ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައި އޮތް ކްލަބް ވެމްކޯ ސީދާ ތިން ސެޓުން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބުން ފެންވަރު ދައްކާލައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސިފައިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ސީދާ ތިން ސެޓުން ސްޕޯޓްސް ކްލަބް ސިޓީ އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުން، ސިފައިން ދެ ސެޓު ގެންގޮސްފައިވަނިކޮށް، ޕޮލިސް ކްލަބް ވަނީ ފަހަތުން އަރައި، މޮޅުވެފަ އެވެ.
މިއަދުގެ މެޗުން ސިފައިން ބަލިވިނަމަ މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު އެ ޓީމަށް ބަންދުވާނެ އެވެ. ޕްރެޝަރު ހާލަތެއްގައި ނުކުމެ، ސިފައިން މި ވަނީ އެ ޓީމުގެ މޮޅު ކުޅުން ދައްކައިފަ އެވެ. މިއަދުގެ މެޗުގެ ސެޓުތައް ސިފައިންގެ ޓީމުން ގެންދިޔައީ 25-22، 25-23 އަދި 28-26 އިންނެވެ.
އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ލީގު ބުރުގެ އެއް ވަނައިގައި މި ވަގުތު އޮތީ މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައިވާ ޕޮލިހެވެ. ދެ ވަނައިގައި އޮތީ ކްލަބް ވެމްކޯ އެވެ. މިއަދު ހަވީރު މެޗުގެ ކުރިން ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައި އޮތް ވެމްކޯ އަށް، ސިފައިން ބަލިކޮށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ސިފައިން އަތުން ބަލިވެ، ވެމްކޯ މި ވަގުތަށް ދެ ވަނައިގައި ފަރުޖައްސާލަން ޖެހުނީ އެވެ.

ސިފައިންގެ ޓީމުގެ ސެޓަރު ޝާޑު މިއަދުގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ފެނުނީ ހަމަހަމަކޮށެވެ. އެއްވަރުކޮށް ސެޓު ދިޔަ ނަމަވެސް ސިފައިން ސެޓުގެ މެދަކާއި ހިސާބުން ދެ ޕޮއިންޓުގެ ލީޑެއް ދެމެހެއްޓި އެވެ. ނަމަވެސް ވެމްކޯ އިން ހިތްވަރާ އެކު ކުޅެ ސްކޯ ހަމަހަމަކުރި އެވެ. ސިފައިން ޓީމުގައި ހިމެނޭ ގައުމީ ވޮލީ ޓީމުގެ، އާދަމް ނަސީމް (އެޑަމް) އާއި އެޓޭކަރު ޝޯން ޓީ ޖޯންގެ ހަމަލާތަކުން އެ ޓީމުން ތަފާތު ދައްކައި 25-22 އިން ސެޓު ކާމިޔާބުކުރި ތަނެވެ.
ދެ ވަނަ ސެޓުގައިވެސް ސިފައިން ފެށީ ލީޑުގައި އޮވެ އެވެ. އެ ލީޑު ގެއްލުވާ ނުލައި ފަހު ވަގުތާ ހަމަ އަށް ދެމެހެއްޓި އެވެ. މި ސެޓުގައި ވެމްކޯގެ ސެންޓަ ބްލޮކަރު އަޝްވަލް ރާއީ ތަފާތު ދެއްކި އެވެ. ނަމަވެސް ސިފައިންގެ ޑިފެންސް ލައިނުގައި ލިބަރޯ، މުހައްމަދު މިމްރާހު (މިންމި) ވަނީ މޮޅު ކުޅުމެއް ދައްކައި އެ ޓީމުގެ ލީޑު ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މި ސެޓު ސިފައިން ހޯދީ 25-23 އިންނެވެ.
މެޗުގެ އެންމެ ފޯރިގަދަ ސެޓަކަށްވީ ފަހު ސެޓެވެ. މި ސެޓު ފަށައިގެން ވެމްކޯ އިން ރަނގަޅު ލީޑެއް ހޯދި އެވެ. ވެމްކޯގެ ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ސެޓަރު، ރަންޖިތު ސިންހްގެ ކުޅުން ފެންނަން ފެށި އެވެ.
އެކަމަކު، އެ ލީޑުގައި ވެމްކޯ އަށް ސެޓު ނިމެންދެން ހިފަހައްޓައެއް ނުލެވެނެވެ. ސެޓުގެ މެދުތެރެއިން ސިފައިން އަރާ ހަމަކުރި އެވެ. އަޝްވަލް ރާއީ އާއި ކުޑަކާއްޓެގެ ހަމަލާތަކުން ވެމްކޯ އިން ޕޮއިންޓްތައް ނެގިއިރު، ސިފައިން ޓީމްގެ އެޑަމާ އާއި ޝޯން ވެސް ފެނުނީ އެއް ވަރެއްގައި ކުޅެލިތަނެވެ.
މި ސެޓު ނިންމާލަން ވެމްކޯ އަށް ފުރުސަތު ލިބިފައި އޮއްވާ ސިފައިން ހިތްވަރު ނެރެ، މެޗުން މޮޅުވުމުގައި ތަފާތު ދެއްކި އެވެ. ފަހު ވަގުތު ބްލޮކަރު ކާތިކުގެ ހުނަރުން ސިފައިން މި ސެޓު 28-26 އިން ކާމިޔާބުކޮށް މެޗުން މޮޅުވީ އެވެ. ފުރަތަމަ ދެ މެޗާ އަޅާކިޔާއިރު، ސިފައިންގެ ސެޓަރު، ހުސެއިން ޝާހިދު (ޝާޑު) ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެެވެ.

ވެމްކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) މިއަދުގެ މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މެޗަށް ފަހު ސިފައިން ޓީމްގެ ކޯޗު ޖުނައިދު އަބްދުﷲ ބުނީ ސިފައިންނަކީ އަބަދުވެސް "ވެއްޓުނީމަ ދެތުވެ" އިތުރު ހިތްވަރާއިއެކު ކުޅޭ ޓީމެއް ކަމަށާއި މިއަދުގެ މެޗުގައި ފެނުނީ އެ ތަފާތު ކަމަށެވެ. މިދިޔަ ދެ މެޗު ގެއްލިފައިވުމުން ސިފައިން ނުކުތީ އިތުރު ހިތްވަރަކާ އެކު ކަމަށާއި، ހުރިހާ ކުޅުންތެރިން ވެސް ހިތްހަމަޖެހޭ ވަރަށް ކުޅުނު ކަމަށް ޖުނައިދު ބުންޏެވެ.
ޖުނައިދު ބުނީ ސިފައިންގެ މިހާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކޮށް ތިން ވަނަ ޓީމުގެ ގޮތުގައި ވިޔަސް ސެމީ ފައިނަލުން ޖާގަ ހޯދުން ކަމަށެވެ. އެއީ "ނުވާވަރުގެ ކަމެއް" ނޫން ކަމަށް ޖުނައިދު ބުންޏެވެ.
ކުލަބު ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ބުނީ މެޗުން ބަލިވީ ވެމްކޯގެ ގޭމް ޕްލޭނާ އެއް ގޮތަށް ނުކުޅެވިގެން ކަމަށެވެ. ފުރަތަމަ ސެޓުގައި ވެސް ފެނުނީ ބޭނުންވި ކަހަލަ ކުޅުމެއް ނޫންކަން ނިޒާރު ފާހަގަކުރި އެވެ.
ނިޒާރު ދެކެނީ ސިފައިން އަތުން ވެމްކޯ ބަލިވުމަކީ އެއް ގޮތަކުން ވިސްނާއިރު، "ރަނގަޅު ކަމެއް" ގެ ގޮތުގަ އެވެ. އެއީ އާ ހިތްވަރަކާ އެކު ކުރިއަށް ދާން އަޒުމު ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ނިޒާރު ބުންޏެވެ.
ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ، އަމިތުސިންހު ކަޕްތާންސިންހްގެ ކަކުލަށް ފުރަތަމަ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މި މުބާރާތުގައި ދެން ނުކުޅެވޭނެ އެވެ. ނިޒާރު ބުނީ އެއް ބިދޭސީ ކުުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ކަމުގައި ވިޔަސް ވެމްކޯގައި އެ މަގާމުތައް ފޫބެއްދޭ ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށެވެ.












