ރިޕޯޓުސިޔާސީ ކޯޅުންގަނޑާއެކު ޖުޑިޝަރީގައި މި ހިންގަނީ ކޮންކަމެއް؟

ސިޔާސީ ކޯޅުންގަނޑާއެކު ޖުޑިޝަރީގައި މި ހިންގަނީ ކޮންކަމެއް؟

އެނގެން އޮތް ކަމަކީ ޖުޑިޝަރީ ތެރެއަށް ސިޔާސީ ވާދަވެރިކަމުގެ އަސަރުކޮށްފައިވާ ކަމެވެ. ޖުޑިޝަރީ އިސްލާހުކޮށް ޖަވާބުދާރީކުރުވަން އެއްބައި ކިޔައިގެން ތިބި ސިޔާސީވެރިން, އެކި ކޮޅުކޮޅަށް އެނބުރި, އަމާޒުން ނެއްޓިފައިވާ ކަމެވެ.

ސިޔާސީ ކޯޅުންގަނޑާއެކު ޖުޑިޝަރީގައި މި ހިންގަނީ ކޮންކަމެއް؟

ސަރުކާރު ހިންގަން އޮތް އެމްޑީޕީގެ ސުޕާ މެޖޯރިޓީ ތެރޭ ރެނދުލައި, ސިޔާސީ ބޮޑު ކޯޅުންގަނޑެއް އުފެދިފައި އޮތްއިރު, އޭގެ ހޫނުކަމާއި އަސަރުތައް މިހާރު މިވަނީ ޝަރުއީ ނިޒާމާ ހަމައަށް ވެސް ފޯރާފަ އެވެ. ހައިކޯޓު ފަނޑިޔާރުން ވަކިކުރުމުގައި ފެންމަތިކުރި އިޖުރާއީ އަދުލުވެރިކަމުގެ ބަހުސުގެ ތެރެއިން ފެނިގެން ދިޔައީ ސިޔާސީ ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން ނުކުތް ގޮންޖެއްސެވުންތަކެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކާ ނުލައި ސަރުކާރުން ހުށަހެޅި ހާއްސަ އަގެއްގައި ފްލެޓްތަކެއް ބައްލަވައިގަނެ, އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވި ގޮތަކަށް ހުކުމެއް ނެރެދެއްވި ކަމުގެ ތުހުމަތުގައި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އަދި އަބްދުالله ހަމީދު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން, ޖޭއެސްސީން ނިންމި އެވެ. އެ މައްސަލަ އޮންނަ އުސޫލުގެ ތެރެއިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ހަމައަށް ފޯރުމާއެކު އެ މައްސަލަ އަނބުރާ ފޮނުވާލަން ނިންމީ އިޖުރާއަތްތަކެއް ފުރިހަމަ ނުވާ ކަމަށް ބުނެ އެވެ. އެކަމަކު, އެކަމަށް ޖޭއެސްސީން އިންކާރުކުރި އެވެ.

އެ އިޖުރާއަތުގެ ދަށުން މީގެކުރިން ވެސް 99 މައްސަލައެއް ފޮނުވާފައިވާ ކަމަށް ބުނެ, އިޖުރާއަތުގެ ދިފާއުގައި ޖޭއެސްސީ އޮތްވައި, އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އެރީ ޖޭއެސްސީ ކޮޅަށެވެ. ކޮމިޓީގެ ރިޕޯޓް ބޮލާލައި ޖަހައި, ޖޭއެސްސީން އެދުނު ގޮތަށް ފަނޑިޔާރުން ވަކިކުރުމަށް ވޯޓު ދިނުމަށް ވިޕް ނެރުނެވެ. ފާހަގަވާން އޮތް ކަމަކީ, ޖޭއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ކަމެވެ. ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކީ އިމްތިޔާޒު ފަހުމީ ކަމެވެ.

"މިހާރު މިއުޅެނީ އިމްތިޔާޒު ފަހުމީގެ ކޮމިޓީން ނިންމީމާ ބަޔަކު މީހުން ހިތްހަމަނުޖެހިގެން ވިޕްލައިން ނެރެގެން, މިހާރު ވެސް މި އުޅެނީ ހިލާފެއް, މިއީ އިންސާފަކަށް ހެވަކަށް ނުވަތަ ފަނޑިޔާރުންނަށް ގޮތެއް ހޯދައިދޭން އުޅެނީއެއް ނޫން, މިއީ ދެބައެއްގެ ކޯޅުމެއްގެ ތެރޭ ތާށިވެފައި އޮތް ކަމެއް," މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ހިސާން ރައީސް ކަމުގައި ހުންނެވި ޖޭއެސްސީން އިޖުރާއަތާ ހިލާފު ކަމަށް ނިންމައި, އެކަމުގެ ރިޕޯޓް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ ހަތް މެންބަރެއްގެ ވޯޓާއެކު އެވެ. އޭގެ ތެރޭ ފަސް އެމްޑީޕީ މެންބަރުން ހިމެނޭއިރު އެއީ, މެންބަރު މޫސާ ސިރާޖާއި ހަސަން ލަތީފާއި މުހައްމަދު އަބްދުالله ޝަފީގާއި ހަސަން ޒަރީރާއި އިންރާހިމް މުއިއްޒެވެ. ޕާޓީ ތެރޭގެ ދެ ފަޅިއެއް ހާމަވިއިރު, އެއީ އިމްތިޔާޒު ފަޅި ނޫންނަމަ, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަޅީގައި ތިއްބެވި މެންބަރުންނެވެ. ވީއިރު މި ކޮމިޓީގެ ކޮންޓްރޯލް އޮތީ އެ ފަޅިއަށެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރޭން: އެ ކޮމިޓީގެ ކޮންޓްރޯލް އޮތީ ނަޝީދުގެ ފަޅިއަށް
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރޭން: އެ ކޮމިޓީގެ ކޮންޓްރޯލް އޮތީ ނަޝީދުގެ ފަޅިއަށް

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރޭން: އެ ކޮމިޓީގެ ކޮންޓްރޯލް އޮތީ ނަޝީދުގެ ފަޅިއަށް

އެއާ އިދިކޮޅަށް ޖޭއެސްސީގެ ރައީސް ހިސާން މިހާރު ހުންނެވީ އަނެއް ފަޅީގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑު ފަޅީގައި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ފުލް ކޮންޓްރޯލް އޮތްއިރު, ޖުޑިޝަރީ ކޮމިޓީގެ ނިންމުމަށް ނުބަލައި ވިޕްލައިން ނެރުނީ, ހިސާންގެ ނިންމުމުގެ ދިފާއުގަ އެވެ. އެ ފަޅީގެ ދިފާއުގަ އެވެ.

ފަނޑިޔާރުން ވަކިކުރުން ހިސާން އާއި އިމްތިޔާޒުގެ ފައިޓަކަށް

މައްސަލާގެ ފަސްފަހަތަށް ބަލާއިރު ފެންނަން އޮތް ކަމަކީ, ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ފުރަތަމަ ބެލި ތަހުގީގު ކޮމިޓީން އެ ދެ ފަނޑިޔާރުން ވަކިކުރުމުގެ ފިޔަވަޅު އަޅަން ނުފެންނަ ކަމަށް ނިންމާފައި އޮތުމެވެ. އެ މަރުހަލާގައި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދީފައި އޮތެވެ. ފަނޑިޔާރުންގެ ޖަވާބާއެކު ރިޕޯޓް ކޮމިޝަނަށް ފޮނުވުމުން އެ އަނބުރާ ފޮނުވާލި އެވެ. އޭރު ތަހުގީގު ކޮމިޓީގައި އިންނެވި އެއް މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ, އާ މެންބަރަކު އަލުން ކޮމިޓީ ރިޕޯޓް ހެދި އެވެ.

މި ރިޕޯޓް ހެދިއިރު, ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދީފައިނެތެވެ. ރިޕޯޓްގައި ބަޔާންކުރީ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފުވެފައިވާތީ ވަކިކުރުމަށެވެ. ކޮމިޓީގެ އެ ފައިނަލް ރިޕޯޓް ކޮމިޝަނުން ފާސްކުރި އެވެ. އެކަމަކު, ޖަވާބުދާރީވާން ފުރުސަތު ނުދޭ ކަމަށް ބުނެ ފަނޑިޔާރުން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވި ސިޓީއާއެކު, އިޖުރާއީ އަދުލުވެރިކަމުގެ ބަހުސް ޖޭއެސްސީ އާއި ކޮމިޓީއާ މެދު ފެށިގެން ދިޔައީ އެވެ.

ގިނަ ޒުވާބުތަކަށްފަހު މަޖިލީހުގެ ތަޅުމާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ދިޔައިރު, ތަޅުމުގައި ވެސް ފެނިގެން ދިޔައީ ޖުޑިޝަރީ ކޮމިޓީ އާއި ޖޭއެސްސީގެ އަރާރުމެވެ;

މަޖިލީހުގެ ފަރާތުން ޖޭއެސްސީއަށް އައްޔަންކޮށްފައިވާ މެންބަރުގެ ގޮތުގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވި ގޮތުގައި ގާނޫނުގައި ބުނާ އިޖުރާއަތްތައް ހައިކޯޓު ފަނޑިޔާރުންގެ މައްސަލާގައި ފުރިހަމަކޮށްފައިވާ ކަމަށެވެ. މައްސަލާގައި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދީފައިވާނެ ކަމާއި ފައިނަލް ރިޕޯޓް ހަދައި އެ ހުށަހަޅަން ޖެހެނީ ފަނޑިޔާރުންގެ ޖަވާބުގެ މައްޗަށް ރިއާޔަތްކޮށް ކަމަށް ހިސާން ވިދާޅުވި އެވެ.

ހަމަ އެގޮތުގެ މަތިން ތަހުގީގު ހިންގާފައިވާ 99 މައްސަލައެއްގެ ރިޕޯޓް މީގެކުރިން ކޮމިޓީއަށް ފޮނުވިކަން ފާހަގަ ކުރައްވާ ހިސާން ވިދާޅުވީ, އެއިން އެއްވެސް މައްސަލައެއްގައި އިޖުރާއަތް ގޯސްކޮށް އޮތް ކަމަށް ފާހަގަކޮށްފައިނުވާ ކަމަށެވެ. އެ އިޖުރާއަތް ހައިކޯޓު ފަނޑިޔާރުންގެ މައްސަލާގައި ތަފާތުކޮށްފައިނުވާއިރު, ކޮމިޓީން މި މައްސަލާގައި ތަފާތު ވާހަކައެއް ދައްކާތީ ހިސާން ސުވާލު އުފެއްދެވި އެވެ.

"...އިޖުރާއަތްތަކާއި ހަމަތަކަކީ ވަކި މީހަކަށް ވަކި މައްސަލައަކަށް އަމަލުކުރަން ޖެހޭ އެއްޗެއް ނޫން, އެއީ އެންމެންނަށް އެއް ހަމައަކުން އެއް އުސޫލަކުން އަމަލު ކުރެވެން ޖެހޭ އެއްޗެއް, މި އިއްޒަތްތެރި މަޖިލީހުގެ ކޮމިޓީތަކުން ވެސް އަމަލު ކުރަން ޖެހެނީ އިޖުރާއަތްތަކާ އެއްގޮތަށް," ހިސާން ވިދާޅުވި އެވެ.

ޖޭއެސްސީގެ ރައީސް ހިސާން, މަޖިލީހުގައި: ކޮމިޝަންގެ ނިންމުން ދިފާއު ކުރައްވާ
ޖޭއެސްސީގެ ރައީސް ހިސާން, މަޖިލީހުގައި: ކޮމިޝަންގެ ނިންމުން ދިފާއު ކުރައްވާ

ޖޭއެސްސީގެ ރައީސް ހިސާން, މަޖިލީހުގައި: ކޮމިޝަންގެ ނިންމުން ދިފާއު ކުރައްވާ

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި, އިޖުރާއީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވި އެކަންކަން ކޮމިޓީން ފާހަގަކުރީ ވަރަށް ތެދުވެރި ނިޔަތެއްގަ އެވެ. އެކަން ކޮމިޓީން ފާހަގަކުރުމާއެކު ޖޭއެސްސީން އެއާ ދެކޮޅަށް ނޫސްބަޔާން ނެރުން ކުށްވެރިކުރައްވައި, އިމްތިޔާޒު ވަނީ ކޮމިޝަންގެ ޒިންމާދާރުކަމާމެދު ސުވާލު ވެސް އުފައްދަވާފަ އެވެ. އަދި, ޖޭއެސްސީގެ ނިންމުން ދަމަހައްޓަން ވިޕްލައިން ނެރެ މަޖުބޫރުކޮށްގެން ފާސްކުރުމަކީ އިތުބާރު ހިފެހެއްޓޭނެ ކަމެއް ނޫން ކަމަށް ވެސް ހިސާންއަށް އިޝާރަތް ކުރައްވަމުން އިމްތިޔާޒު ވިދާޅުވި އެވެ.

"...މަޖުބޫރު ކުރުވައިގެން ވޯޓު ދޭ ގޮތްވީމަ އިތުބާރެއް ނުދެމެހެއްޓޭނެ, އެ ނިންމުންތަކުގެ އިތުބާރެއް ނުދެމެހެއްޓޭތީވެ އަޅުގަނޑުމެން ކަންބޮޑުވަނީ, މަޖުބޫރު ކުރުވައިގެން ބިރުދައްކައިގެން ވިޕްލައިން ނެރެގެން ވޯޓު ދެވިދާނެ, ޕާޓީން ކަނޑާލާނެ ކަމުގެ ބިރުދައްކައިގެން އެކަމަކު އަޅުގަނޑުމެންގެ މައިގަނޑު މަގުސަދަކަށް ވާންވާނީ އިތުބާރު އުފެއްދުން," އިމްތިޔާޒު ވިދާޅުވި އެވެ.

އިމްތިޔާޒުއާ އެއްކޮޅަށް އަރައި ކޮމިޓީގެ ދިފާއުގައި ވާހަކަ ދައްކަވަމުން ނައިބު މުގައްރިރު މޫސާ ސިރާޖު ވިދާޅުވި ގޮތުގައި, މީގެކުރިން ފޮނުވި ރިޕޯޓްތަކާއި މި މައްސަލައާ ތަފާތެވެ. އެއީ, މި މައްސަލާގެ ރިޕޯޓަށް ކޮމިޓީން ވަނީ ބަދަލު ގެނެސްފައި ކަމާއި އޭގެ ކުރިން އެފަދަ ކަމެއް ހިނގި މައްސަލައެއް ނެތް ކަމަށެވެ. އަދި, ރިޕޯޓަށް ތަހުގީގު ކޮމިޓީގެ ބަދަލުގައި ޖޭއެސްސީން ބަދަލު ގެނައި ނަމަވެސް, އެއްވެސް މައްސަލައެއް ނެތީސްކަން ސިރާޖު ފާހަގަކުރެއްވި އެވެ.

ޖޭއެސްސީ އާއި ޖުޑިޝަރީ ކޮމިޓީގެ ތެރޭ އޮތް މި ހިލާފުގެ ތެރެއިން އިއްޔެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ފަނޑިޔާރު އަބްދުالله ހަމީދު މަގާމުން ވަކިކުރުމަށެވެ. އޭގެ ކުރިން އެ މައްސަލާގައި ތުހުމަތުވި އަނެއް ދެ ފަނޑިޔާރުން ކަމަށްވާ ރައޫފް އާއި ފަނޑިޔާރު އަލީ ސަމީރު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ފަނޑިޔާރު ސަމީރަކީ މިހާރު ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލެވެ.

އިޖުރާއީ އަދުލާއި ފަނޑިޔާރުން ވަކިކުރުމުގެ ހަމަހަމަކަން

ކުރީ ސަރުކާރުން ހައިކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފްލެޓް ހާއްސަކުރިއިރު އެ ފްލެޓް ހައިކޯޓުގެ ތިން ފަނޑިޔާރުންނާއި އޭރު ސުޕްރީމް ކޯޓު ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުން ވަނީ ނަންގަވާފަ އެވެ. އެ ހުރިހާ ފަނޑިޔާރުން ވެސް މިހާރު މަގާމުގައި ނެތް ނަމަވެސް, ފްލެޓްތައް ހުރީ އެ ބޭފުޅުންގެ ނަން މަތީގަ އެވެ. ފްލެޓް ލިބުނު ގިނަ ފަނޑިޔާރުން އަމިއްލައަށް އިސްތިއުފާ ދެއްވާފައިވާއިރު, ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله އަރީފް ހުންނެވީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވައިގެންނެވެ.

މި ފުރުސަތު އޮތުމަކީ އިންސާފު ނޫން ކަމަށް ބައެއް މެންބަރުން ގަބޫލު ކުރައްވަ އެވެ;

"...ފަނޑިޔާރުން ފްލެޓް ހޯދުމަކީ ސުލޫކީ މައްސަލައެއް, އެ ހިސާބުން މައްސަލަ ނިންމާލާތީ މައްސަަލައަކީ, މަގާމުން ވަކި ކުރޭ އެކަމަކު ފްލެޓް ލިބޭ, ފްލެޓަކަށް ވާގޮތެއް ދުވަހަކު ވެސް ނޭނގޭ, އެ ލިބޭ އިނާޔަތެއް ދައުލަތަށް އަނބުރާ ހޯދުމެއް ނެތް, ނުހައްގުން ލިބިފައިވާ މުދާ ދައުލަތަށް ނެގެން ޖެހޭ, ފަނޑިޔާރު ވަކިކުރަން ނިންމުމާއެކު އެހެން މުއައްސަސާތަކުން މިކަންކަން ހަމަޖައްސަަން ޖެހޭނެ, ހަމައެކަނި މަގާމުން ވަކިކުރުމަކީ އެއީ އިންސާފު ކަމަކަށް ގަބޫލެއް ނުކުރެވޭ," ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވިދާޅުވީ ފްލެޓް ލިބުނު ފަނޑިޔާރުން ރިޓަޔާކުރައްވަން ފުރުސަތު ދެއްވައި, އެކި ފަނޑިޔާރުންނާމެދު އެކި ގޮތަށް އަމަލު ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"ހަމައެކަނި ފްލެޓްތޯ ފަނޑިޔާރުންނަށް އިނާޔަތުގެ ގޮތުގައި ދެނީ, މިހާރުގެ ހާލަތަށް ބަލާލިޔަސް ތަފާތު އެކި އިނާޔަތްތައް ފަނޑިޔާރުންނަށް ދެމުން އެބަ ގެންދޭ, ކީއްވެގެންތޯ އެ މައްސަލަތައް ނުބަލަނީ؟, ކީއްވެ އެއީ މައްސަލައަކަށް ޖޭއެސްސީއަށް ނުވަނީ؟, މި މަޖިލީހަށް އެއީ މައްސަލައަކަށް ނުވަނީ؟," އުޝާމް ސުވާލު ކުރެއްވި އެވެ.

ކުރީގެ ދެ އުއްތަމަ ފަނޑިޔާރުން ކަމަށްވާ ފާއިޒް އަދި ޑރ. ދީދީ: ފަނޑިޔާރުން ވަކިކުރުމުގެ އަދުލުވެރިކަމާމެދު ސުވާލު އުފައްދާ
ކުރީގެ ދެ އުއްތަމަ ފަނޑިޔާރުން ކަމަށްވާ ފާއިޒް އަދި ޑރ. ދީދީ: ފަނޑިޔާރުން ވަކިކުރުމުގެ އަދުލުވެރިކަމާމެދު ސުވާލު އުފައްދާ

ކުރީގެ ދެ އުއްތަމަ ފަނޑިޔާރުން ކަމަށްވާ ފާއިޒް އަދި ޑރ. ދީދީ: ފަނޑިޔާރުން ވަކިކުރުމުގެ އަދުލުވެރިކަމާމެދު ސުވާލު އުފައްދާ

ދެ ފެކްޝަން ތެރޭ އޮތް ސިޔާސީ ޒުވާބު ތެރެއިން ފަނޑިޔާރުން ވަކިކުރުމުގެ އަދުލުވެރިކަމާއި ހަމަހަމަ ކަމުގެ ބަހުސް ވެސް ފެންމަތިވެފައިވާއިރު, ގިނަ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި ސުލޫކީ މައްސަލައެއް ސާބިތުވިޔަސް, އެ ފަނޑިޔާރުންނާމެދު އަމަލު ކުރަން ޖެހޭނީ އިޖުރާއީ އަދުލުވެރިކަމުގެ ތެރެއިންނެވެ.

އެމްއެންޕީގެ މެންބަރު އުޝާމް ވިދާޅުވި ގޮތުގައި, ފަނޑިޔާރަކަށް ވެސް އަދި އެހެން މީހަކަށް ވެސް އެމީހަކާ މެދު ފިޔަވަޅެއް އަޅާނަމަ ގާނޫނުން ލިބިދޭ ހައްގުތައް އެމީހަކަށް އޮންނަން ވާނެ އެވެ. ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އެއްވެސް ފަނޑިޔާރަކު ވަކިކުރުމަކީ, މަޖިލީހުން ކުރަން ވާނެ ކަމެއް ނޫން ކަމަށެވެ. އުޝާމްގެ އެ ވާހަކަތަކަށް ތާއީދު ކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ޖޭއެސްސީން ކުރަން ޖެހޭ ކަމަކީ ވެސް އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުން ކަމަށެވެ.

"ޖޭއެސްސީ އޮތީ ނުވަތަ އެ ކޮމިޝަނުން ކުރާ ކަމަކީ އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުން, ކޮމިޓީއެއް އެކުލަވާލަނީ އެކަން ކުރަން, ޖަވާބުދާރީވުމަށް ފުރުސަތު ދެނީ އިޖުރާއީ އަދުލުވެރިކަން ގާއިމްކުރަން, ދެވަނަ ކޮމިޓީއެއް އެކުލަވާލަނީ ވެސް އިޖުރާއީ އަދުލުވެރިކަން ގާއިމްކުރަން, ޖުޑިޝަރީ ކޮމިޓީ ވެސް އޮންނަނީ އިޖުރާއީ އަދުލުވެރިކަން ގާއިމްކުރާށޭ, މަޖިލިސް ހޮވާފައިމިވަނީ ވެސް އިޖުރާއީ އަދުލުވެރިކަން ގާއިމްކުރަން," އަލީ ހުސެއިން ވިދާޅުވި އެވެ.

ރާއްޖޭގެ ފަނޑިޔާރުންނަކީ އެ އިޖުރާއީ އަދުލުވެރިކަން ހައްގު ނޫން ބައެއް މި މަޖިލީހުން ނިންމާނަމަ, އަލީ ހުސެއިން ވިދާޅުވި ގޮތުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހެކޭ 19 ވަނަ ރައްޔިތުންގެ މަޖިލީހެކޭ ތަފާތެއް ނެތެވެ. އަލީ ހުސެއިން ފާހަގަ ކުރެއްވި ގޮތުގައި, އެ މަޖިލީހުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން, ފަނޑިޔާރުކަމުން ވަކިކުރި ގޮތާއި ހައިކޯޓުގެ ފަނޑިޔާރު ހަމީދު ވަކިކުރި ގޮތާ ތަފާތެއް ނެތެވެ.

އެ ދެ ފަނޑިޔާރުން ވަކިކޮށްފައިވަނީ އޭރުގެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ވޯޓުދީގެން، ޖޭއެސްސީން އެ މެންބަރުން ވަކިކުރަން ނިންމި ސަބަބެއް, އިޖުރާއަތެއް ވެސް ހާމަކުރުމެއް ނެތި އެވެ. އޭރު އެކަމާ އެމްޑީޕީގެ މެންބަރުން ފާޑުވިދާޅުވެ, އެއީ ނުބައި މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

"...ތި މަސައްކަތް ކުރަނީ ކޮން ނަމޫނާއެއް ކޮން މިސާލެއް ރައްޔިތުންނަށް ދައްކަވަންތޯ؟," އެމްޑީޕީން މިއަދު ދައްކަން އުޅޭ މިސާލާމެދު އަލީ ހުސެއިން ސުވާލު ކުރެއްވި އެވެ.

އެމްޑީޕީގެ ޕީޖީގެ ކުރީގެ ލީޑަރު އަލީ އާޒިމް ވެސް ވިދާޅުވީ, އޭރު ދެއްކި ވާހަކައަކާއި މިހާރު ދައްކާ ވާހަކަ ދިމާނުވާ ކަމަށެވެ. އޭރު އިޖުރާއަތްތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އަޑުއުފުލި މީހުން, މިހާރު އުޅެނީ އެއާ ދިމާ އިދިކޮޅަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި, އިންސާފު އޮންނަނީ ވަކި ގޮތަކަށް, ވަކި ބަޔަކު ބޭނުންވީމަ ލިބޭ އެއްޗެއްގެ ގޮތަށް އާންމުންނަށް ތަސައްވަރުކޮށްދީފަ އެވެ.

ސިޔާސީ ދެބައިވުމުގެ ތެރެއިން ގިނަ މެންބަރުންނަށް މި މައުލޫގައި ދައްކާނެ އިތުރު ވާހަކައެއް ނޭނގުނުއިރު, އެނގެން އޮތް ކަމަކީ ޖުޑިޝަރީ ތެރެއަށް ސިޔާސީ ވާދަވެރިކަމުގެ އަސަރުކޮށްފައިވާ ކަމެވެ. ޖުޑިޝަރީ އިސްލާހުކޮށް ޖަވާބުދާރީކުރުވަން އެއްބައި ކިޔައިގެން ތިބި ސިޔާސީވެރިން, އެކި ކޮޅުކޮޅަށް އެނބުރި, އަމާޒުން ނެއްޓިފައިވާ ކަމެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox