ވޮލީއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު އެނބުރި އައިސް ކުލަބް އީގަލްސްއާ އެކު ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށާއި، އަންހެނުން ބާރުވެރިކުރުވަން ދެއްކުނު ނަމޫނާއާ މެދުވެސް ފަހުރުވެރިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ތިން ވަނަ ހޯދި އީގަލްސް ކޯޗު މުނާ މުނީރު (މުންނަ) ބުނެފި އެވެ.
މުންނަގެ ކޯޗުކަމުގެ ދަށުން ކުޅުނު އީގަލްސް އަށް އެސޯސިއޭޝަން ކަޕްގެ ތިން ވަނަ ލިބުނީ މުބާރާތުގެ ސެމީ ފައިނަލް ފަހު މެޗުގައި ޕޮލިސް ކުލަބު އަތުން ބަލިވުމުންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ، އެ ޓީމަށް ލިބުނީ ގްރޫޕުގެ ދެ ވަނަ އެވެ. އޭގެ ފަހުން ސެމީ ފައިނަލް ދެ ވަނަ މެޗުގައި ކުލަބު ވޮލީބޯލް ބަލިކޮށް ތިން ވަނަ ސެމީ އިން ޖާގަ ހޯދި އެވެ. ނަމަވެސް ވަރުގަދަ ޕޮލިސް އަތުން 3-1 ސެޓުން ބަލިވީ އެވެ.
މުބާރާތުގައި އީގަލްސްގެ ފަހު މެޗަށް ފަހު ވާހަކަދައްކަމުން މުންނަ ބުނީ ލިމިޓެޑް ކުޅުންތެރިންތަކަކާ އެކު ނުކުމެ ތިން ވަނަ ލިބުމުން ވެސް ހިތްހަމަޖެހޭ ކަމަށެވެ. އަމާޒަކަށްވީ ފައިނަލުގައި ކުޅުން ކަމަށާއި، ނަމަވެސް ސެމީ ފަހު މެޗުގައި ޓީމުގެ މުހިންމު ކުޅުންތެރިންނަށް އެއް ފެންވަރެއްގައި ނުކުޅެވުނު ކަމަށް މުންނަ ފާހަގަކުރި އެވެ.
"އަނެއްހެން ބުނަންޏާ މުބާރާތުގެ މިހާ ހިސާބަށް ޓީމު މިއައީ ވަރަށް ރަނގަޅަށް ޕާފޯމްކޮށްގެން. ވަރަށް ލިމިޓެޑް ޕްލޭޔަރުން މި ތިބީ. އަނެއްހެން ބުނަންޏާ ބަދަލެއް ގެންނާކަށް ވެސް އަސްލު މި ޓީމްގައި ނެތް ކުޅުންތެރިއެއް. ގިނަ މެޗުވެސް ކުޅުނު އެއް ޓީމަށްވާނެ. ރެސްޓު މަދުކޮށް މިހާ ހިސާބަށް އާދެވުނީ ވެސް ވަރަށް މަސައްކަތުން. (ތިން ވަނަ ސެމީގައި) އަސްލު ލޯކަލް ޕްލޭޔަރުންގެ ކުޅުން ދަށްކޮށް މިދިޔައީ. މަސައްކަތްކުރާ ގަޑީގަ ވަރަށް ރަނގަޅު. އެކަމަކު، ދަށްކޮށްދާގަނޑީގަ ގިނަ ޕޮއިންޓް ގެއްލެނީ." މުުންނަ ބުންޏެވެ.
އޭނާ ބުނީ އެންމެ ބޮޑަށް ފާހަގަވީ ބައެއް ކުޅުންތެރިންގެ މެޗު ފިޓްނަސް ނެތުމުގެ މައްސަލަ ކަމަށެެވެ، ކުޅުމާ ދުރުގައި ހުރެފައި މި ގޮތަށް ކުއްލިއަކަށް އައިސް ވަރުގަދަކޮށް އެއްވަރެއްގައި ކުޅެން ކުޅުންތެރިންނަށް އުނދަގޫވީ ކަމަށް މުންނަ ފާހަގަކުރި އެވެ.
ރާއްޖޭގައި މި ވަގުތު ހުރި ވޮލީގެ އަންހެން މަދު ކޯޗުންގެ ތެރޭގައި ހިމެނޭ މުންނަ ބުނީ ތިން ވަނައާ ހަމައަށް އީގަލްސް އައީ ގިނަ ގޮންޖެހުންތަކަކާ އެކު ކަމަށެވެ.
މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ އަންހެން ބައިގައި 10 ޓީމެއް ބައިވެރިވި އެވެ. މި 10 ޓީމަށް ބަލާއިރު، ކުޅުންތެރިންނާ އެކު ހުސް އަންހެން އޮފިޝަލުން ތިބި ހަމައެކަނި ޓީމަކީ އީގަލްސް އެވެ.
މުންނަ ބުނީ އަންހެން ޓީމް ގޭމަކަށް ބަލާއިރު ވޮލީ އަކީ އެއް ވަނަ ކުޅިވަރަށްވެފައި މި ކުޅިވަރުގައި އަންހެން އޮފިޝަލުންނަށް ފުރުސަތު ދެވޭ މިންވަރު ނިސްބަތުން މަދު ކަމަށެެވެ. އެހެންކަމުން އޭނާ ބޭނުންވީ ހުސް އަންހެން އޮފިޝަލުންނާ އެކު ވެސް ކުރިއަށްދެވޭނެކަން ހާމަކޮށް މި ދާއިރާގައި މި ކަމަށް ގާބިލް މީހުން ތިބިކަން ދެއްކުން ކަމަށް މުންނަ ބުންޏެވެ.
"އަޅުގަނޑު މި ޓީމްގައި ހުސް އަންހެން އޮފިޝަލުން ބޭތިއްބުމުގެ މައިގަނޑު ބޭނުމަކީ އަސްލު ރާއްޖޭގައި ވޮލީއަކީ އަންހެން ޓީމް ގޭމެއްގައި އެއް ވަނަ ކުޅިވަރު. އެކަމަކު އަންހެނުންނަށް އަހަމިއްޔަތު ކުޑަކަން އަޅުގަނޑަށް ފާހަގަވީ. މީހުން ނެތީ އެއް ނޫން. މީހުން އެބަތިބި. ބޭނުން ކުރަން ޖެހިލުންވަނީ ކަމަށް ވެސް ވެދާނެ. އެކަން ވެސް އަސްލު ދައްކާލަން ބޭނުންވީ، އަންހެނުންނަށް ވެސް މިކަން ވާނެކަން." މުންނަ ބުންޏެވެ.
އޭނާ ބުނީ ގިނަ ދުވަސްތަކެއް ވޮލީއާއި ދުރުގައި ހުރެފައި އެނބުރި ކޯޗިންގެ ތެރެއަށް އައުމުގެ ބޭނުމަކީ ބާކީ ވަމުން އަންނަ ސީނިއާ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އެ ވިސްނުމުގައި އިގަލްސްއާ ހަވާލުވެ، ކުރެވުނު މަސައްކަތުން އަމިއްލަ ނަފްސަށް އޮތް އިތުބާރު ވެސް ބޮޑުވެފައިވާ ކަމަށެވެ.
"ވަރަށް ގިނަ ދުވަސްކޮށްފަ ކޯޗެއްގެ ގޮތުގައި މި ނުކުތީ. ވޮލީއާއި ދުރުގައި ހުރެފައި. އަސްލު ކޮމްޕެޓިޝަންއެއް ދޭން ބޭނުންވީ. އެއީ މި ޓީމްގައި އަސްލު މި ތިބި ގިނަ ކުޅުންތެރިން އެހެން ޓީމަކަށް ދިޔަނަމަ ބެންޗުގަ ކަންނޭގެ ތިބޭނީ. އެހެންވެ އަސްލު މި ޓީމް އެކުލަވާލީ ވެސް." އޭނާ ބުންޏެވެ.
ދެ ހަފްތާއެއްހާ ދުވަހުގެ މަސައްކަތުން އީގަލްސް އިން ޓީމެއް އެކުލަވާލައި، ވޮލީ ސީޒަނުގައި ބައިވެރިވާން ނިންމީ އެ ކްލަބްގެ ޗެއާޕާސަން ފާތިމަތު ސުއާދު (ތާތު)ގެ އިސްނެންގެވުމަކާ އެކު އެވެ. އީގަލްސް އަކީ ހަމައެކަނި ފުޓްބޯޅަ އަށް އިންވެސްޓްކުރާ ކްލަބެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އެކި ކުޅިވަރުތަކުގައި އެ ޓީމު ބައިވެރިކޮށް، ފައިތިލަ ސާބިތުކުރުމަކީ ތާތު ގެންގުޅުންވާ ތަސައްވުރެކެވެ.












