ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ކްލަބް ވެމްކޯ އިން ކުޅުނު ފަހު މެޗުގައި ފަހަތުން އަަރައި ޕޮލިސް ކްލަބް އަތުން ރޭ ލިބުނީ "ބޮޑު މޮޅެއް" ކަމަށް ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ބުނެފި އެވެ.
އަމިއްލަ ބާރުގައި މުބާރާތުގައި ކުރިއަށްދާން ބަލާއިރު، ރޭގެ މެޗުން މޮޅުވާން ވެމްކޯ އާއި ޕޮލިހަށް ވެސް މަޖުބޫރެވެ. ޕޮލިހުން ސެޓެއް ގެންގޮސްފައި ވަނިކޮށް ވެމްކޯ އިން 3-1 އިން މޮޅުވިއިރު، މި ނަތީޖާއާ އެކު ލީގު ބުރުގެ ދެ ވަަނަ ކަށަވަރުކޮށް، ވެމްކޯ ވަނީ ޕްލޭއޮފް މެޗަށް ހޮވިފަ އެެވެ.
މެޗަށް ފަހު ނިޒާރު ބުނީ މި މޮޅު ހާއްސަވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި ވެމްކޯ އިން ޕްލޭއޮފަށް ދިޔައީ ގިނަ ގޮންޖެނުންތަކަކާ ކުރިމަތިލުމަށް ފަހު ކަމަށެވެ. އެ ގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ، އިންޑިއާގެ އަމިތުސިންހުގެ ކަކުލަށް އަނިޔާވެ، މުބާރާތުގައި ނުކުޅެވުމަކީ ދިމާވި ގޮންޖެހުމެއް ކަމަށް ނިޒާރު ފާހަގަކުރި އެވެ.
"ފައިނަލަށް ދިއުމުގެ ގޮތުން ވަރަށް ބޮޑު މޮޅެއް މި ލިބުނީ. ވެމްކޯ އަސްލު ވާގޮތަކީ، މިއީ މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައި އޮތް ޓީމެއް. ކޮލިފައިންގައި ކުޅެފައި، މި ހިސާބަށް އައިއިރު ޓީމު ވަރުގަދަ ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައި، ޓީމުގެ ބިދޭސީ ކުޅުންތެރިއަކަށް މި ލިބުނު އަނިޔާއާ އެކު މި އުޅެނީ އެތަން ފޫނުބެއްދިގެން. އެހެން ނަމަވެސް ކުޅުންތެރިން ކުރާ މަސައްކަތާއި މޮޅުވަން ބޭނުންވެފައި ހުރި ވަރުން މި ކަން މި ކުރެވެނީ،" ނިޒާރު ބުންޏެވެ.
"މި ލެވަލްގައި އެއް ފެންވަރެއްގެ ޓީމުތަކެއް ކުޅޭއިރު، އެއް ބަޔަކާ އެހާ ގިނައިން ކުޅެ، ދިގުލައިގެންދާއިރު، މިރޭގެ (ރޭގެ) މޮޅަކީ (ޕޮލިސް އަތުން ލިބުނު މޮޅަކީ) ވަރަށް ބޮޑު، އުފަލެއްވާ ވަރަށް ބޮޑު މޮޅެއް،"
ނިޒާރު ބުނީ ޕޮލިހާ ދެކޮޅަށް ރޭ ކުޅުނު މެޗު އުނދަގޫވި ސަބަބަކީ ވެމްކޯގެ ކުޅުންތެރިން ތަންކޮޅެއް ބޮޑަށް މޮޅުވާން ކުރި މަސައްކަތުގެ ތެރޭގައި "އަމިއްލަ އަށް ޕްރެޝަރުގެ ތެރެއަށް ވެއްޓުން" ކަމަށެެވެ.
"އަޅުގަނޑުމެން ކުޅޭ ލެވަލާ ބަލާފައި. އަޅުގަނޑުމެންނަށް މޮޅުވަން ބޭނުންވި ވަރު ބޮޑުކަމުން ޕްރެޝަރު ނެގިފައި މީނީ. އެހެން ނަމަވެސް ފަހުން ހަމަޔަކަށް އެޅިލައިގެން ކުޅެން ފެށީމަ، އަޅުގަނޑުމެންގެ ގޭމް ޖެއްސުނީމަ މޮޅުވެގެން ފޭބުނީ،" ނިޒާރު ބުންޏެވެ.
ނިޒާރު ބުނީ އެންމެ ބޮޑަށް ހިތްހަމަޖެހޭ ސަބަބަކީ ވެމްކޯގައި ތިބި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަޝްފާގު އާދަމް (އައްކަޅޭ)ގެ އިތުރުން ޓީމުގެ އެންމެ އިސް އެއް ކުޅުންތެރިޔާ، އިންޑިއާގެ އެޓޭކަރު، އަޝްވަލް ރާއީ ވެސް އަނިޔާގައި ހުރެ ކުޅެން ޖެހުނުއިރު ވެސް ލީގުގައި ބޭނުންވާ ހިސާބުގައި ނިންމާލެވުން ކަމަށެވެ.

ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ): އޭނާ ވަނީ ޒުވާން ކުޅުންތެރިން ކުރިއަރަމުން އަންނަކަން ފާހަގަކޮށް، އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ފުރަތަމަ ތިން މެޗުން މޮޅުވެގެން މުބާރާތް ފެށި ޕޮލިހަށް ފަހު ދެ މެޗުގައި ވެސް ދިމާވީ ދާދި އެއްކަހަލަ ގޮތެކެވެ. ސިޓީން ވެސް ޕޮލިސް ބަލިކުރީ ފަހަތުން އަރައި، 3-1 ސެޓުންނެވެ. ރޭ ވެމްކޯ އަތުން ވެސް އެ ގޮތަށް ބަލިވިއިރު، ދެ މެޗުގައި ވެސް ޕޮލިހަށް މެޗު ގެއްލުމުގައި ޓީމުގެ ކުޅުންތެރިން "ރުޅިގަނޑު ފަޅައިގެން" ގޮސް ކުރެވުނު ކަންތައްތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ކުރިމަތިވި އެވެ.
ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ސެޓުގައި، ޕޮލިހުގެ ސެޓަރު، އިންޑިއާގެ މުއްތުސާމީ އައްޕަވޫ އަށް ކާޑު ދައްކައި ފޮނުވާލީ ތަކުރާރުކޮށް ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. ރޭގެ މެޗުގައި ޕޮލިހުގެ ބިދޭސީ ކުޅުންތެރިޔާ، އިންޑިއާގެ، އަކިން އައްމާލް، ދެ ވަނަ ސެޓުގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ހިންގި ކަންތައްތަކުގެ ސަބަބުން އޭނާ އަށް ވެސް ކާޑު ދައްކައި ފޮނުވާލި އެވެ.
ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ބުނީ ޖުމްލަކޮށް ރޭގެ މެޗުގައި ވެސް ކުޅުން ރަނގަޅު ކަމަށާއި އެކަމަކު، ދެ ވަނަ ސެޓުގައި ދިމާވި ކަންތައްތަކާ ހުރެ، މެޗަށް އަސަރު ކުރި ކަމަށެވެ.
"އަޅުގަނޑުމެންގެ ޓީމު ކުޅުނު ރަނގަޅަށް. ދެ ވަނަ ސެޓުގައި ދިމާވި ޓެކްނިކަލް ކަމަކާ އެކީގައި އަޅުގަނޑުމެންގެ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއް ފައިބަންޖެހުނީ. އެއާ އެކީގައި ނަމަވެސް ދިވެހިން ހަަމަ ރަނގަޅު ޕާފޯމަންސެއް ދެއްކި، އެކަމަކު އެ ސެޓު ގެއްލުނީމަ ވަރަށް ގެއްލުންވި،" ފައްލޯ ބުންޏެވެ.
"ކުރިން ރޭގަ ދަންނަވާފައި އޮންނާނެ. ވެމްކޯ އަކީ ވަރަށް ބެލެންސް ޓީމެކޭ، އޭގެ ފައިދާއިން ކަމަށް ގަބޫލުކުރެވެނީ އެ މީހުން އެ މޮޅުވީ،"
ތިން ވަނަ މަގާމުގައި މި ވަގުތު އޮތް ޕޮލިހުންނަށް ޕްލޭއޮފްގެ ޖާގައެއް ލިބެން އޮތީ ލީގު ބުރުގެ ފަހު މެޗުގައި މިރޭ ނުކުންނަ ނަތީޖާ އަކުންނެވެ. މިރޭ ގުޑީސް ސްޕޯޓްސް ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް ކުޅޭ މެޗުގައި، ގުޑީސް އަތުން ސިފައިން ފަސް ސެޓަށް ނުގޮސް ބަލިވެއްޖެނަމަ ޕޮލިހަށް ޕްލޭއޮފުގެ ޖާގަ ލިބޭނެ އެވެ.
ޕްލޭއޮފަށް ދާން ގުޑީސް ކައިރިން ސިފައިންނަށް ބޭނުންވަނީ ޕޮއިންޓެކެވެ.
ފައްލޯ ބުނީ ލީގު ބުރުގެ މެޗުތައް ޕޮލިހުންނަށް ނިމުނުއިރު، ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ރަނގަޅުކުރަން ޖެހޭ ކަންކަމަށް މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ހުރިހާ ކަމަކަށް ބަލާއިރު "ޓީމުގެ ކުޅުމާ މެދު އެއްވެސް ސުވާލެއް ނެތް، ޝަކުވާއެއް ވެސް ނެތް" ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ.
ގުޑީސް އާއި ސިފައިން ކުޅޭ މެޗު ފަށާނީ މިރޭ 20:15 ގަ އެވެ.












