ވީއޭއެމް އެސޯސިއޭޝަން ކަޕް: ސިޓީ ފެށީ ވަރުގަދަކޮށް، އޮއްފުން ގުޑީސް ބަލިކޮށްފި

Jun 12, 2022, 9:01 PM
ސިޓީގެ ހުޒާމް (ކ) ސިފައިންގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ސިޓީގެ ހުޒާމް (ކ) ސިފައިންގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި މިރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވެ، ސްޕޯޓްސް ކްލަބް ސިޓީން ވަރުގަދަކޮށް މުބާރާތް ފެށިއިރު، އޮއްފު އެފްސީން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

އޮއްފު އިން ގުޑީސްގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. ފުރަތަމަ މެޗުގައި ގުޑީސް ވަނީ ރޭ ޕޮލިސް އަތުން ބަލިވެފަ އެެވެ. އޮއްފު އަށް ފެށުން ގޯސްވީ ކްލަބް ވެމްކޯ އަތްދަށުވުމުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ސިޓީން ފެނުނީ ތަފާތު ރޫހެއްގައި ކުޅެލިތަނެވެ. އެ ޓީމުގެ އެންމެ ބޮޑު ތަފާތަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އާއި އިންޑިއާ ކުޅުންތެރިޔާ ވިނީތު ކުމާރު އެވެ. މި މެޗުގެ ސެޓުތައް ސިޓީން ގެންދިޔައީ، 25-21, 30-28 އަދި 25-18 އިންނެވެ.

ފުރަތަަމަ ސެޓުގައި ސިޓީގެ ވިނީތާއި ހުޒަންޓެގެ ރަނގަޅު ޝޮޓްތަކެއް ފެނިގެންދިޔައިރު، އެ ޓީމުގެ ލިބަރޯ، އަހުމަދު ނަބީލް ވެސް ވަނީ ރަނގަޅު ބޯޅަތަކެއް ކުޅެފަ އެވެ. ސިޓީގެ ބިދޭސީ އަނެއް ދެ ކުުޅުންތެރިން، ވިނާޔަކް އާއި ހަރްދީޕް ސިންގް ވެސް ރަނގަޅު ކުޅުމެއް ދެއްކި ފުރަަތަމަ ސެޓު ސިފައިން ގެންދިޔައީ 25-21 އިންނެވެ. ދެ ވަނަ ސެޓު ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. ސިފައިން މި ސެޓުގައި ހަ ޕޮއިންޓުގެ ލީޑެއްގައި ވެސް އޮތެވެ. އެކަމަކު، ސިފައިންގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު)، ދޭ ބޯޅަތަކުގައި އެ ޓީމުގެ އާދަމް ނަސީމް (އެޑަމް) އާއި ބިދޭސީ ކުޅުންތެރިންގެ ޝޮޓްތައް ބްލޮކްވެ، މެޗުގެ ފަހު ކޮޅަށް ދިޔައިރު، ސިފައިންނަށް އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައި ސިޓީން ދެ ވަަނަ ސެޓު 30-28 އިން ގެންގޮސް މެޗުގެ ކޮންޓްރޯލް ނެގި އެވެ.

ތިން ވަނަ ސެޓުގައި ސިފައިންނަށް އެކަށީގެންވާ ކުޅުމެއް ނުދެއްކި، ސިޓީން މުޅި ސެޓުގައި ރަނގަޅު ލީޑެއްގައި އޮވެ، ނިންމާލި އެވެ. ސިޓީން މި ސެޓު ގެންދިޔައީ 25-18 އިންނެވެ.

މެޗާ ބެހޭގޮތުން ސިޓީގެ ކޯޗު ހުސެއިން ޝަރީފް ބުނީ ތިން ސެޓުން މޮޅުވެވޭނެ ކަމަށް ހީނުކުރާ ކަމަށާއި އެކަމަކު މި ގޮތަށް މޮޅުވުމުގެ ކްރެޑިޓް ދޭނީ ކުޅުންތެރިން ކުރި މަސައްކަތަށް ކަމަށެވެ. ސިފައިންގެ ކޯޗު ޖުނައިދު އަބްދުﷲ ބުނީ އެ ޓީމުގެ އައުޓްސައިޑް އެޓޭކަރުންނަށް މި މެޗުގައި ނުކުޅެވުނުއިރު، އެންމެ ބޮޑު މައްސަލަ އަކީ ބިދޭސީ ކުުޅުންތެރިންނަށް ދިމާވެފައިވާ އަނިޔާގެ މައްސަލަ ކަމަށެވެ.

ގުޑީސްގެ ނިލާމް އަތްމަތިން އޮއްފުގެ އަމިތު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ފުރަތަމަ މެޗުގައި ޕޮލިހާ ދެކޮޅަށް ކުޅެނިކޮށް، ގުޑީސްގެ ކެޕްޓަން، ހުސެއިން ވިޝާމް (ބުޅިކެ)ގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ރޭގެ މެޗުގައި އޮއްފުއާ ދެކޮޅަށް ނުކުޅެ އެވެ. އޮއްފު އަށް މި މެޗުގައި އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ސެޓަރަށް ނުކުޅެވި، ބިދޭސީ ކުޅުންތެރިންނަށް ވެސް އެކަށީގެންވާ ތަފާތެއް ނުދެއްކުނު މައްސަލަ އެވެ.

އޮއްފުން މި މެޗު 3-1 ސެޓުން ކާމިޔާބުކުރިއިރު، މުޅި މެޗުގައި ވެސް ގުޑީސްގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ އެވެ. ގުޑީސްގެ ކޯޗަކަށް ހުރި، ގައުމީ ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް ވަނީ ވަރަށް ބޮޑަށް ޓީމުގެ ކުޅުމާ މެދު މާޔޫސްވެފަ އެެވެ. އަދި ރެފްރީގެ ގިނަ ނިންމުންތަކާ މެދު މިލޮރަޑް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ސެޓު އޮއްފު އިން ރަނގަޅަށް ކުޅެ، 23-25 އިން ގެންދިޔަ އެވެ. އެކަމަކު، ދެން ކުޅުނު ސެޓުގައި އޮއްފުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، ގުޑީސްގެ އެޓޭކަރު، ހަސަން ނިލާމް (ޕާޓޭ) ރަނގަޅު ވަގުތުގައި ޖެހި ޝޮޓްތަކާ އެކު 25-20 އިން ގުޑީސް ސެޓު ގެންދިޔަ އެވެ. އެކަމަކު، ތިން ވަނަ ސެޓު ފަށައިގެން ސިޓީ ޓީމުގެ އަމިތު ގުލިއާގެ ކުޅުން ފެންނަން ފެށި އެވެ. އެ ހިސާބުން، އެ ޓީމުގެ ސެޓަރު، އަހުމަދު ޝިމާއުގެ ބޯޅަތަކުގެ ބޭނުންހިފައި، އެ ޓީމުގެ އަނެއް އެޓޭކަރު، ގުރޫ ޕްރަސަންތުގެ ބާރު ޝޮޓްތަކާ އެކު ތިން ވަނަ ސެޓު، 23-25 އިން ގެންދިޔަ އެވެ.

ހަތަރު ވަނަ ސެޓު ފަށައިގެން ގުޑީސް އަށް ގިނަ ގޯސްތަކެއް ހެދުނުއިރު، އޮއްފު އިން ދިޔައީ އޭގެ ބޭނުންހިފަމުންނެވެ. މި ސެޓުގެ ފަހު ކޮޅުގައި ރޮޓޭޝަންގެ މައްސަލައެއްގައި އެރި އޮޅުމަކާ އެކު ފަހުން ސްކޯ އަށް ބަދަލު ގެނައި ގޮތުން ދެ ޓީމުގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދުނެވެ. އޮއްފު އިން 19-23 އިން ކުރީގައި އޮއްވައި، ސްކޯ 19-22 އަށް ބަދަލުކުރުމުން އެ ޓީމުން އެޕީލްކޮށް، ސްކޯ ރަނގަޅުކުރުވި އެވެ. އޭރު ސެޓުގެ ކޮންޓްރޯލް އޮތީ އޮއްފު އަތުގައި ކަމަށްވާއިރު، އަލުން ފެށިތަނުން ދެ ޕޮއިންޓް ހޯދައި، އޮއްފު އިން މެޗު ކާމިޔާބުކުރި އެވެ. އޮއްފުން ފަހު ސެޓު ސެޓު ގެންދިޔައީ 21-25 އިންނެވެ.

ފުރަތަމަ މުބާރާތުގެ ޝެޑިއުލް ހެދިއިރު، ރޭގަނޑު ދެ މެޗު ކުޅޭ ގޮތަށް އޮތް ނަމަވެސް މާދަމާ އިން ފެށިގެން އެއް މެޗު ކުޅޭނީ ހަވީރު އެވެ. އެ ގޮތުން މާދަމާ ހަވީރު ދިވެހި ސިފައިންގެ ކްލަބް ކުޅޭނީ ޕޮލިހާ އެެވެ. އެ މެޗު ފަށާނީ 4:15 ގަ އެވެ. އަދި މާދަމާރޭ 8:15 ގައި ފަށާ މެޗުގައި ސިޓީ ކުޅޭނީ ވެމްކޯއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox