ކޮވިޑް ކޭސްތައް ގިނަވާތީ މާސްކް އެޅުމަށް އިލްތިމާސްކޮށް އައިޖީއެމްއެޗުގައި އަމަލުކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ކޭސްތައް ގިނަވަމުންދާކަން ތަފާސްހިސާބުތަކުން ވަނީ ދައްކާފަ އެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހަފުތާ ކޮވިޑްގެ 142 ކޭސް ފެނިފައިވާ ކަމާއި އެއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.
އެޗްޕީއޭ އިން އެދިފައިވާ ގޮތަށް އައިޖީއެމްއެޗުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އަދި، އާންމުންގެ އެއްބާރުލުމަށް ވެސް ވަނީ އެދިފަ އެވެ.
"މިގޮތުން މި ހޮސްޕިޓަލަށް ވަޑައިގަންނަވާ ބަލިމީހުން، އެހީތެރިން އަދި އެހެނިހެން ފަރާތްތައް މާސްކް އަޅައިގެން އުޅުއްވުމަށް އިލްތިމާސްކުރަން،" މިއަދު އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ މެއި މަހު އެނދުމަތިކޮށްގެން ކޮވިޑް ބަލީގައި ފަރުވާދީފައިވަނީ ޖުމްލަ 15 މީހުންނަށެވެ. ނަމަވެސް, މި ޖޫން މަހުގެ މިހާތަނަށް 12 މީހަކު އެނދުމަތިކޮށްގެން ފަރުވާދޭން ޖެހުނުކަން އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.











