ކުލަބު އީގަލްސްގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައި، ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލުގެ ފަހު ޖާގަ ޕޮލިސް ކުލަބު ޖާގަ ހޯދައިފި އެވެ.
އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޕޮލިސް ކުލަބު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއާ ދެކޮޅަށެވެ. ވެމްކޯ ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި 3-2 ސެޓުން ޕޮލިސް ބަލިކޮށްގެންނެވެ.
އެންމެ ފަހުން އެސޯސިއޭޝަން ކަޕް ބޭއްވީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އެ ފަހަރު ޕޮލިސް 3-1 ސެޓުން ބަލިކޮށް ތަށި އުފުލާލީ ވެމްކޯ އިންނެވެ. ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ވެސް ވެމްކޯ ވަރުގަދަ ރޫހެއްގައި ނުކުމެ، މި ވަނީ ތަށި ދިފާއުކުރުމުގެ ފުރުސަތު ފަހިކޮށްފަ އެވެ.
މިރޭގެ ސެމީ ފައިނަލް މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމް ފެނުނީ ހަމަހަމަކޮށެވެ. ނަމަވެސް ސެޓުގެ މެދަކާ ހިސާބުން ޕޮލިހުން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައި އެ ލީޑު ދެމެހެއްޓި އެވެ. ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި ނޭޕާލުގެ ކުޅުންތެރިޔާ ކަމަނަ ބިސްޓާ އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޝަހާ ޝާމިންގެ ބާރު ހަމަލާތަކާ އެކު ސެޓުގެ ފަހުކޮޅުން ލީޑު ފުޅާކޮށް 25-17 އިން މި ސެޓު ކާމިޔާބުކުރި އެވެ.

ޕޮލިހުގެ ޝަހާގެ ޝޮޓެއް ބްލޮކްކުރަން އީގަލްސްގެ ޝައްފަ އާއި ރާޝިދާ މަސައްކަތްކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު
ފުރަތަމަ ސެޓު ގެއްލުމާ އެކު އާ ހިތްވަރެއްލައި، އީގަލްސް ދެ ވަނަ ސެޓުގެ ފެށުން ރަނގަޅު ކުރި އެވެ. ސެޓު ފަށައިގެން ދެ ޕޮއިންޓްގެ ލީޑެއް ދަމަހައްޓަމުން ގޮސް ފަހުކޮޅުން އެ ލީޑު ފުޅާކުރި އެވެ. މި ސެޓުގައި ޕޮލިހުން ގިނަ ގޯސްތަކެއް ހެދިތަން ފެނުނެވެ. އެ ގޮތުން ސާވިސްތަކެއް ބޭކާރުކޮށްލިއިރު، ހުސްކޮށް ނިންމާލަން ލިބުނު ބޯޅަތަކުގެ ބޭނުންވެސް ނުކުރެވުނެވެ. އީގަލްސް އިން އޭގެ ފައިދާ ނަގައި، ސްރީ ލަންކާގެ ކުޅުންތެރިޔާ، ދިނޭޝާގެ އެޓޭކުތަކާ އެކު 17-25 އިން މި ސެޓު ކާމިޔާބުކުރި އެވެ.
ތިން ވަނަ ސެޓު ފަށައިގެން ޕޮލިހުން އޮތީ ރަނގަޅު ލީޑެއްގަ އެވެ. މެދުތެރެއިން ހަތް ޕޮއިންޓުގެ ލީޑެއް ވެސް ނެގި އެވެ. ނަމަވެސް އީގަލްސް އިން ޑިފެންސް ރަނގަޅުކޮށް، ކެޕްޓަން އައިޝަތު ޝައްފަ އާއި ދިނޭޝާގެ ހަމަލާތަކާ އެކު 22-20 އަށް ސްކޯ ކައިރިކުރި އެވެ. ނަމަވެސް ފަހު ވަގުތު ދެ ޓައިމް އައުޓް ނަގައި ޓީމް ހަމައަކަށް އަޅުވައި 25-20 އިން ޕޮލިހުން މި ސެޓު ހޯދި އެވެ.
ހަތަރު ވަނަ ސެޓު ވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ދާދި ހަމަހަމަކޮށް ފެނުނު މި ސެޓުގެ ފަހުކޮޅުގައި އީގަލްސް އަށް ލީޑުވެސް ލިބުނެވެ. ނަމަވެސް އެ ލީޑު އެޓީމަށް ހިފަހައްޓާލެވޭ ގޮތެއް ނުވި އެވެ. މި ސެޓުގައި، 19-18 ގައި އޮއްވާ ފަހަތުން އަރައި 24-19 ގައި ބޮޑު ލީޑެއް ޕޮލިހުން ހޯދި އެވެ. ނިންމާލަން ލިބުނު ގިނަ ބޯޅަތަކުގެ ބޭނުން ނުކުރެވި ފަހު އީގަލްސް އަށް ފަހު ސެޓާއި މެޗު ގެއްލުނީ 25-20 އިންނެވެ. މި ސެޓު ޕޮލިހަށް ހޯދުމުގައި ފަހުކޮޅުގައި، އައިޝަތު އަޒީފާ (އައްޒަ) މުހިންމު ޕޮއިންޓްތަކެއް ހޯދައިދިނެވެ.
މިރޭގެ މެޗަށް ފަހު، މުބާރާތުގެ ތިން ވަނަ ހޯދި އީގަލްސް ޓީމަށް މެޑަލް ހަވާލުކޮށްދެއްވީ، ރާއްޖޭގެ ވޮލީބޯޅަ ލެޖެންޑް، ސައްޔިދު އަލީ އެވެ. ދެ ހަފްތާއެއްހާ ދުވަސްތެރޭ ޓީމެއް އެކުލަވާލައި، މުނާ މުނީރް (މުންނަ)ގެ ކޯޗުކަމުގައި އީގަލްސް އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެ، ބްރޭކަކަށް އައި ކުޅުންތެރިން އީގަލްސް ޖޯޒީގައި މި ފަހަރު ރަނގަޅު ކުޅުމެއް ދެއްކި އެވެ.












