ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި މިރޭ ކުޅުނު މެޗުގައި ފަަހަތުން އަރައި 3-1 ސެޓުން އޮއްފު އެފްސީ ބަލިކޮށް ޕޮލިސް ކްލަބުން ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މުބާރާތުގެ ފޯމެޓް ރޭވިފައި އިން ގޮތުން އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭނެ އެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނަ ކުޅެގެން މޮޅުވާ ޓީމަކަށެވެ. މިރޭގެ މޮޅާ އެކު ޕޮލިސް އެއް ވަނައިގައި އޮތީ ތިން މެޗުން މޮޅުވެގެން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ކްލަބް ވެމްކޯ ދެ މެޗުން މޮޅުވިއިރު، ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ދެން އޮތް ހަތަރު ޓީމަށް ބަލާއިރު، ސްޕޯޓްސް ކްލަބް ސިޓީ ދެ މެޗުން ތިން ޕޮއިންޓް ހޯދިއިރު، އޮއްފު ވަނީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް އާއި ގުޑީސް ސްޕޯޓްސް ކްލަބް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޝަރަފްވެރިކޮށްދެއްވި މެޗުން މިރޭ ޕޮލިސް ފަހަތުން އަރައި، މުހިންމު މޮޅެއް ހޯދިއިރު، ސެޓުތައް ދިޔައީ 23-25، 25-18، 25-16 އަދި 25-20 އިންނެވެ.

އޮއްފުގެ ކޯކޭ (ކ) އާއި ޑެންޒޯ މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ފުރަތަމަ ސެޓުގައި ޕޮލިހަށް ރަނގަޅަށް ހަމަޔަކަށް ނޭޅެވިގެން އުޅެނިކޮށް، އޮއްފުން ވަނީ އެ ޓީމުގެ ބިދޭސީ ދެ އެޓޭކަރު، އަމިތު ގޫލިއާ އާއި ގުރޫ ޕްރަސާންތުގެ ބޭނުން ރަނގަޅަށް ހިފައި، ރަނގަޅު ބޯޅަތަކެއް ފޮނުވާލައިގެން ލީޑެއްގައި އޮވެ، ފުރަތަމަ ސެޓު 23-25 އިން ގެންގޮސްފަ އެވެ.
ޕޮލިހުން މުޅި މުބާރާތުގައި ކުޅެމުން އަންނަ މޮޅު ކުޅުން ބަރޯސާވެފައި އޮތީ، އެ ޓީމުގެ ބިދޭސީ ސެޓަރު، މުއްތުސާމީ އަޕަވޫ އަށެވެ. އޭނާގެ ސެޓު ކޮށްދޭ ބޯޅަތައް ފުރިހަމަކޮށް ފެނުނުއިރު، މުޅި ޓީމުގެ ހުރިހާ އެޓޭކަރުން ގޭމުން ބޭރުވިޔަނުދީ ހިފެހެއްޓި އެވެ. އެ ގޮތުން ޕޮލިހުގެ އަނެއް ދެ ބިދޭސީ ކުޅުންތެރިން ކަމަށްވާ އަނޫ ޖޭމްސް އާއި އަކިން އައްމާލް ވެސް ފެނުނީ ލިބޭ ގިނަ ބޯޅަަތަކުގައި ކާމިޔާބު އެޓޭކްތަކެއް ކުރާތަނެވެ.
ޕޮލިހުން ފަހަތުން އަރައި، ތިން ސެޓު ގެންގޮސް މޮޅުވުމުގައި އެ ޓީމުގެ ދިވެހި ޒުވާން ކުޅުންތެރިން ކަމަށްވާ، މާއިޝް އަހުމަދާއި ހައިލަމް ހަސަން ވެސް މުހިންމު ވަގުތުތަކުގައި މޮޅަށް ކުޅެ، ޕޮއިިންޓްތަކެއް ހޯދައިިދިނެވެ. ޕޮލިހުގެ ޑިފެންސް ވެސް ސެޓަކަށް ފަހު ސެޓެއް ރަނގަޅުކޮށް ފެނުނުއިރު، ޓީމުގެ ލިބަރޯ، މުހައްމަދު ނައީމް (ނައިންޓެ) މޮޅު ކުޅުމެއް ދެއްކި އެވެ.

ޕޮލިސް ޓީމުގެ ހައިލަމް (ކ) އާއި މުއްތު މިރޭގެ މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ފަތުހުﷲ ވަހީދު (ފައްލޯ)ގެ ކޯޗުކަމުގައި ކުޅޭ ޕޮލިހުން ފަހަތުން އަރައި ސެޓުތައް ގެންދިޔައީ، 25-18، 25-16 އަދި 25-20 އިންނެވެ. މެޗަށް ފަހު ފައްލޯ ވަނީ އެ ޓީމުގެ ކުޅުންތެރިން އެކުގައި ދެއްކި ހިތްވަރަށް ތައުރީފުކޮށްފަ އެވެ. އަދި ފުރަތަމަ ދެ މެޗުގައި ގުޑީސް އާއި ސިފައިންގެ ކްލަބް އަތުން ފަސް ސެޓު ކުޅެގެން މޮޅުވެފައިވާތީ އާއި ގާތްގާތުގައި މެޗު ކުޅެން ޖެހުމުގެ ވަރުބަލިކަމުގެ ތެރޭގައި ވެސް ކުޅުންތެރިން މޮޅަށް ކުޅެން މަސައްކަތް ކުރި ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ.
އޮއްފު އަށް މިރޭގެ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ބިދޭސީ އެޓޭކަރުން ކަމަށްވާ އަމިތު އާއި ގުރޫޕްރަސަންތުގެ ބޭނުން ރަނގަޅަށް ނުހިފެވުމެވެ. މެޗު ފެށިގެން، އޮއްފުގެ ސެޓަރު އަހުމަދު ޝިމާއު ކުޅެމުން ދިޔަ ނަމަވެސް އޭނާ ފަހުން ވަނީ ބަދަލުކޮށްފަ އެެވެ.
މެޗަށް ފަހު އޮއްފުގެ ކޯޗު މުހައްމަދު ރިޝްވާން ބުނީ ޕޮލިސް ޓީމުގެ ތަފާތަކަށް ފެނުނީ އެ ޓީމުގެ ސެޓަރު ތަފާތު މޮޅުވުން ކަމަށާއި ހަގީގަތުގައި އޮއްފު އަށް އެކަށީގެންވާ ވަރަށް ބިދޭސީ ކުޅުންތެރިންގެ ބޭނުން ނުހިފުނު ކަމަށެވެ.
އަދި ގިނަ ޕްރެކްޓިސްތަކެއް ކޮށްފައި ރަނގަޅަށް އޮތް ޕޮލިސް ޓީމު ކައިރީ ސެޓެއް ލިބުމަކީ ވެސް ކުރިއަށްދާން ބަލާއިރު އޮއްފު އަށް ހިތްވަރު ހޯދޭނެ ކަމެއް ކަމަށް ރިޝްވާން ވަނީ ބުނެފަ އެވެ.
މުބާރާތުގައި މާދަމާ ދެ މެޗު ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ސިފައިން ކުޅޭނީ ވެމްކޯއާ އެވެ. އެ މެޗު ފަށާނީ 16:15 ގަ އެވެ. މާދަމާރޭ، 20:15 ގައި ފަށާ މެޗުގައި ސިޓީ ބައްދަލުކުރާނީ ގުޑީސްއާ އެވެ.












