މި ފަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ސެމީ ފައިނަލުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް ޒުވާން ކުޅުންތެރިން ތަކެއް ގޮވައިގެން ނެރެވުނު ނަތިޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި، ސެމީ ފައިނަލަށް އާދެވުމަކީ ވެސް ކާމިޔާބެއްގެ ގޮތުގައި ދެކޭ ކަމަށް ކުލަބު ވޮލީބޯލްގެ ކޯޗު އަބްދުލް ހަސީބު އިބްރާހިމް ބުނެފި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ސެމީ ފައިނަލް މެޗުތައް ވަނީ ނިމިފަ އެވެ. ޕޮލިސް ބަލިކޮށް ވެމްކޯ ސީދާ ފައިނަލަށް ދިޔައިރު، އީގަލްސް އިން ވަނީ ކުލަބު ވޮލީބޯލް ބަލިކޮށް ފައިނަލުގެ ތިން ވަނަ ސެމީ އަށް ދަތުރުކޮށްފަ އެވެ. އީގަލްސް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ހޯދީ ޕޮލިހުންނެވެ.
ކުލަބު ވޮލީބޯލް ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތިން މެޗުން މޮޅުވެގެންނެވެ. ބަލިވީ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އަތުންނެވެ. ސެމީ ފައިނަލުގައި އެ ޓީމު އީގަލްސް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.
ސެމީ ފައިނަލް މެޗަށް ފަހު ކުލަބު ވޮލީބޯލްގެ ކޯޗު ކުލަބު ވޮލީބޯލްގެ ކޯޗު އަބްދުލް ހަސީބު އިބްރާހިމް، "އަދަދު" އަށް ބުނީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގިނަ އާ ކުޅުންތެރިތަކަކާ އެކު މުބާރާތަށް ނުކުމެ، ރަނގަޅު ހިސާބަކަށް އާދެވުން ކަމަށެވެ.
އޭނާ ބުނީ ބައެއް ކުޅުންތެރިން ވަރަށް ބޮޑު ކުރިއެރުމެއް މި މުބާރާތުން ހޯދި ކަމަށެވެ. އެ ކުޅުންތެރިންނަކީ ބޮޑެތި އެހެން ކުލަބުތަކަށް ކުރިއަށް އޮތްތާނގައި ކުޅޭނެ ކުޅުންތެރިން ކަމަށް ގަބޫލުކުރާ ކަމަށް ވެސް ހަސީބު ވަނީ ބުނެފަ އެވެ.
"މިވަރުގެ މުބާރާތަކަށް އައިސް މި ލިބޭ ތަޖުރިބާ އަކީ މި ކުޅުންތެރިންނަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް. މީގެ ތެރެއިން ބައެއް ކުދިން މި މުބާރާތުގައި ވަރަށް ރަނގަޅަށް ކުޅެފި. އެކުދިން އެހެން ޓީމްތަކަށް ވެސް ގެންދާނެ ކަމަށް ބެލެވޭ. އެކަން އެބަ ފެނޭ ކުރިއެރުމަށް ބަލާއިރު ވެސް." ހަސީބު ބުންޏެވެ.
ހަސީބު ބުނީ ކޮލެޖުގައި ކިޔަވާ ގިނަ ކުދިން ޓީމުގައި ތިބުމަކީ ޕްރެކްޓިސްތައް ބޭނުންވާ ގޮތަށް ގެންދަން އުނދަގޫވި ކަމެއް ކަމަށެވެ. އެހެން ނަަމަވެސް އެ ކުދިންގެ ހިތްވަރާ އެކު ކުރެވުނު މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.
"އަސްލު މުބާރާތް އޮތް ދުވަސްވަރާ، ކޮލެޖުގައި ކިޔަވާ ދުވަސްވަރާ މި ދީމާވީ، ގިނައިން މިއުޅެނީ ކޮލެޖުގައި އުޅޭ ކުދިން. ޕްރެކްޓިސް އަށްވެސް އެ އަންނަނީ ހަމަ ކިޔެވުމުގައި އުޅެފައި." އޭނާ ބުންޏެވެ.
ހަސީބު ބުނީ ޒުވާން އާ ކުޅުންތެރިންގެ ކުރިއެރުމަށް މި ފަދަ މުބާރާތްތައް މުހިންމު ކަމަށާއި، އަންހެން ކުޅުންތެރިންނަށް އިތުރު މުބާރާތްތަކެއް އޮންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"މި ކަހަލަ ގިނަ ފުރުސަތު ލިބޭ ކަމަށް ވަންޏާ މި ކުދިން ވަރަށް ބޮޑަށް ކުރިއަރާނެ. ކުރިއަށް އޮތްތާނގައި މިގޮތަށް ފުރުސަތު ލިބޭނެ ކަމަށް މި އުއްމީދު ކުރަނީ." ހަސީބު ބުންޏެވެ.
ގިނަ ޓީމުތަކާ އެކު ކުޅޭ މުބާރާތްތަކުގެ ފައިދާ އަކީ ގިނަ ކުުޅުންތެރިންނަށް ކުރިއަށް ދިއުމުގެ ދޮރު ހުޅުވިފައި އޮތުން ކަމަށް ހަސީބުގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.












