ކޮލޮމްބޯ، ސްރީލަންކާ (މެއި 31) - ސްރީލަންކާގެ ކަސްޓަމްސް އިން, އެގައުމުން ބޭރުކުރަން މަސައްކަތްކުރި 43 މިލިއަން ރުޕީސްގެ ރަން ހިފަހައްޓައިފި އެވެ.
އެ މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފައިވާއިރު އަތުލައިގަތް ރަނުގެ ބަރުދަނުގައި 1.921 ކިލޯގްރާމް ހުރި ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ލަންކާގެ ކަސްޓަމްސް އިން ކުރި ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި ލަންކާ އިން ބޭރުކޮށް ރަން ގެންދިޔުމަށް މަސައްކަތްކުރީ އިންޑިއާއަށެވެ.

އެ މައްސަލައިގައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ރަންތައް ގެނެސް ހައްޔަރުކުރި ތިން މީހުން ވަނީ 750،000 ރުޕީސް އިން ޖޫރިމަނާކޮށްފަ އެވެ.
ލަންކާ މިވަގުތު އޮތީ އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ. އެހެންކަމުން މިފަދަ އަގުހުރި މައުދަންތައް އެ ގައުމުން ބޭރުކުރުމުގައި ހާއްސަ ހުއްދަތަކެއް ހޯދަން ޖެހޭނެ އެވެ.










