ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި މިރޭ ކްލަބް ވެމްކޯ އިން ތަފާތު ދައްކައި، 3-1 ސެޓުން ސްޕޯޓްސް ކްލަބް ސިޓީ ބަލިކޮށްފި އެވެ.
ވެމްކޯ އިން ވަނީ ކުޅުނު ފުރަތަމަ މެޗުން 3-1 ސެޓުން އޮއްފު އެފްސީ ބަލިކޮށްފަ އެވެ. މިރޭ ވެސް ހަމަ އެ ނަތީޖާއިން މި ވަނީ ސިޓީ އަތުން މޮޅުވެފަ އެވެ. މިހާތަނަށް އެސޯސިއޭޝަން ކަޕްގައި ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، ދެ މެޗުން މޮޅުވީ ހަމައެކަނި ޕޮލިސް ކްލަބާއި ވެމްކޯ އެވެ. ޕޮލިހުން ދެ މެޗު ވެސް މޮޅުވީ ފަސް ސެޓު ކުޅެގެންނެވެ. އެހެންވެ، ޕޮއިންޓް ތާވަލުގެ ކުރި ލިބެނީ ވެމްކޯ އަށެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުތަކުގެ ސެޓުތައް ދިޔައީ، 27-25، 25-22، 18-25 އަދި 25-17 އިންނެވެ.
މެޗަށް ނުކުތްއިރު، ވެމްކޯ އަށް ދިމާވެފައިވާ ކަންބޮޑުވުމަކީ އެ ޓީމުގެ ބިދޭސީ އެއް ކުޅުންތެރިޔާ، އަމިތުސިންގް ކަޕްތާން ސިންގް ފުރަތަމަ މެޗުގައި ކުޅެނިކޮށް ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަަބަބުން މުބާރާތް ނިމިފައިވުމެވެ. އެކަމަކު، ދެން ވެމްކޯގައި ތިބި އަނެއް ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ، ސެޓަރު، ރަންޖީތު ސިންގް އަދި އަޝްވަލް ރާއި ފެނުނީ މާ ތަފާތު ކޮށެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަޝްވަލް ރާއީ އެކަނި ވެސް ވަނީ 30 ޕޮއިންޓް ހޯދައިފަ އެވެ.

މިރޭގެ މެޗުގެ ތެރެއިން ވެމްކޯގެ ރަންޖިތު (ކ) އާއި އަޝްވަލް ރާއީ ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ފުރަތަމަ ދެ ސެޓުގައި ވެމްކޯ އިން މުޅިން ކަހަލަ ގޮތަކަށް އެޓޭކް ކުރީ އަޝްވަލް ރާއީ އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިގެންނެވެ. އެކަން ކާމިޔާބުވީ ރަންޖިތު ހިއްލި ބޯޅަތައް ފުރިހަމަވެ، އިދިކޮޅު ޓީމަށް ނުހިފެހެއްޓޭ ޒޯންތަކަށް ކުޑަކާއްޓޭ އާއި އަޝްވަލް ރާއީ ބޯޅަތައް ފޮނުވުމުންނެވެ. ފުރަތަމަ ދެ ސެޓު، ވެމްކޯ އިން ގެންދިޔައީ 27-25، 25-22 އިންނެވެ.
ތިން ވަނަ ސެޓުގައި، ވެމްކޯގެ ކުޅުން ކުޑަކޮށް ދަށްވިއިރު، ސިޓީގެ ވިނީތު ކުމާރާއި އަލީ ހުޒާމް (ހުޒަންޓެ) ރަނގަޅު ކުޅުމެއް ދެއްކި އެވެ. ރަނގަޅު ތަނަށް އެޓޭކްކޮށް، ސެޓުގެ ބޮޑުބައިގައި ރަނގަޅު ލީޑެއް ވެސް ސިޓީން ނެގި އެވެ. މި ސެޓުގައި، ވެމްކޯގެ އެޓޭކްތައް ޑިފެންސް ކުރުމުގައި ސިޓީގެ ލިބަރޯ، އަހުމަދު ނަބީލް ވެސް ރަނގަޅަށް ކުޅުނެވެ. ނަތީޖާ އަކަށްވީ ސިޓީ އަށް ތިން ވަނަ ސެޓު، 18-25 އިން ލިބި، މެޗުގެ ތެރެއަށް އެނބުރި އައުމަށް އުންމީދެއް ލިބުމެވެ.
އެކަމަކު، ހަތަރު ވަނަ ސެޓުގައި ވެމްކޯގެ އަޝްވަލް ރާއީ އަލުން ފޯމަކަށް އެޅި ރަނގަޅަށް ކުޅެން ފެށިއިރު، ޑިފެންސް ބޯޅަތަކުގައި ކުޑަކާއްޓެ އާއި އަޝްފާގު އާދަމް (އަައްކަޅޭ) އަދި ލިބަރޯ، ޖަވާމް އަލީ ވަނީ ހިތްވަރު ދައްކައިފަ އެވެ. އޭގެ ބޭނުންހިފައި، ރަންޖިތުގެ ސެޓު ކޮށްދިން ބޯޅަތަކުން ވެމްކޯ އިން ގާތްގާތުގައި ގިނަ ޕޮއިންޓް ހޯދައި ބޮޑު ކޮންޓްރޯލެއް ނެގި އެވެ. ހަތަރު ވަނަ ސެޓު 25-17 އިން ގެންގޮސް ވެމްކޯ މެޗުން މޮޅުވީ އެވެ.
ސިޓީގެ ކޯޗު ނަލަ ހުސެއިން ޝަރީފް ބުނީ ހަގީގަތުގައި ބޮޑު ތަފާތަކަށް ފެނުނީ އަޝްވަލް ރާއީ އާއި ރަންޖިތުގެ ކޮމްބިނޭޝަން ކަމަށާއި މި މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ސިޓީން ދެން އޮތް މެޗަށް ރަނގަޅު ރޫހެއްގައި ނުކުންނާނެ ކަމަށެވެ.
މުބާރާތުގައި މާދަމާ އޮތީ އެންމެ މެޗެކެވެ. މާދަމާރޭ 20:15 ގައި ކުޅޭ މެޗުގައި އޮއްފު އެފްސީ ކުޅޭނީ ޕޮލިހާ އެވެ.












