ރޯމް، އިޓަލީ (ޖޫން 11) - މީގެ ދެ ދުވަސް ކުރިން ގެއްލުނު ހެލިކޮޕްޓަރު ފެނިފައިވާ ކަމަށާއި އަދި އޭގެއިން ދަތުރުކުރި ހަތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އިޓަލީގެ އިދާރާތަކުން ހާމަކޮށްފި އެވެ.
ޓަސްކަނީ އިން ފުރައިގެން އިޓަލީގެ އުތުރުގައި އޮންނަ ޓްރެވިސޯ އަށް ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު ރާޑަރަށް ގެއްލުނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ފަރުބަދަމަތީ ސަރަހައްދަކަށް ހެލިކޮޕްޓަރު ވެއްޓިފައިވާއިރު އޭގެއިން ދަތުރުކުރި ހަތް މީހުން ވެސް ވަނީ މަރުވެފަ އެވެ. އެއީ ތުރުކީގެ ހަތަރު މީހުންނާއި ލުބުނާންގެ ދެ މީހުންގެ އިތުރުން އިޓަލީގެ ޕައިލެޓެކެވެ. އެ މީހުން އިޓަލީއަށް ދިޔައީ ވިޔަފާރި ދަތުރަކަށެވެ.
އެ ހެލިކޮޕްޓަރު ފެނުނީ ޓަސްކަނީ އާއި އެމިލިއާ ރޮމާނާ ގުޅޭ ފަރުބަދަމަތީ ސަރައްދަކަށެވެ.
މި ހާދިސާގައި ވެއްޓުނު ހެލިކޮޕްޓަރު އޮޕަރޭޓު ކުރި ކުންފުނިން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.










