މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގާ ރީޖަނަލް ޕޯޓުތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑު ކުރުމަށާއި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުންތަކެއް ލިބިދޭ ގޮތަށް މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.
މުސާރަ ބޮޑު ކުރުމުގެ އިތުރަށް ކުރިއަށްވުރެ މާ ފުރިހަމަ ރިޓަޔަމަންޓު ޕޮލިސީއެއް ވެސް އެކުލަވާލާފައިވާ ކަމަށް އެމްޕީއެލްގެ ތަރުޖަމާނު ދާނިޝް ނިޒާމު ވިދާޅުވި އެވެ.
އެގޮތުން، 65 އަހަރުވެގެން ވަޒީފާއިން ރިޓަޔާ ވުމުން މާލީ އެހީ ދޭނެ ޕޮލިސީއަކާއި، ކޯޑް އޮފް ކޮންޑަކްޓް އާއި އިތުރު ޕޮލިސީތައް ވަނީ ފާސްކޮށްފަ އެވެ.
މި ނިންމުންތަކާ އެކު މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތަކުގެ ތަފްސީލެއް އެމްޕީއެލް އިން ހާމަކޮށްފައެއް ނުވެ އެވެ.
އޭގެ އިތުރުން، އެމްޕީއެލްގެ ބޯޑު މެމްބަރުން އިއްޔެ ވަނީ އެ ކުންފުނީގެ ދަށުން ބަލަހައްޓަމުން އަންނަ ހިތަދޫ ރީޖަނަލް ޕޯޓުގެ މުވައްޒަފުންނާއި ބައްދަލުކޮށް އަލަށް ފާސްކުރި ޕޮލިސީތަކާއި، މުވައްޒިފުންގެ ކުރިއެރުމަށް ގެނައި ބަދަލުތަކާއި ބެހޭ ގޮތުން މައުލޫމާތު ދީފަ އެވެ.
ހަމައެހެންމެ، މި ޕޮލިސީތަކާ އެކު ގެނައި ބަދަލުތަކާ ގުޅޭގޮތުން މުވައްޒަފުންގެ ހުރި ސުވާލުތަކަށް ވެސް ހިތަދޫ ޕޯޓުގައި ބޭއްވި ބޯޑު ބައްދަލުވުމުގައި ވަނީ ޖަވާބުދީ ވާހަކަ ދައްކާފަ އެވެ.
މާލޭ ވިޔަފާރި ބަނދަރާއި، މީރުބަހުރު ބަނދަރު އަދި ހިތަދޫ ރީޖަނަލް ޕޯޓާއި، ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ ބަލަހައްޓަނީ އެމްޕީއެލް އިންނެވެ. އަދި، ގދ. ތިނަދޫގައި މިހާރު ތަރައްގީ ކުރަމުން އަންނަ ރީޖަނަލް ޕޯޓު ވެސް މެނޭޖުކުރާނީ އެމްޕީއެލް އިންނެވެ.










