ވީއޭއެމްގެ އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ވެމްކޯ އަތުން ތަފާތު ބޮޑުކޮށް ބަލިވުމުގެ މައިގަނޑު ސަބަބަކީ ޕޮލިހުގައި ހުރި ބިދޭސީ ކުޅުންތެރިޔާ، ނޭޕާލްގެ ކަމަނަ ބިސްޓާއާ އަޅާކިޔާއިރު، ކްލަބް ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ، ތައިލެންޑްގެ ޕަޗަރަޕޯން ސިތިސާދުގެ ހުނަރުވެރިކަމާއި، މޮޅު ކުޅުން ކަމަށް ޕޮލިސް ކުލަބުގެ ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ) ބުނެފި އެވެ.
އަހަރުގެ ފުރަތަމަ އަންހެން މުބާރާތުގެ ފައިނަލުގައި ރޭ ޕޮލިސް ކުލަބު ވެމްކޯ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ޓެލެންޓްގެ އެވޯޑު ހޯދީ ވެމްކޯގެ ޕަޗަރަޕޯން އެވެ. ފައިނަލް މެޗަށް ބަލާއިރު، ޕަޗްރަޕޯން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.
ފައިނަލް މެޗަށް ފަހު ނަދީމްބެ ބުނީ މި ލެވެލްގައި ކުޅޭއިރު ބިދޭސީ ކުޅުންތެރިޔާ އަކީ މެޗުގެ 80 އިންސައްތަ ޑިސައިޑް ކުރާ ކުޅުންތެރިއެއް ކަމަށާއި، ޕޮލިހުގެ ނޭޕާލް ކުޅުންތެރިޔާ، ކަމަނަ ބިސްޓާގެ ކުޅުން ފެނުނީ ހީކުރިވަރަށް ވުރެ ދަށްކޮށް ކަމަށެވެ.
"މެޗަކުން ބަލިވީމަ ބަހާނާ ދައްކާކަން އަސްލު ބޭނުމެއް ނޫން. އެކަމަކު، މި ފަހަރު އަޅުގަނޑުމެންނަށް ގެނެވުނު ބިދޭސީ ކުޅުންތެރިޔާގެ ޕާފޯމަންސް ދިވެހި ކުޅުންތެރިންނަށް ވުރެ ދަށް. ވެމްކޯގަ ހުރި ކުޅުންތެރިޔާ އެބަ ކުޅޭ އެ ޓީމްގެ 80 ޕަސެންޓް އެޓޭކުގައި. އެތަފާތުވެސް ވަރަށް ބޮޑަށް ފެނުނު." ނަދީމްބެ ބުންޏެވެ.
ޕޮލިހާ އެކު އަންހެން ވޮލީގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ނަދީމްބެ ބުނީ ރާއްޖޭގެ ޓީމްތަކަށް ގިނަ ފަހަރު ބިދޭސީ ކުޅުންތެރިން ގެންނަނީ މާ ބޮޑަށް އެނގި ޔަގީންވެގެން ނޫން ކަމަށެވެ. އަދި އަލަށް ގެންނަ ކުޅުންތެރިން ގެންނަނީ އޭޖެންޓުންނާއި ވާހަކަދައްކައިގެން ވީޑިއޯތައް ބެލުމަށްފަހު ކަމަށެވެ.

ފައިނަލް މެޗުގެ ތެރެއިން ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ، ޕަޗަރަޕޯން (ވ) އެ ޓީމުގެ ސެޓަރު ޖޫޒާންއާ ސަލާމްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އާންމުކޮށް ރަނގަޅު ކުޅުންތެރިން ގެނެވުނު ކަމުގައިވިޔަސް މިފަހަރު މި ގެނެވުނު ކުޅުންތެރިޔާ، ކަމަނަ ބިސްތާ އަކީ އެކުލަބަށް އެންމެ އެކަށީގެން ކުޅުންތެރިޔާ އަށް ނުވީކަމަށް އޭނާ ބުންޏެވެ.
"ބިދޭސީ ކުޅުންތެރިޔާ އަކީ މި ލެވެލްގައި ކުޅޭއިރު، 80 ޕަސެންޓް ނުވަތަ 90 ޕަސެންޓް ވަރު ލީޑު ކުރާ ކުޅުންތެރިޔާ. އެއީ އެންމެ ބޮޑު ތަފާތަކީ އަސްލު. މި ފަހަރު ގެނައި ކުޅުންތެރިޔާއަކީ ޕޮލިސް ކުލަބަށް އެންމެ އެކަށީގެންވާ ކުޅުންތެރިޔާ އެއް ނޫން." ނަދީމްބެ ބުންޏެވެ.
ނަދީމްބެ ބުނީ ފުރަތަމަ ސެޓުގައި ރަނގަޅަށް ކުޅެވުނު ނަމަވެސް މެޗުގެ ވަކި ހިސާބަކުން ޕޮލިހުން ދެއްކީ ދަށް ކުޅުމެއް ކަމަށެވެ. އޭނާ ބުނީ ފައިނަލެއްގައި ޕާފޯމް ކުރަންވާ ވަރަށް ޕޮލިހަށް މި މެޗުގައި ނުކުޅެވުނު ކަމަށެވެ.
"މި މެޗު އެންމެ ރަނގަޅަކަށް ނޫން ކުޅެވުނީކީ. ފުރަތަމަ ސެޓު ރަނގަޅަށް ކުޅެފަ އެ ސެޓުން ބަލިވެ ދެ ވަނަ ސެޓާ އެކު ކުޅުން ވަރަށް ދަށްކޮށް މި ދިޔައީ. ރަނގަޅު ތަނަށް ނުދެވި ބޯޅަތައް ނުނެގުމާ. ކުޅިވަރަކީ މިކަހަލަ އެއްޗެއް. ކޮންމެވެސް އެއް ބަޔަކު މޮޅުވާނީ." އޭނާ ބުންޏެވެ.
ނަދީމްބެ ދެން ފާހަގަކުރި އަނެއް ކަމަކީ ޕޮލިހުގެ ސެޓަރު، ހައިފާ އިމާދު އާއި ވެމްކޯގެ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރުގެ ތަފާތެވެ. ނަދީމްބެ ބުނީ ޕޮލިހުގައި ހުރި ޒުވާން ސެޓަރު، ހައިފާ އަކީ މި ލެވެލްގެ ވޮލީއަށް އާ ސެޓަރެއް ކަމަށާއި، މިއީ އޭނާއަށް ލިބޭނެ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ސެޓަރަކީވެސް ވަރަށް ޒުވާން ސެޓަރެއް. އަލަށް މިވަރުގެ ޕްރެޝަރު މެޗަކަށް އެ ނުކުތީވެސް. އެހެންވެ އޭނާގެ ތަޖުރިބާތަކެއް ނުއެއް ހުންނާނެ. ވެމްކޯގެ ޖޫޒާން އަކީ ރާއްޖޭގައި ހުރި އެންމެ މޮޅު ސެޓަރު، އެހެންވީމަ އެކަމުގެ އެޑްވާންޓޭޖް ވެސް އެ ޓީމަށް އެބައޮތް. ދެން ހަމަ ޓީމެއްގެ ގޮތުގައި ވެސް ވެމްކޯ ފެނުނީ ވަރަށް މޮޅަށް ކުޅުނުތަން. އެ ޓީމަށް މަރުޚަބާ ކިޔަން ހޯދި ފުރިހަމަ ކާމިޔާބީ އަށް." ނަދީމްބެ ބުންޏެވެ.
"ދެން އަޅުގަނޑުމެންގެ ކުޅުންތެރިން ކުރި މަސައްކަތް ވެސް އަޅުގަނޑު ފާހަގަކުރަން. ހުރިހާ ކުދިންނާއި، އެންމެންނަށް ވެސް ހަމަ ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. އަޅުގަނޑުމެން ހިތްވަރު އެލުވައެއް ނުލާނަން. އިރާދަކުރެއްވިއްޔާ ރަނގަޅު އަޒުމެއްގައި އެނބުރި އަންނާނެ،"
މުޅި މުބާރާތުގައި ޕޮލިސް ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވީ ދެ މެޗުންނެވެ. އެއީ ފުރަތަމަ ސެމީގައި ވެމްކޯ އަތުންނާއި ފައިނަލުގައި ވެމްކޯ އަތުންނެވެ.












