ހަމުގައި ހުންނަ އޮފުދާރުކަން ކެނޑި ރޫތައް ޖެހެން ފެށުމަކީ އުމުރުން ދުވަސްވާއިރު ގުދުރަތީ ގޮތުން ކުރިމަތިވާ ކަމެކެވެ. އެންމެ ބޮޑަށް އެކަން ފެންނާނީ އިރުގެ އަވި އެޅޭ ހިސާބުތައްކަމަށްވާ މޫނާއި ކަރާއި އަތުގެ މުލައްދަނޑި އަދި އަތްތިލައިންނެވެ.
އާއްމު ގޮތެއްގައި މީހާގެ ހަންގަނޑުގެ ބާވަތަކީ ވިރާސީ ބަހާއަށް ބިނާވާ ކަމަކަށް ވިޔަސް އަތްވަކީ ހަންގަނޑަށް ރޫޖެހުމުގެ މައިގަނޑު އެއް ސަބަބެވެ. ހާއްސަކޮށް ކުލައަލި މީހުންނަށް އަވިން ލިބޭ ގެއްލުން ބޮޑެވެ. ކުނިބުނީގެ ސަބަބުން ތަޣައްޔަރުވުމާއި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ވެސް ރޫޖެހޭ ސަބަބުތަކެވެ. މި ލިއުމަށް މައުލޫމާތު ނަގާފައި ވާނީ ސިއްހީ ދިރާސާތައް ކުރާ މަޔޯ ކްލިނިކްގެ ލިއުމަކުންނެވެ.
ހަންގަނޑުގައި ރޫޖެހޭ ސަބަބުތައް
ހަމުގައި ރޫޖެހުމަކީ އެތައް ކަމެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ. އޭގެ ތެރޭގައި ކޮންޓްރޯލްކުރެވޭނެ ކަންތައްތަކާއި މީހުންގެ އަމިއްލަ ބާރެއް ނުހިނގާ ކަންތައްތައް ހިމެނެ އެވެ.
އުމުރު: އުމުރުން ދުވަސްވާ ވަރަކަށް ހަމުގައި ހުންނަ ވާންކަން ގުދުރަތީ ގޮތުން ކެނޑެމުންދާނެ އެވެ. އެއީ ހަމުގައި ތެޔޮ އުފެދޭ ވަރު މަދުވެ، ހަންގަނޑު ހިކޭތީ އެވެ. އަދި ހަންގަނޑުގެ ދަށުގައި ހުންނަ ސަރުބީ މަދުވެ، ހުސްތަން އުފެދޭތީ އެވެ.
އަލްޓްރާ ވައިލެޓް (ޔޫވީ) ދޯދިތަކަށް ހުށަހެޅުން: އަވީގައި ހިމެނޭ އަލްޓްރާ ވައިލެޓް (ޔޫވީ) ރޭޑިއޭޝަނަކީ މުސްކުޅިވުމުގެ މަރުހަލާ އަވަސްކުރުވާ އެއްޗެކެވެ. އެ ރޭޑިއޭޝަނުން ވާ ކަމަކީ ހަމުގައިވާ ކަނެކްޓިވް ޓިޝޫއާއި ކޮލަޖެން އަދި އެލާސްޓިން ފައިބަރުތައް ހަލާކުވުމެވެ. އެއީ ހަމުގެ އަޑީ ފަށަލައިގައިވާ ބައިތަކެވެ.

ކަނެކްޓިވް ޓިޝޫއާ ނުލައި ހަމުގައި ވާންކަމެއް ނުހުންނާނެ އެވެ. ހަމުގައި ބާރެއް އަދި ދެމޭ ގޮތެއް ވެސް ނުހުންނާނެ އެވެ. އެހެންވީމާ ޔޫވީ ރޭޑިއޭޝަނަކީ އުމުރުން ދުވަސްވުމުގެ މާކުރިން ހަންގަނޑުގައި ރޫޖެހޭ ސަބަބަކަށް ވެ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން: ދުންފަތުގެ އިސްތިއުމާލުކުރުމަކީ އުމުރުން ދުވަސްވާ އިރު ހަށިގަނޑަަށް އަންނަ ބަދަލުތައް އަވަސްކުރުވާ ކަމެކެވެ. އެއީ އެގޮތުން ހަންގަނޑަށް ރޫޖައްސާ ކަމެކެވެ. ބެލެވޭ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ގެއްލުން ވަނީ ކޮލަޖެން އަށެވެ.
މޫނުމައްޗަށް ގެންނަ ހަރަކާތްތައް: ހިނިތުންވުމާއި ރުޅިމޫނު ދެއްކުން ފަދަ ގޮތް ގޮތުން މޫނުމަށްޗަށް ތަކުރާރުކޮށް ގެންނަ ހަރަކާތްތަކަކީ ވެސް ދުވަސްވާ ވަރަކަށް މޫނުމައްޗަށް ރޫ އެރުމަށް މަގުފަހިވާ ކަންތައްްތަކެވެ. މިއިން ކޮންމެ ހަރަކާތެއް ގެނައުމަށް ޓަކައި މޫނުމަތީގެ މަސްތައް ހަރަކާތް ކުރުވާ ކޮންމެ ފަހަރަކު ހަންގަނޑުގެ އެތެެރެއަށް ރުލެއް އަރަ އެވެ. ޒުވާން ދުވަސްވަރު ވާގޮތަކީ މަސްތަކަށް ގެނައި ހަރަކާތް ދޫކޮށްލުމާއި އެކު ހަންގަނޑު ދެމިލައި ރޫފިލައި ހަމަޖެހުމެވެ. އެކަމަކު ދުވަސްވާ ވަރަކަށް އެ ދެމޭ ބާރު ކެނޑި، ހަރަކާތުން އަރާ ރޫ ވެސް ދާއިމީ ވާން ފަށަ އެވެ.
ރޫޖެހުން ކުޑަކުރަން ކުރެވިދާނެ ބައެއް ކަންތައްތައް
އަވިން ސަލާމަތްކުރުން: އަވީގައި ހޭދަކުރާ ވަގުތު މަދުކުރާށެވެ. ހާއްސަކޮށް، މެންދުރު ވަގުތު އަތްވަށް ނުކުތުން މަދުކުރާާށެވެ. ނުކުންނަ ނަމަ މޫނަށް އަވި ދިނުން ކުޑަކުރުމަށް ޓަކައި ތޮތްޕެއް ބޭނުންކުރުން ރަނގަޅެވެ. އަތްވަށް ނުކުންނަ އިރު ސަން ސްކްރީނެއް ބޭނުންކުރާާށެވެ.
ސަން ސްކްރީން އެކުލެވޭ ބާވަތްތައް ބޭނުންކުރުން: މޫނުގައި އެއްޗެއް ލާ ނަމަ އެއީ ޔޫވީއޭއާއި ޔޫވީބީ އިން ސަލާމަތްތަކޮށްދޭ މާއްދާތައް އެކުލެވޭ އެއްޗަކަށް ހަދާށެވެ.
މޮއިސްޗަރައިޒްކުރުން: ހަންގަނޑު ހިކިފައި ހުރުމަކީ ވެސް ރޫޖެހޭ ކަމެކެވެ. ހަމުގެ ތެތްކަން ހިފެހެއްޓުމަށް ޓަކައި މޮއިސްޗަރައިޒާ އެއް ބޭނުންކުރާށެވެ. ހަންގަނޑަށް ހެޔޮ ބަދަލެއް އަންނަކަން ފާހަގަވާން ފަށާނީ މޮއިސްޗަރައިޒާއެއް ބޭނުންކުރާތާ ދެތިން ހަފްތާއެއް ވުމުންނެވެ.
ދުންފަތުގެ އިސްތިއުމާލުނުކުރުން: އެތައް އަހަރެއް ވަންދެން ދުންފަތުގެ އިސްތިއުމާލުކޮށްފައި ވިޔަސް، އެކަން ހުއްޓައިލުމަކީ އަދިވެސް ހަންގަނޑަށް ފައިދާކުރާނެ ކަމެކެވެ.
ރަނގަޅު ކާނާ ކެއުން: ކާއެއްޗިހީގައި އެކުލެވޭ ބައެއް ވިޓަމިންތަކަކީ ހަންގަނޑަށް ރައްކާތެރިކަން ލިއްބައިދޭ މާއްދާތަކެއް ކަމަށް ސައިންޓިފިކް ހެކި ލިބިފައި ވެ އެވެ. އެކަމަކު އެއީ އަދި އިތުރަށް ދިރާސާކުރަން ޖެހިފައިވާ ދާއިރާ އެކެވެ.









