ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސްރީލަންކާއަށް 700 މިލިއަން ޑޮލަރުގެ އެހީވުމަށް ވޯލްޑް ބޭންކުން ނިންމާފައިވާ ކަމަށް ބުނެ މީޑިއާގައި އާންމުކޮށްފައިވާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި އެވެ.
އިގްތިސާދީ ގޮތުން ލަންކާ އޮތީ ފުން އަނދަވަޅެއްގަ އެވެ. އެގޮތުން، އެ ގައުމުން އުޅެނީ ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ނުދެއްކިގެންނެވެ. އެ ހާލަތުން އަރައިގަތުމަށް ވޯލްޑް ބޭންކުން އެހީވާން ނިންމާފައިވާ ކަމަށް ބުނެ ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ނަމަވެސް، އެ ގައުމަށް ވޯލްޑް ބޭންކުން ކަނޑައަޅާފައިވާ ޑިރެކްޓަރު ވިދާޅުވި ގޮތުގައި އާ ލޯނެއްގެ ސިފައިގައި ވެސް އެހީވާން ވޯލްޑް ބޭންކުން ނިންމާފައި ނުވެ އެވެ.
ނަމަވެސް، އިގްތިސާދީ ކާރިސާ އިން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ލަންކާގެ އިދާރާތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފައިވެ އެވެ.
އިގްތިސާދީ ހަރުދަނާ ޕްލޭންތަކެއް އެކުލަވާ ނުލެވެނީސް ލަންކާއަށް އެހީތެރިވުމުގެ އެއްވެސް ވިސްނުމެއް ވޯލްޑް ބޭންކުން ނުގެންގުޅޭ ކަމަށް އޭނާ ހާމަކުރި އެވެ.
މީގެކުރިން ލަންކާގައި ހިންގަން ފެށި ޕްރޮޖެކްޓުތަކުގެ ފައިސާ އެހެނިހެން ބޭނުންތަކަށް ބޭނުންކުރުމުގެ ގޮތުން ލަންކާގެ ސަރުކާރާ އެކު ވޯލްޑް ބޭންކުން ދަނީ މަޝްވަރާތައް ކުރަމުންނެވެ.










