ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ފުރުސަތު ކުލަބު ވޮލީބޯލް އިން ބޮޑުކުރިއިރު، ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އަތުން ދިވެހި ސިފައިންގެ ކުލަބު ބަލިވެ، ގްރޫޕް ބީގެ ފޯރި ގަދަ ވެއްޖެ އެވެ.
ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ގްރޫޕްގެ ފަހު މެޗުތަކާއި މިހާރު ކުރިމަތިލާން ޖެހިފައިވާއިރު، ސެމީ ފައިނަލްގެ ޖާގަ އެއް ހޯދުމުގެ ފުރުސަތު ކުލަބު ވޮލީބޯލް އަށް އޮތީ ބޮޑުކޮށެވެ. ގްރޫޕް އޭ ގައި އެ ޓީމުން މިހާތަނަށް ކުޅުނު ތިން މެޗުން ވަނީ މޮޅުވެފަ އެވެ. ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައި އޮތްއިރު، ދެ މެޗު ކުޅެ އެ ދެ މެޗުން މޮޅުވެފައި އޮތް ވެމްކޯ އާއި ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އޮތް ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބަށް ވެސް ސެމީގެ ފުރުސަތު އެބައޮތެވެ.
ހިންމަފުށި ފަހު މެޗުގައި ނުކުންނާނީ ވެމްކޯއާ ދެކޮޅަށެވެ. މި މެޗުން ފަސް ސެޓަށް ނުގޮސް ހިންމަފުށި ކާމިޔާބުކޮށްގެން ނޫން ގޮތަކަށް އެ ޓީމަށް ސެމީގެ ފުރުސަތެއް ނެތެވެ. އެ ނޫން ކޮންމެ ނަތީޖާއެއް ނުކުތަސް ސެމީގެ ޖާގަ ލިބޭނީ ވެމްކޯ އާއި ކުލަބު ވޮލީބޯލް އަށެވެ.
ޕޫލް ބީ އަށް ބަލާއިރު ސިފައިން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެހެންކަމުން ފަހު މެޗުގައި އެ ޓީމަށް ކުލަބު އީގަލްސްގެ މައްޗަށް ބޮޑުތަފާތަކުން މޮޅުވުން މަޖުބޫރެވެ. މިހާރު އޮތް ގޮތަށް ބަލާއިރު، ގްރޫޕްގެ ދެ ވަނަ ޓީމްގެ ގޮތުގައި ސެމީ އަށް ދިޔުމުގެ ފުރުސަތު ބޮޑީ އީގަލްސް އާއި ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އަށެވެ. ފަހު މެޗުގައި ވޮލީބޯލް ޔޫތް ނިއުޖެނެރޭޝަނުން ޕޮލިސްގެ މައްޗަށް ކުރި ނުހޯދިއްޖެނަމަ އެ ޓީމަށް ޖެހެނީ އީގަލްސް އާއި ސިފައިންގެ މެޗުގެ ނަތީޖާ އަށް މަޑުކުރާށެވެ.

ސިފައިންގެ ޓީމުގެ އުޝާ ފޮނުވާލާ ބޯޅައެއް ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންގެ ތިލިނީ އާއި ޝަމްކޮ ބްލޮކްކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
މުބާރާތުގައި ރޭ ކުލަބު ވޮލީބޯލް ކުޅުނު މެޗުން މޮޅުވީ ޔޫތު ނިއުޖެނެރޭޝަން އާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ވާދަވެރިކޮށް ނިމުނު ސެޓުތައް ކުލަބު ވޮލީބޯލް އިން ގެންދިޔައީ 25-20، 25-22 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުލަބު ވޮލީބޯލްގެ މަލްދާ މަސްއޫދު އެވެ.
ރޭގެ ފަހު މެޗުގައި ސިފައިންގެ މައްޗަށް ވޮލީބޯލް ޔޫތް ނިއުޖެނެރޭޝަނުން ކުރި ހޯދީވެސް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އިން 25-19، 25-14 އަދި 25-13 އިން ކާމިޔާބުކުރިއިރު، ސިފައިންނަށް ދިމާވި މައްސަލައަކީ ބިދޭސީ ކުޅުންތެރިޔާ އުޝާ ބަންޑާރީ އަށް ޕާފޯމް ނުކުރެވުމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވޮލީބޯލް ޔޫތް ނިއުޖެނެރޭޝަންގެ ލަންކާ ކުޅުންތެރިޔާ ތިލިނީ ޕެރޭރާ އެވެ.
މުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅެނެ އެވެ. ފުރަތަމަ މެޗު 20:15 ގައި ފަށާއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެމްކޯ ނުކުންނާނީ ހިންމަފުއްޓާ ދެކޮޅަށެވެ. ފަހު މެޗުގައި ޕޮލިސް ނުކުންނާނީ ކުލަބު ހާފްލައިންލިންކޭޖާ ދެކޮޅަށެވެ. މި މެޗު ފަށާނީ 21:45 ގަ އެވެ.












