ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި، ފަސް ސެޓު ކުޅެގެން، ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް ކުލަބު އީގަލްސް އިން ސެމީ ފައިނަލުގެ އުއްމީދު ދަމަހައްޓައިފި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ގްރޫޕް އޭ އިން ވެމްކޯ އާއި ކުލަބު ވޮލީބޯލް ސެމީގެ ޖާގަ އެއް ޔަގީންކޮށްފައިވާއިރު، ގްރޫޕް ބީ އިން ސެމީގެ ޖާގަ ޓީމްތައް އަދި ކަށަވަރެއް ނުވެ އެވެ.
މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ޕޮލިހާއި އީގަލްސް އިން ވަނީ 9 ޕޮއިންޓް ހޯދައިފަ އެވެ. ދެން ސެމީގެ ފުރުސަތު އޮތް ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ސެމީގެ ޖާގަތައް ލިބޭ ދެ ޓީމު ޔަގީންވާނީ ގްރޫޕްގެ ފަހު މެޗުގައި މިރޭ ޕޮލިހާއި ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން ވާދަކުރާ މެޗު ނިމުމުންނެވެ. މި މެޗުން ސީދާ ސެޓުން ނުވަތަ ތިން ސެޓު އެއް ސެޓުން މޮޅުވެގެން ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަނަށް ސެމީގެ ފުރުސަތު އޮންނާނެ އެވެ. ފަސް ސެޓަށް ގޮސްގެން އެ ޓީމު މޮޅުވިޔަސް ނުވަތަ ބަލިވިޔަސް ސެމީ އަށް ކޮލިފައިވާނީ ޕޮލިހާއި އީގަލްސް އެވެ.
ކުލަބު އީގަލްސް އާއި ދިވެހި ސިފައިންގެ ކުލަބުގެ ފޯރިގަދަ އަދި ވާދަވެރި ކުރިމަތިލުން އީގަލްސް ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެެޓު ވާދަވެރިކޮށް، ގޮސް 20-25 އިން ސިފައިން ކާމިޔާބުކުރި ނަމަވެސް އީގަލްސް އިން މޮޅު ކުޅުމެއް ދައްކައި ދެ ވަނަ ސެޓު ތަފާތު ބޮޑުކޮށް 25-10 އިން ކާމިޔާބުކުރި އެވެ. ތިން ވަނަ ސެޓުގައި އަނެއްކާ ވެސް، ސިފައިން ހިތްވަރު ދައްކައި 23-25 އިން ކާމިޔާބުކުރި އެވެ.
އީގަލްސް ފަހު ދެ ސެޓުގައި ފެނުނީ ތަފާތު ވަރުގަދަކޮށެވެ. އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ރަނގަޅަށް ހިފި އެވެ. އީގަލްސްގެ އައިޝަތު ޝައްފަ އާއި ފާތިމަތު މަޒިއްޔާ އަދި ހައްވާ ސަހާ ރަނގަޅަށް ކުޅުނުއިރު، ސިފައިންގެ ޓީމަށް ހެދުނު ގޯސްތަކުގެ ފައިދާ އީގަލްސް އިން ނެގި އެވެ. އަދި ފަހު ދެ ސެޓު 25-16، 15-5 އިން އީގަލްސް އިން ކާމިޔާބުކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އީގަލްސްގެ ލަންކާ ކުޅުންތެރިޔާ ދިނޭޝާ ޕްރަސާދަނީގެ ހަމަލާތައް ދިފާއު ކުރުމުގައި ސިފައިންނަށް މި މެޗުގައި އުނދަގޫތަކާ ކުރިމަތިވި އެވެ.
މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އަލްމާ ސްޕޯޓްސް ކުލަބުން ވަނީ ޔޫތު ނިއުޖެނެރޭޝަން ބަލިކޮށްފަ އެވެ. މި ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.
އަލްމާ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-18 އިން އަލްމާ އިން ކާމިޔާބުކުރި އިރު، ދެ ވަނަ ސެޓު ޔޫތު ނިއުޖެނެރޭޝަނުން ގެންދިޔައީ 19-25 އިންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު ވާދަވެރި ކުޅުމަަކަށް ފަހު ކާމިޔާބުކޮށް އަލްމާ އިން މޮޅަކާ އެކު މުބާރާތް ނިންމާލި އެވެ. ފަހު ދެ ސެޓު އެ ޓީމުން ގެންދިޔައީ 25-22، 26-24 އިންނެވެ.
މުބާރާތުގައި މިރޭ ކުޅޭ ދެ މެޗަކީ ވެސް ފޯރިގަދަ ވާނެ ކަމަށް ބެލެވޭ ދެ މެޗެވެ. ގްރޫޕް އޭ ގައި ކުލަބު ވޮލީބޯލް ނުކުންނާނީ ޗެމްޕިއަން ވެމްކޯއާ ދެކޮޅަށެވެ. ދެ ޓީމަށް ވެސް ސެމީގެ ޖާގަ ލިބިފައިވާއިރު، މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއް ވަނަ ލިބޭނެ އެވެ. މިރޭ ކުޅޭ ދެ ވަނަ މެޗުގައި ޕޮލިހުން ނުކުންނާނީ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަނާއި ދެކޮޅަށެވެ.












