ރިޕޯޓުފިރިހެނުންނަށް ދަރިން ނުލިބުން: ސަބަބުތަކާއިި ފަރުވާ އާއި މައްސަލައާ ގުޅިފައިވާ ލަދު

ފިރިހެނުންނަށް ދަރިން ނުލިބުން: ސަބަބުތަކާއިި ފަރުވާ އާއި މައްސަލައާ ގުޅިފައިވާ ލަދު

އާންމުކޮށް ގަބޫލުކުރެވިފައި އޮންނަ ވިސްނުމާ ހިލާފަށް، އަންހެނާގެ ދަރިމައިވުމުގެ ސިއްހަތާ އެއްވަރުގެ މުހިއްމު ރޯލެއް ފިރިހެނާގެ ސިއްހަތުގެ ވެސް އޮވޭ. ޕާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ގައި މިވަގުތު 236 މެންބަރުން ތިބި އިރު 16 ޕަސެންޓު މީހުންނަކީ ފިރިހެނުން.

ފިރިހެނުންނަށް ދަރިން ނުލިބުން: ސަބަބުތަކާއިި ފަރުވާ އާއި މައްސަލައާ ގުޅިފައިވާ ލަދު

ދަރިމައިނުވުން ނުވަތަ އިންފާޓިލިޓީ މި ލިޔުމުގައި މާނަކުރަނީ، އަންހެނުންނާއި ފިރިހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ދިމާވާ މައްސަލައެއް ނުވަތަ ބަލިކަމެއްގެ ސަބަބުން، ހުރަހެއް ނެތި ދެމަފިރިކަމުގެ ގުޅުން ހިންގާތާ 12 މަސްދުވަހުގެ ތެރޭގައި 35 އަހަރުން މަތި ނުވާ އަންހެނާ ބަލިވެއިނުމަށް މެދުވެރިނުވުމަށެވެ. ފަހުގެ ދިރާސާތައް ބުނާ ގޮތުން، ދަރިމައިނުވުމުގެ މައްސަލާގައި ރިޕޯޓްކުރާ ކޭސްތަކުގެ ދެބައިކުޅަ އެއްބައި ކޭސް ތަކުގައި ފިރިހެނުންނަށް ކުދިންލިބުމުގެ ސިއްހަތަށް ދިމާވާ މައްސަލަތައް މުހިއްމު ރޯލެއް އަދާކުރެ އެވެ. މިގޮތަށް މިކަން ދިމާވެދާނެ ގިނަ ސަބަބުތަކެއް ހުރެ އެވެ. އެކަމަކު، ކުއްޖަކު ބޭނުންވެ، ނުލިބުމަކީ ދެމަފިރިއަކު އިހުސާސްކޮށްފާނެ ހިތްދަތިކަމެކެވެ. އާއިލާ އާއި މުޖުތަމައުގެ ތެރޭގައި ތަހައްމަލުކޮށްފާނެ ނިކަމެތިކަމެކެވެ.

އަޖީއެމްއެޗްގެ ޔޫރޮލޮޖިސްޓް، ޑރ އަބްދުﷲ އަދްސަރު، ފިރިހެނުންނަށް ދަރިން ނުލިބުމަށް ދިމާވާ މައްސަލަ ސިފަކުރެއްވީ މުޅި ދުނިޔޭގައި ވެސް އިތުރުވަމުން އަންނަ ސިއްހީ ކަންބޮޑުވުމެއްގެ ގޮތުގަ އެވެ. ހޭލުންތެރިކަން އިތުރުކޮށް، މި މައުލޫއެއްގެ ވަށައިގެން އެނބުރޭ ލަދާއި ޒަމާނާ ނުގުޅޭ ގަބޫލުކުރުންތައް ދޫކޮށް ދުޅަހެޔޮ ނަޒަރަކުން ބަލައިގަންނަންވީ މައްސަލައެއްގެ ގޮތުގަ އެވެ.

"ދަރިން ނުލިބުމަށް ދިމާވާ ސީދާ ސަބަބުތައް ގިނަ ފަހަރަށް ބުނަން ނޭނގޭ. އެހެންނަމަވެސް މީގެ ތެރެއަށް އެބަ ވަދޭ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ ސަބަބުން މައްސަލަ ދިމާވުން ވެސް. އެހެން ނަމަވެސް ފިރިހެނުންގެ އިންފާޓިލިޓީގެ ގިނަ މައްސަލަތަކަކީ ފަރުވާއިން ރަނގަޅުކުރެވޭނެ ކަންތައްތަކެއް،" ޑޮކްޓަރު ވިދާޅުވި އެވެ.

އަމިއްލަ އޮފީހެއްގައި މަސައްކަތްކުރާ 36 އަހަރުގެ އިފްހާމް (އަސްލު ނަމެއް ނޫން) އާއި އޭނާގެ އަންހެނުން އިނދެގެން ހަ އަހަރުވީއިރު، އެއް އިރަކުވެސް ކޮންޑޮމް ނުވަތަ ބަލިވެއިންނަން ހުރަސްއަޅާ ފަދަ އެއްވެސް ބާވަތެއްގެ ހުރަހެއް ބޭނުމެއް ނުކުރެ އެވެ. އާދައިގެ ކަމެކޭ ބުނާ ވަރަށްވުރެ ބޮޑަށް އިފްހާމް ދުންފަތުން އިސްތިއުމާލުކުރެ އެވެ. އޭނާގެ އަންހެނުންނަކީ ދޭތެރެ ދޭތެރެއިން ޕީރިއަޑްވާ ޑޭޓް ދިމާނުވުމުގެ މައްސަލަ ހުންނަ މީހެކެވެ.

ކައިވެންޏަށް ހަ އަހަރު ފުރުނު ފަހުން އިފްހާމްގެ އަންހެނުން ކުއްޖަކު ބޭނުންވެގެން ޑޮކްޓަރަށް ދެއްކުމުން އެނގުނީ އޯވަރީގައި ސިސްޓު އުފެދިފައިވާ ކަމެވެ. އެކަމަކު ކުއްޖަކު ނުލިބިގެން އުޅޭ މައްސަލައިގެ ޖަވާބު އެހާ ހިސާބަށް ބުނެފައި ނިންމާލަން އެ ދެމަފިރިން ބެލި ޑޮކްޓަރު ބޭނުމެއް ނުވި އެވެ.

"އޭނާ [ޑޮކްޓަރު] ބުނީ ތި ދެމީހުން ދުވަހަކު ހުރަހެއް ބޭނުން ނުކޮށް މިތެއް އަހަރު ވެއްޖެ ނޫންހޭ. އެހެންވެއްޖިއްޔާ އަންހެނުން އެކަންޏެއް ނޫނޭ ޓެސްޓު ހަދަން ޖެހޭނީ. ކަލޭ ވެސް ޓެސްޓުކުރަން ޖެހޭނޭ. އޭގެ ފަހުން ފުރަތަމަ ފަހަރަށް އަހަރެން ޓެސްޓު ހެދީ." އިފްހާމް ބުންޏެވެ.

އޭނާގެ ފުރަތަމަ ޓެސްޓުތަކުގެ ނަތީޖާ ލިބުނުއިރު ސްޕާމް ކައުންޓް ހުންނަންޖެހޭ ވަރަށްވުރެ އެތައް ތަނެއް ދަށެވެ. ސްޕާމް މޮބިލިޓީ ނުވަތަ ހަރަކާތް ވެސް ދަށެވެ.

"ޓެސްޓު ނަތީޖާއާއި ހިސާބުން ވަރަށް ކަންބޮޑުވި. އެހައި ހިސާބުން ދިރިއުޅުމުގެ އާދަތަކަށް ވެސް ދުޅަހެޔޮ ބަދަލު ގެނައިން. އޭގެ ފަހުން ދެވަނަ ޓެސްޓެއް ހެދީ މެލޭޝިއާ އިން. އެ ޓެސްޓުގައި ހުރިހާ ކަމެއް ބަރާބަރު." އޭނާ ބުންޏެވެ.

އެ ދެމަފިރިންނަށް ކުއްޖަކު ލިބުނީ ކައިވެންޏަށް އަށެއްކަ އަހަރު ފުރުނު ފަހުން 2019 ވަނަ އަހަރު އެވެ.

އިފްހާމް އާއި އޭނާގެ އަންހެނުން ކުރި ތަޖުރިބާގައި ދަރިމައިނުވެ އެހާ ގިނަ ދުވަސް ވީ ދެމީހުންގެ ވެސް މައްސަލަ ހުރެގެންނެވެ.

ދަރިމައިވުމުގެ މައްސަލަތަކަށް ހޭލުންތެރިކުރުމަށާއި ބޭނުންވާ މައުލޫމާތާއި ގައިޑެންސް ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ 'ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ' ގެ ތަފާސްހިސާބަށް ބަލާއިރު ވެސް ފިރިހެނުންނަށް ދަރިން ނުލިބުމުގެ މައްސަލަ ރާއްޖޭގައި ހޭލުންތެރިކަން ބޭނުންވާ މިންވަރަށް އެބައުޅޭކަން ހާމަ އެވެ.

ޕާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ގައި މިވަގުތު 236 މެންބަރުން ތިބި އިރު 16 ޕަސެންޓު މީހުންނަށް ކުރިމަތިވެފައިވާ ދަރިމައިވުމުގެ މައްސަލަތައް ގުޅިފައިވަނީ ފިރިހެންނުންނަށް ކުދިން ނުލިބުމާ އެވެ.

ދަރިން ނުލިބުމަށް ދިމާވާ ކަންތައްތަކުން އަރައިގަންނަން ފިރިހެނުންނަށް ވެސް އެހީތެރިކަން އެބަ ބޭނުންވޭ. މީގެ ތެރޭގައި އެބަ ހިމެނޭ ކުރީބައިގައި ޑޮކްޓަރަށް ދެއްކުމާއި ސިއްހަތާ ދުރު، އިންފާޓިލިޓީއަށް މަގުފަހިވާ އާދަތަކުން ދުރުވުމަށް ހޭލުންތިކުރުން ވެސް.

ފިރިހެނުންނަށް ދަރިން ނުލިބުން ނުވަތަ 'މޭލް އިންފާޓިލިޓީ' އަށް މަގުފަހިވާ އާންމު ސަބަބުތަކުގެ ތެރޭގައި، ހަށިގަނޑުގައި ދަރިފަނި އުފައްދާ މިންވަރު ދަށްވުން، ބްލޮކެއް ހުރުމުގެ ސަބަބުން ސްޕާމް ހަށިގަނޑުން ބޭރުނުވުން، ބޮޑު ބައްޔަކަށް ބޭސްކުރުން، މައިބަދައަށް ލިބޭ އަނިޔާ ނުވަތަ އެނޫންވެސް އެފަދަ އަނިޔާއެއް ލިބުން އަދި ދުންފަތުގެ އިސްތިއުމާލުކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި އެނޫންވެސް ނުރަނގަޅު ސިއްހީ އާދަތައް ގެންގުޅުން ފަދަ ކަންކަން ހިމެނެ އެވެ.

'ސިމެން ޓެސްޓް'

ފިރިހެނުންގެ ދަރިމައިވުމުގެ ސިއްހަތުގެ ވަޒަންކުރުމަށް ހަދާ ފުރަތަމަ އަދި ހަމައެކަނި މެޑިކަލް ޓެސްޓަކީ 'ސީމަން އެނަލިސިސް' އެވެ. މި ޓެސްޓުގެ ނަތީޖާ، ޑަބްލިޔުއެޗްއޯ މިންގަނޑުން ބަލާނަމަ 1.5 މިލިލީޓަރުގެ ސްޕާމް ސަމްޕަލެއްގައި 15 މިލިއަން ސްޕާމް، މޮޓިލިޓީ ރޭޓް 40 އިންސައްތަ މަދުވެގެން ހުންނަން ޖެހެ އެވެ. ޓެސްޓުތައް ދެވަނަ ފަހަރަށް ތަކުރާރުކުރުމަށްފަހު ނަތީޖާ ގޯސް ނަމަ ލަސްނުކޮށް އެކަމަށް ސިއްހީ ފަރުވާ އާއި ލަފާ ހޯދަންވާނެ އެވެ.

"ފާޓިލިޓީގެ ކަމެއްގައި ޕޭޝަންޓެއް އަންނަ ހިސާބުން އަޅުގަނޑުމެން އެންމެ ފުރަތަމަ މި ބަލަނީ އެމީހެއްގެ ކޮންޖެނިޓަލް މައްސަލަތަކެއް [ކްރޮމޮސޯމްސްއާ ގުޅިފައި ހުންނަ ޖެނެޓިކް ޑިސްއޯޑާތައް] ހުރޭތޯ. އެއަށްފަހު އިންފާޓިލިޓީއަށް މަގުފަހިވާ ލައިފްސްޓައިލް މައްސަލަތައް ރޫލްއައުޓް ކުރަނީ،" ޑރ އަދުސަރު ވިދާޅުވި އެވެ.

"މިސާލަކަށް ދުންފަތުގައި ހިމެނޭ ނިކޮޓިން އާއި މަސްތުވާތަކެތީގައި ހިމެނޭ މާއްދާތަކަކީ ސްޕާމް ކައުންޓް ދަށްވުމާއި އޭގެ ސިއްހަތު ދަށްވުމުގެ ސީދާ ސަބަބުތަކެއް."

އަލާމާތްތައް

ޑރ އަދުސަރު ވިދާޅުވީ ފިރިހެނެެއްގެ ފާޓިލިޓީ ޓެސްޓު ކުރަންވީ އެންމެ ބޮޑު އަދި އެންމެ ފާޅުކަންބޮޑު އަލާމާތަކީ ކުރިން ވެސް ބުނިހެން ދަރިއަކު ހޯދަން ދެމަފިރިން މަސައްކަތްކުރާތާ އަހަރެއް ވާއިރު ކާމިޔާބު ނުވުމެވެ. އެ ހިސާބަކީ ފިރިހެން މީހާ ވެސް ހިމެނޭ ގޮތަށް ޓެސްޓުތަކާއި ތަހުލީލުތައް ހަދަން ޖެހޭ ހިސާބެވެ.

އާންމުކޮށް ގަބޫލުކުރެވިފައި އޮންނަ ވިސްނުމާ ހިލާފަށް، އަންހެނާގެ ދަރިމައިވުމުގެ ސިއްހަތާ އެއްވަރުގެ މުހިއްމު ރޯލެއް ފިރިހެނާގެ ސިއްހަތުގެ ވެސް އޮވެ އެވެ.

ބައެއް ކޭސްތަކުގައި، އެހެން ނަމަވެސް، ވާރުތަކުރާ ބަލިތަކާއި، ހޯމޯން އިމްބެލެންސްވުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، އުރަވަޅި ނުވަތަ ޓެސްޓިކަލް ގެ ވަށައިގެން ހުންނަ ނާރުތައް ދުޅަވުމާއި ދަރިފަނި ދަތުރުކުރާ ހޮޅި ބްލޮކްވުން ފަދަ ކަންކަމަކީ ވެސް އެހެނިހެން އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި ހިމަނާލަނީ މިފަދަ ބައެއް އަލާމާތްތަކެވެ.

  • ގުޅުންހިންގާއިރު އުނދަގޫވުން (މަނި ބޭރުނުވުން/މަދުން އައުން ނުވަތަ ތަދުވުމާއި ފަސޭހައިން ފިރިހެން ގުނަވަނުގެ ވަރު ދޫވުން)
  • ޓެސްޓިސް ހިމެނޭ ހިސާބުގައި ގަނޑު ލާފައި ހުރުން
  • އާދަޔާ ހިލާފަށް ފިރިހެނުންގެ އުރަމަތި ބޮޑުވުން
  • ސްޕާމް ކައުންޓް ދަށްވުން
  • މޫނާއި ގައިގެ އިސްތަށިތައް މަދުވުން ފަދަ އެހެނިހެން ވެސް ހޯމޯންތަކާ ގުޅިފައިވާ މައްސަލަތައް ހުރުން

ޑޮކްޓަރަށް ދައްކަންޖެހޭކަން ދެނެގަންނާނެ ގޮތް

  • އުރަވަޅި ނުވަތަ ޓެސްޓިސް އޭރިއާގައި ތަދުހުރުން، ގޮށް ލާފައި ހުރުން، ދުޅަވެފައި ހުރުން
  • ޖިންސީ ގުނަވަނުގައި ވަރު ނުހުރުން
  • އުކުޅުވަޅު، ޖިންސީ ގުނަވަނުގެ ސާޖަރީއެއް ކުރިން ކޮށްފައިވުން
  • ބައިވެރިޔާ އަކީ 35 އަހަރުން މަތީގެ މީހަކަށް ވުން

ރައްކާތެރިވުމާއި ފަރުވާ

ފިރިހެނުންގެ ދަރިމައިވުމުގެ ހުރިހާ މައްސަލަތަކަކީ ފަރުވާއިން މުޅިން ރަނގަޅުކުރެވޭ ކަންތައްތަކެއް ނޫނެވެ. އެކަމަކު ގިނަ މައްސަލަތަކަކީ ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރޭގައި ގެންގުޅޭ ގޯސް އާދަތަކެއްގެ ސަބަބުން ދިމާވާ މައްސަލަތަކަކަށް ވާއިރު އެފަދަ ކަންކަން ހުއްޓިދާނެ އެވެ. މިސާލަކަށް؛

  • ދުންފަތުން އިސްތިއުމާލު ނުކުރުން
  • މަސްތުވާތަކެތި ބޭނުން ނުކުރުން
  • މާ ބޮޑަށް ބަރުވިޔަ ނުދީ ރަނގަޅު ވަރެއްގައި ބަރުދަން ހިފެހެއްޓުން
  • ހާސްވުމާއި ކަންބޮޑުވާ ކަންތައްތަކުން ދުރުވުން ނުވަތަ ސްޓްރެސް މެނޭޖްކުރުން

ކުދިން ނުލިބި ލަސްވާ ލަސްވުމަކީ ހަމައެކަނި އަންހެންމީހާ ބިރުގަނެ ހާސްވާންވީ މައްސަލައެއް ނޫނެވެ. އެއީ ދެމަފިރިންގެ ޒިންމާ އެއްވަރަކަށް އޮތް ކަމެކެވެ. އެކަމުން އަރައިގަތުމަށް އެކު އެކީގައި މަސައްކަތްކުރުމަކީ އެންމެ ދުޅަހެޔޮ ގޮތެވެ.

އާމިނަތު އިބްރާހިމް

ސީނިއާ ޖާނަލިސްޓް

އައިމިނަތު އިބްރާހީމަކީ ލައިފްސްޓައިލް އާއި މުނިފޫހިފިލުމުގެ ހަބަރުތައް ގެނެސްދިނުމުގައި ހާއްސަ ނޫސްވެރިއެކެވެ. އެކަމަކު އޭނާ ވަނީ އާއްމު ހަބަރުތައް ވެސް ކަވަރުކުރެވޭނެކަން މީގެ ކުރިން ސާބިތުކޮށްދީފަ އެވެ. "ވީޓީވީ" އިން ކެރިއަރު ފެށި އައިމިނަތު ވަނީ "އަވަސް" އަދި "ދޯ މެގަޒިން" ގައި ކުރިން މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox