެމެން ބޭނުންވަނީ ފައިސާ ދީގެން ވިޔަސް ނުގަނެވޭނެ ފަދަ ފުރުސަތުތައް ވީހާވެސް ކައިރިން ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދޭން،" ކަނޑިންމަ މޯލްޑިވްސް އެންޑް ނޯވާ މޯލްޑިވްސްގެ ޑިރެކްޓާ އޮފް މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން ކަނޑިންމަ މޯލްޑިވްސް އެންޑް ނޯވާ މޯލްޑިވްސް، ނީރަޖް ސެތު ބުންޏެވެ.
"މި ގޮތަށް ފުޓްބޯޅައިގެ ނަން މަޝްހޫރު ތަރިން ގެނެސްގެން މި ފަދަ ކަންކަން ކުރެވޭނެ،"

19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކުޓްރޯނޭ ވާހަކަ ދައްކަނީ.--- ފޮޓޯ: ކަނޑިންމަ މޯލްޑިވްސް
އިޓަލީގެ އޭސީ މިލާނާ އެކު މި ފަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި ކަލަބްރިއާ އާއި އޭސީ މިލާނަށް ކުރިން ކުޅެ، މިހާރު ވުލްވްސްގެ ކޮންޓްރެކްޓްގައި ހުރެ، ލޯން އެއްބަސްވުމުގެ ދަށުން ފިއޮރެންޓީނާ އާއި ވެލެންސިއާ އަދި އެމްޕޮލީ އަށް ކުޅެފައިވާ ކުޓްރޯނޭ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު ޓްރެއިނިން ވަގުތުތަކެއް ހޭދަކޮށް، ފުޓްބޯޅަ ކެރިއަރެއް ކުރިއަށްގެންދާއިރު، ސަމާލުކަން ދޭން ޖެހޭނެ މުހިންމު ކަންތައްތަކެއް ކިޔައިދީފަ އެވެ. މިއީ ދުނިޔޭގެ އެންމެ މަތީ ލެވަލްގެ ޕްރޮފެޝަނަލް ކުޅުންތެރިންގެ ފަރާތުން ދިވެހި ކުޅުންތެރިންނަށް ލިބިގެންދިޔަ އަގުހުރި މައުލޫމާތު ތަކެކެވެ.
އަންނަ މަހު އިންޑިއާގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޒުވާން ޓީމު ތައްޔާރުވަމުން އަންނައިރު، ޓީމަށް އިރުޝާދުދެނީ އެންމެ ކާމިޔާބު ޔޫތު ކޯޗު އަދި ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ.
ކަނޑިންމަ އިން މި ހޯދައިދިން ފުރުސަތުގައި ޝާކިއްޓެ ވެސް ބައިވެރިވި އެވެ. ޝާކިއްޓެ ދެކޭގޮތުގައި މިއީ ކުުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުވާނެ ދަތުރެކެވެ. އަދި ކެރިއަރެއް ބިނާކުރަން މުހިންމު މައުލޫމާތުތަކެއް ވެސް ކުޅުންތެރިންނަށް ލިބިގެންދިޔަ ކަމަށް ޝާކިއްޓެ ވަނީ ފާހަގަކޮށްފަ އެވެ.

ދިވެހި ކުޅުންތެރިންނާ އެކު ބޭއްވި ޓްރެއިނިންގެ ތެރެއިން ކުޓްރޯނޭ (ކ) ބޯޅަ ހިފައިގެން.-- ފޮޓޯ: ކަނޑިންމަ މޯލްޑިވްސް
މީޑިއާ އާއި ދިވެހި ކުޅިވަރުގެ އެކި އިސް ފަރާތްތަކަށް ކަނޑިންމަ އިން ދައުވަތު ދިން މި އިވެންޓްގައި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު މަރުޒޫގު (މަރޭ) ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މަރޭ ކުރެއްވި ޓްވީޓެއްގައި ފާހަގަކުރީ، މި ފަދަ ފުރުސަތެއް ދިވެހި ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލިބުމުގެ މުހިންމު ކަމެވެ. އެކަމަށްޓަކައި، މަރޭ ވަނީ ކަނޑިންމަ އަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ކަލަބްރިއާ އާއި ކުޓްރޯނޭއާ އެކު ކަނޑިންމަ އިން މި ކުރިއަށްގެންދިޔަ އިވެންޓްގެ ޕާޓްނަރަކީ މަންޓާ އެއާ އާއި ޕްލެންކްޓޮން މޯލްޑިވްސް އެވެ.
ދ. އަތޮޅުގައި 2015 ވަަނަ އަހަރު އޮޕަރޭޝަންސް ފެށި، ކަނޑިންމަ ރިސޯޓަކީ ފަހަކަށް އައިސް ކުޅިވަރުގެ ގިނަ އިވެންޓްތަކެއް ކުރިއަށްގެންދަމުން އަންނަ ރިސޯޓެކެވެ. ފަތުރުވެރިންގެ މެދުގައި މަގުބޫލު މި ރިސޯޓަކީ، 264 އެނދުގެ ބީޗް ރިސޯޓެކެވެ. ޓާފް ފުޓްބޯޅަ ދަނޑުތަކުގެ އިތުރުން، ޓެނިހާއި ވޮލީބޯޅަ ކޯޓުތައް ވެސް ކަނޑިންމަ ރިސޯޓްގައި ހުރެ އެވެ.












