ވީއޭއެމް އެސޯސިއޭޝަން ކަޕް އަންހެން ޑިވިޝަނުގެ ފުރަތަމަ ސެމީގައި ޕޮލިސް ކްލަބް ބަލިކޮށް، މެޗަކުން ބަލިނުވެ، އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދިއިރު، ދެ ވަނަ ސެމީގައި ފަސޭހަކަމާ އެކު ކްލަބް ވޮލީބޯލްގެ މައްޗަށް ކުރިހޯދައި ކްލަބް އީގަލްސް އިން ތިން ވަނަ ސެމީ އަށް ދަތުރުކޮށްފި އެވެ.
މިރޭ ކުޅުނު ފުރަތަމަ ސެމީގައި ފޯރިގަދަ ކުރިމަތިލުމަކަށް ފަހު ޕޮލިހުގެ މައްޗަށް ވެމްކޯ ކުރިހޯދީ 3-2 ސެޓުންނެވެ. އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ފައިނަލުގައި ވެމްކޯ ކުޅޭ ޓީމެއް އެނގޭނީ މާދަމާރޭ ކުޅޭ ތިން ވަނަ ސެމީ ފައިނަލަށް ފަހު އެވެ. ތިން ވަނަ ސެމީގައި ޕޮލިސް ކުޅޭނީ އީގަލްސްއާ އެވެ. އީގަލްސް ވަނީ މިރޭ ކްލަބް ވޮލީބޯލް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި މިރޭ ވެމްކޯ އިން ވަނީ ޕޮލިހާ ދެކޮޅަށް ފުރަތަމަ ދެ ސެޓުގައި މޮޅު ކުޅުމެއް ދައްކައި، ދެ ސެޓު ގެންގޮސްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު، ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ، ޕަޗަރަޕޯން ސިތިސާދު އާއި އައިޝަތު މާޖިދާ އަދި އައިމިނަތު އަރީޝާގެ ބާރު ޝޮޓްތަކެއް ފެނިގެންދިޔައިރު، މިރޭގެ މެޗަކީ މި ފަހަރުގެ މުބާރާތުގައި ވެމްކޯގެ ސެޓަރު، ޖޫޒާން ޒަރީރު އެންމެ ރަނގަޅު ފޯމެއްގައި ކުޅުނު މެޗެވެ. އަދި ވެމްކޯގެ މިޑްލްބްލޮކަރު، ހައްވާ ނާޒިމާ ވެސް މި މެޗުގައި މުހިންމު ބޯޅަތަކެއް ސަލާމަތްކުރި އެވެ. ފުރަތަމަ ދެ ސެޓު، ވެމްކޯ އިން ގެންދިޔައީ، 25-15 އާއި 25-21 އިންނެވެ.
ދެ ވަނަ ސެޓުގައި، ޕޮލިހުން މަޑުމަޑުން ގޭމްގެ ތެރެއަށް ވަދެ ހިތްވަރެއް ހޯދި އެވެ. އޭގެ ތަފާތު ފެނުނީ ތިން ވަނަ ސެޓުގަ އެވެ. ޕޮލިހުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު އަޒީފާ (އައްޒަ)ގެ ތަޖުރިބާ އާއި އެ ޓީމުގެ އެޓޭކަރު، ޝަހާ ޝާމިން ކުޅުން ރަނގަޅުކޮށް، ވެމްކޯ އިން ހެދި ގޯސްތަކުގެ ފައިދާ ނަގަން ފެށި އެވެ. ޕޮލިހުގެ ސެޓަރު، ހައިފާ އިމާދުގެ ރަނގަޅު ބޯޅަތަކެއް ތިން ވަނަ ސެޓުގައި ފެނުނުއިރު، ޕޮލިސް ޓީމުގައި ހިމެނޭ ނޭޕާލް ގައުމީ ޓީމުގެ ކަމަނަ ބިސްޓާގެ މޮޅު ކުޅުމާ އެކު، އެ ޓީމުގެ އެޓޭކް ވެސް ހުއްޓުވޭނެ ގޮތެއް ގިނަ ފަހަރު ވެމްކޯ އަށް ނުހޯދުނެވެ. ނަތީޖާ އަކަށްވީ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު، ޕޮލިހުން ގެންގޮސް މެޗު ފަސް ވަނަ ސެޓަށް ގެންދިއުމެވެ. ޕޮލިހުން ސެޓުތައް ގެންދިޔައީ، 21-25 އާއި 22-25 އިންނެވެ.
ނަތީޖާ ނެރެން ކުޅުނު ސެޓުގައި، ވެމްކޯ ފެނުނީ ވަރަށް ތަފާތުކޮށެވެ. މި ސެޓުގައި ޕޮލިހަށް އެއްވެސް ވަރަކަށް ނުރައްކާ ނުކުރެވުނުއިރު، ވެމްކޯ ސެޓު ގެންދިޔައީ 15-05 އިންނެވެ.

އީގަލްސްގެ ހައްވާ ސަހާ މިރޭގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު
ސެމީގެ ދެ ވަނަ މެޗުގައި މިރޭ ކްލަބް ވޮލީބޯލް ކައިރީގައި އީގަލްސް މުޅި މެޗު ކުޅުނީ ޕްރެޝަރެއް ނެތި ހަމަޖެހިގެންނެވެ. އީގަލްސް ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ރަނގަޅަށް ހިފައި، އެ ޓީމުން ކޮންމެ ސެޓެއްގެ ބޮޑުބައި ނިންމާލީ ކޮންޓްރޯލްގައި އޮވެ އެވެ.
އެ ގޮތުން އީގަލްސް އިން ސެޓުތައް ގެންދިޔައީ 25-09، 25-09 އަދި 25-16 އިންނެވެ.
މުޅި މެޗުގައި ވެސް ވަރަށް ބޮޑު އިތުބާރަކާ އެކު އީގަލްސް އިން ކުޅުނުއިރު، މި މެޗުގައި އެ ޓީމުން ވަރަށް ބޮޑަށް ޓީމުގެ ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތު ދިނެވެ. އެއީ މާދަމާރޭ ތިން ވަނަ ސެމީ ކުޅެން ޖެހޭނެތީ އެވެ. އެ ގޮތުން އީގަލްސް އިން މި މެޗުގައި އެ ޓީމަށް ކުޅޭ ސްރީ ލަންކާގެ ކުޅުންތެރިޔާ، ދިނޭޝާ ޕްރަސަދާނީ ބޭނުންކުރީ ނިސްބަތުން ބަލާއިރު، ވަރަށް މަދުންނެވެ.
ކްލަބް ވޮލީބޯލްގައި ބިދޭސީ ކުޅުންތެރިއެއް ނެތްއިރު، އެ ގެއްލުން އެ ޓީމަށް އޮތެވެ. އަނެއް ކޮޅުން، އީގަލްސްގައި ތިބި ލޯކަލް ކުޅުންތެރިންނަކީ ވެސް ގައުމީ ޓީމު ތަމްސިލްކޮށްފައިވާ ކުޅުންތެރިން ކަމަށްވާތީ އެ ތަފާތު ފެނުނެވެ. އެ ގޮތުން އީގަލްސްގައި ހިމެނޭ، ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އައިޝަތު ޝައްފަގެ އިތުރުން ހައްވާ ސަހާ، މަރިޔަމް އަޒުމާ އަދި ފާތިމަތު މަޒިއްޔާ ވަނީ ރަނގަޅު ކުޅުމެއް މި މެޗުގައި ދައްކައިފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ އީގަލްސްގެ އަޒުމާ އެވެ.
ޕޮލިސް އާއި އީގަލްސް ވަނީ މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން ސީދާ ތިން ސެޓުން މޮޅުވީ ޕޮލިހެވެ. މާދަމާރޭ ޕޮލިހާއި އީގަލްސް ކުޅޭ ތިން ވަނަ ސެމީ ފައިނަލް މެޗު ފަށާނީ 20:15 ގަ އެވެ.












