ފާއިތުވެދިޔަ ހަތަރު މިލިއަން އަހަރު ވެސް މައްޗަށް ނުދާ މިންވަރަށް މިދިޔަ މެއި މަހު ޖައްވުގައި ކާބަން ހުރި މިންވަރު އިތުރުވެފައިވާ ކަމަށް އެމެރިކާގެ މޫސުމާ ބެހޭ އިދާރާ އިން ހާމަކޮށްފި އެވެ.
މިދިޔަ މެއި މަހު ޖައްވުގައި ކާބަން ހުރީ 420 ޕާޓްސް ޕާ މިލިއަން (ޕީޕީއެމް) ގައި ކަމަށް އެ އިދާރާ އިން ވަނީ ހާމަކޮށްފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު އެ އަދަދު ހުރީ 419 ޕީޕީއެމް ގަ އެވެ. އަދި، 2020 ވަނަ އަހަރު ހުރީ 417 ޕީޕީއެމް ގަ އެވެ.
ރެކޯޑު މިންވަރަކަށް މި އަދަދު އިތުރުވެފައި މިވަނީ ކަރަންޓު އުފެއްދުމަށް ތެޔޮ އެންދުމާއި، ސިމެންތި އުފެއްދުމާއި އަދި ގަސްތައް ކެނޑުން އިންތިހާއަށް އިތުރުވުމުން ކަމަށް އެ އިދާރާ އިން ލަފާކުރެ އެވެ.

ކާބަންޑައިއޮކްސައިޑަކީ ޖައްވުގައި ހޫނު ތާށިކުރާ ގްރީންހައުސް ގޭހެކެވެ. ޖައްވުގައި ހުންނަ ކާބަން ނެތިދިޔުމަށް އެތައް ހާސް އަހަރެއް ހޭދަވެ އެވެ.
ޖައްވު ހޫނުވުން ރެކޯޑު މިންވަރަކަށް މަތިވާން ފަށާފައިވާއިރު އެކަމުގެ އަސަރުތައް މިހާރު ވެސް އެކިއެކި މޫސުމީ ކާރިސާތަކުގެ ގޮތުގައި އަންނަނީ ފެންނަމުންނެވެ.










