އަހުމަދުއާބާދު، އިންޑިއާ (މެއި 29) - ފުރަތަމަ ފަހަރަށް މުބާރާތުގައި ވާދަކުރި ގުޖުރާތު ޓައިޓަންސް އިން ހަތް ވިކެޓުން ރާޖަސްތާން ރޯޔަލްސް ބަލިކޮށް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް، އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގެ ޖާގަ އަކީ 132،000 ސަޕޯޓަރުންނެވެ. މިރޭގެ މެޗު ބަލަން 104،859 ސަޕޯޓަރުން ވަނީ ސްޓޭޑިއަމަށް ވަދެފަ އެވެ. މިއީ ކްރިކެޓް މެޗެއް ބަލަން އެންމެ ގިނަ މީހުން ވަން އަދަދެވެ.
މީގެ ކުރިން 1990 ގެ އަހަރުތަކާއި 2000ގެ ކުރީކޮޅުގައި ކަލްކަތާ ސްޓޭޑިއަމަށް 100،000 މީހުން ކްރިކެޓް މެޗެއް ބަލަން ދަނޑަށް ވަނެވެ.
އެކަމަކު، ލިމިޓެޑް އޯވަރު މެޗެއްގައި ރަސްމީ ސިފައެއްގައި އެންމެ ގިނަ މީހުން މެޗެއް ބަލަން ވަދެފައިވަނީ 1992 ވަނަ އަހަރު 50 އޯވަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑާއި ޕާކިސްތާނުން މެލްބަންގައި ކުޅުނު މެޗަށެވެ. އެ މެޗަށް 87،812 މީހުން ސްޓޭޑިއަމަށް ވަނެވެ. އެ މެޗުގެ ރެކޯޑް މިރޭ މި ވަނީ ގުޖުރާތާއި ރާޖަސްތާން މެޗުގައި މުގުރާލައިފަ އެވެ.

ގުޖުރާތުގެ ޝުބްމަން ގިލް (ކ) އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިންޑިއަން ޕްރިމިއާ ލީގު
މި ފަހަރުގެ އައިޕީއެލްގެ ލީގު ބުރުގައި ސްޓޭޑިއަމްތަކަށް ސަޕޯޓަރުން ވެއްދީ ދެބައިކުޅަ އެއްބައި ޖާގަ އަށެވެ. އެކަމަކު، ޕްލޭއޮފުން ފެށިގެން ދަނޑުގެ ޖާގަ އަށް އެއްކޮށް ސަޕޯޓަރުން ވަންދަން އިންޑިއާގެ ކްރިކެޓް ބޯޑުން ނިންމި އެވެ.
ޓޮސް ދިމާވުމުން މިރޭ ރާޖަސްތާނުން ނިންމީ ބެޓް ކުރުމަށެވެ. އެއީ މުބާރާތުގައި އެންމެ ގިނަ ލަނޑު އެއްކުރި ކުޅުންތެރިޔާ އިންގްލެންޑްގެ ޖޯޝް ބަޓްލާ އެ ޓީމުގައި ހުރުމުންނެވެ.
މި ފަހަރުގެ މުބާރާތުގައި ހަތަރު ސެންޗަރީ ހަދައި، ރެކޯޑާ ހަމަކޮށްފައިވާ ބަޓްލާ އަށް މިރޭ ހެދުނީ 35 ބޯޅައިން 39 ލަނޑެވެ. މިއީ ރާޖަސްތާނަށް މިރޭ މައްސަލަ ދިމާވި އެއް ސަބަބެވެ. ދެން އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިން ޔަޝަޝްވީ ޖޭސްވާލަށް ވެސް ހޯދުނީ 16 ބޯޅައިން 22 ލަނޑެވެ.
ރާޖަސްތާނުން ނިންމާލަން ޖެހުނީ 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން، 130 ލަނޑާ އެކު އެވެ.
ރާޖަސްތާނުން ފުރަތަމަ އިނިންގްސް ނިންމާލިއިރު، ވެސް ޕްރެޝަރުގައި ކުޅެން ޖެހޭނެކަން އެނގުނެވެ. ސަބަބަކީ ގުޖުރާތުގެ ބެޓިން ރޭޓަށް ބަލާއިރު، 130 ލަނޑު އަނބުރާލުމަކީ އެ ޓީމަށް އުނދަގޫ ކަމަކަށް ނުވާނެތީ އެވެ.
ގުޖުރާތުން ފުރަތަަމަ ކުޅެން އެރި ޕާޓްނަޝިޕްގައި ހިމެނޭ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ، ވިރިއްދިމަން ސާހާ ވަނީ ފަސް ލަނޑަށް ނުބައިވެފަ އެވެ. އެކަމަކު، އެ ޕާޓްނަޝިޕްގައި ދެން ހިމެނުނު ޝުބްމަން ގިލް ވަނީ މިރޭ ނުބައިނުވެ، 43 ބޯޅައިން 45 ލަނޑު ހަަދައިފަ އެވެ.
ގިލް އަށް ޕްރެޝަރު ވަގުތެއް ވެސް ދިޔަ އެވެ. އެ ގޮތުން ފުރަތަމަ ބޯޅައިގައި ގިލް ފޮނުވާލި ޝޮޓްގައި ބޯޅަ ހިފަން ރާޖަސްތާންގެ ޔުޒްވެންދުރަ ޗާހާލް މަސައްކަތް ކުރި ނަމަވެސް އޭނާ އަތުން ބޯޅަ ވެއްޓުނީ އެވެ. މުބާރާތުގެ އެންމެ ގިނަ ވިކެޓް ނަގައި، ޕާޕްލް ކެޕް ހޯދި ޗާހާލް އަށް ފައިނަލުގެ މުހިންމު ވަގުތުގައި ލިބުނު ފުރުސަތު ގެއްލުނީ އެވެ.

މެޗަށް ފަހު ގުޖުރާތުގެ ކެޕްޓަން، ހާޑިކް ޕާންޑްޔާ ޓީމުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.--- ފޮޓޯ: އިންޑިއަން ޕްރިމިއާ ލީގު
ގުޖުރާތު މޮޅުވުމުގައި ފަހުން ކުޅެން އެރި ހާޑިކް ޕާންޑްޔާ އާއި ޑޭވިޑް މިލާގެ ކުޅުން ފާހަގަކުރަން ޖެހެ އެވެ. މުޅި މުބާރާތުގައި ދެއްކި ހިތްވަރު މި މެޗުގައި ވެސް ހާޑިކް އާއި މިލާގެ ފަރާތުން ފެނުނެވެ. ހާޑިކް 34 ލަނޑު ހެދިއިރު، މިލާ ވަނީ 32 ލަނޑު އެއްކޮށްފަ އެެވެ. ގުޖުރާތުން މޮޅުވީ 18.1 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 133 ލަނޑު އެއްކޮށްގެންނެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު އެއްކުރި ގަދަ ފަހެއްގެ ފަހު ދެ ޖާގަ ލިބުނީ ހާޑިކާއި ގިލް އަށެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، ހާޑިކް އެވެ. މިއީ އޭނާ އައިޕީއެލް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. މީގެ ކުރިން މުމްބާއީ އިންޑިއަންސްއާ އެކު ހަަތަރު ފަހަރު އައިޕީއެލް ކާމިޔާބުކުރި އެވެ.
މި ފަހަރުގެ އައިޕީއެލްގެ ސީޒަނުގައި ގުޖުރާތުން މި ވަނީ ތިން ފަހަރު ރާޖަސްތާން ބަލިކޮށްފަ އެވެ. އެއީ ލީގު ބުރުގައި 37 ލަނޑުން ބަލިކުރިރިއު، ފުރަތަމަ ޕްލޭއޮފާއި މިރޭގެ ފައިނަލުގައި ގުޖުރާތު މޮޅުވެފައި މި ވަނީ ހަތް ވިކެޓުންނެވެ.












