ހުޅުމާލޭ ފޭސް 2 ގައި ހަދަން ފަށާފައިވާ އެސްޓީއޯގެ ފްލެޓްތައް 18 މަސްތެރޭގައި ނިންމަން ބަޔަކާ ހަވާލުކޮށްފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު "އަދަދު" އަށް ވިދާޅުވީ 15 ބުރީގެ ދެ ޓަވަރު ހެދުމުގެ މަސައްކަތް ހަވާލުކުރީ ރާއްޖޭގައި މިހާރު ވެސް މަޝްރޫއުތައް ކުރިއަށް ގެންދާ އިންޑިއާގެ ރިނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.
"މި މަޝްރޫއު ހަވާލުކުރީ ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން. ތިން ވަނަ ޝީޓް 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ،" އަމްރު ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯއިން 2018 ގައި ހަދަން ފެށި 304 ކޮޓަރީގެ ދެ ޓަވަރުގެ މަސައްކަތް 2019 ގެ ކުރީ ކޮޅުގައި ހުއްޓާލިއިރު އަޅާފައިވަނީ ދެ ޝީޓެވެ. އެ މަސައްކަތް އޭރު ކުރަމުން ދިޔައީ އެމްސީޖީ ޗައިނާ މިލީނިއަމް ޑިވެލޮޕްމެންޓު ގްރޫޕުންނެވެ.
ކުރިން ހާމަކޮށްފައިވާ ގޮތުގައި އެސްޓީއޯގެ ފްލެޓް މަޝްރޫއުގެ އަގަކީ 27 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 4.5 މިލިއަން ޑޮލަރު އޮތީ ކޮންޓްރެކްޓަރަށް ދައްކައިފަ އެވެ.

ރިނާޓަސްގެ އިން ޓަވަރުތައް ހަދައިދޭ އަގެއް އެސްޓީއޯއިން އަދި ހާމައެއް ނުކުރެ އެވެ. އަމްރު ވިދާޅުވީ ރިނާޓަސްއިން އެސްޓީއޯގެ މުވައްޒަފުންނަށް ފްލެޓްތައް ވިއްކާނީ އެއްބަސްވެވޭ ހާއްސަ އަގެއްގައި ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ ދެވަނަ ފިޔަވަހީގައި ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ސްޓެލްކޯ އާއި އެމްއޭސީއެލް އަދި އެމްޕީއެލްގެ އިތުރުން އެމްޑަބްލިއުއެސްސީ ފްލެޓުތަކުގެ މަސައްކަތް އޮތީ ނިމުމަކާ ގާތުގަ އެވެ.
.











