ކަނޑުމަތީ އުޅެނިކޮށް ވާރެ ވެހެން ފަށައިފި ނަމަ ނިވައިވާނެ ގޮތެއް ނޯންނާނެ އެވެ. އެންމެ ބޮޑުވަރަކަށް ވެސްް ކުރެވޭނެ ކަމަކީ ސަތަރިގަނޑެއް ދަމައިގެން އޭގެ ދަށަށް ވަނުމެވެ. ވައިގަދަ އިރު އެއީ ވެސް އެހާ ފަސޭއިން ކުރެވެން އޮންނަ ކަމެއް ނޫނެވެ. މަސްދޯނި ފަހަރުގެ ދިރުނބާކޮޅުގައި ކުޑަ ފޮށިގަނޑެއް ހެން ޖަހަން ފެށި ގެޔަކީ މަސްވެރިން ވާރެއިން ހިޔާވުމުގެ ފުރަތަމަ ފިޔަވަޅެވެ. ލ. ގަމު، އަމާޒު، އަލީ އަބްދުﷲ، 65 އަކީ އެ މަސައްކަތުގެ އެއް ބާނީ އެވެ.
ގަމު މީހުން ކިޔާ ގޮތުން ނަމަ އަލިފުޅުބެ، ވަޑާން ކުރަން ފެށީ އޭނާ ބުނި ގޮތުގައި އުމުރުން އެންމެ 14 އަހަރުގަ އެވެ. އެއީ ބައްޕަގެ ފަރާތުން އޭނާއަށް ވާރުތަކުރި މަސައްކަތެކެވެ. އޭނާ ބުނި ގޮތުގައި ފުރަތަމަ ވެސް ކުރަން ފެށީ ހަމަ ސީދާ މާވަޑާމެވެ. އޭނާ އަކީ އަސްލުގައި މުންޑޫ އަށް އުފަން މީހެކެވެ. އޭނާ ގަމަށް ހިޖުރަކޮށް ގަމުގެ ރަށްވެއްސަކަށް ވީ 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހުގަ އެވެ.
"އަޅުގަނޑު އަތްދަށު ވަޑާމެއް ނުކުރަން،" އަލިފުޅު ބުންޏެވެ.
މިހާރު އުމުރުން 65 އަހަރު ވެފައިވާ އަލިފުޅު ވަނީ އޮޑިދޯނި ފަހަރުގެ، ހާއްސަކޮށް މަސްދޯނި ފަހަރުގެ ހަތަރު ޖީލެއް ބަނުމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްފަ އެވެ. އެންމެ ފުރަތަމަ ރިޔާ ދޯންޏެވެ. ދެން އެ ރިޔާ ދޯނިފަހަރުގައި އިންޖީނު އެޅުމެވެ. އެއަށް ފަހު ސީދާ އިންޖީނު އަޅާ ގޮތަށް ދޯނި ބަނުމެވެ.

އަލިފުޅުގެ މާވަޑިކަމުގައި ބަނދެފައިވާ ފައިބަރު ދޯންޏެއް. ފޮޓޯ: މުހައްމަދު ޝާބުން/އަދަދު
"ފުރަތަމަ ދޯނި ފަހަރުގައި އިންޖީނު އެޅީ ދޯނީގެ ކޮޅުފަސްކޮޅު މައްޔަލުގެ އިތުރުން، ބަނޑުފިލައިން ވެސް ބައެއް ކަފާލައިގެން، ދެން އެތަނަށް ލަކުޑި އަޅައި ވަރަށް ހުތުރުގޮތަކަށް ބަންދުކޮށްފައި ހުންނާނީ،" މަސް ދޯނި ފަހަރުގެ ފެންވަރު ރަނގަޅުކުރަން ވިސްނި ވިސްނުންތަކުގެ ވާހަކަ އަލިފުޅު ފެށީ އެ ހިސާބުންނެވެ.
ދިވެހިންނަކީ ކަނޑު އުޅަނދު ފަހަރު އެންމެ މޮޅަށް ބަނުމުގެ ދިގު ތާރީހެއް އޮތް ބައެކެވެ. އެހެންވީމާ، އިންޖީނު އަޅަން ޖެހުމަކީ އެ ކަމުގެ ނިމުމަށް ވާކަށް ހަމަ ގައިމުވެސް މާވަޑިންނެެއް ނޭދޭނެ އެވެ. އެކަމާ ދޭތެރޭ އަލިފުޅު ވިސްނީ އެ ހައިސިއްޔަތުންނެވެ.
"ދެން އަޅުގަނޑު އެކަމަށް ހިޔާލުކުރީ. ކޮށްފައި ހެދި ގޮތަކީ މައްޔަލަށް ހަމަ ކަބީލާ ޖަހާފައި ހުންނަ ހިސާބުން ވަކަރުގަނޑު ކަފާލާފައި މައްޔަލުގެ ބޯމިން ލިބޭ ވަރަށް ކަފާލާފައި މައްޔާ ބުރިއެއް ޖެހީ،" ރާއްޖޭގެ މަސްދޯނި ފަހަރުގައި އެންމެ ފުރަތަމަ އިންޖީނު އަޅަން ފެށި ދުވަސްވަރުގެ ހަނދާން އާކުރަމުން އަލިފުޅު ބުންޏެވެ.
އަލިފުޅު ބުނި ގޮތުގައި އެގޮތަށް ތައްޔާރުކުރީ އޭނާގެ ބައްޕަގެ ދޯންޏެކެވެ. އެހެންވެ، އެ ދޯނީގައި އިންޖީނު އަޅަން އޭނާ ވެސް މާލެއަށް ދިޔަ އެވެ. ސަރުކާރުގެ ފަރާތުން އެކަމާ ހަވާލުވެވަޑައިގެން ހުންނެވި އިންޖިނޭރު އަހުމަދު އާދަމް (ހިކަރީ) އަށް ވެސް އަލިފުޅު ބުނި ގޮތުގައި, އެއީ ރަނގަޅު ގޮތެއް ކަމަށް ފެނިވަޑައިގެންނެވި އެވެ.
"ދެން އެކަން ރާއްޖެއަށް ތައާރަފް ވެއްޖެ ވަރަށް ބޮޑަށް. ދެން އެ ހިސާބުން ހުރިހާ އެންމެން ވެސް މައްޔާބުރި ލައިގެން ހަމަ އިންޖީނު އަޅަން ފެށީ، ދޯންޏަކުން ކަފައެއް ނުލާ،" އޭނާ ބުންޏެވެ.
ދިރުނބާކޮޅުގައި ގެއެއް ޖަހަން ފެށުން
އަލިފުޅު ބުނި ގޮތުގައި ކަނޑުމަތީގައި ބޯހިޔާކުރަން ރިޔަލު ޒަމާނުގައި ވެސް މަސްވެރިން މަސައްކަތް ކުރެ އެވެ. އެކަމަށް އޭރު ގެންގުޅެނީ "ރިޔަލު ފަންގެ" ކިޔާ އެއްޗެކެވެ.
އެއީ ދެފަރާތަށް، ހަރުގެއެއް ހެން ފަތުރައިލެވޭ ގޮތަށް ފަހުން ވިޔެފައި އޮންނަ އެއްޗެކެވެ. ވިއްސާރަ ވެއްޖެ ނަމަ ރިޔަލު ފަންގެ ފަތުރައި ލަނީ ކުނބުގެ ކޮޅުފަހުގަ އެވެ.
"ދެން އިންޖީނު އެޅި ފަހުން މި ގެންގުޅެނީ ބޮޑުސިންގާ ސަތަރިއެއް. ދެން އަަޅުގަނޑުމެން ހިތަށް އެރީ މިއަށް ވުރެ ރަނގަޅުވާނޭ ދިރުނބާކޮޅުގައި ކުޑަ ގެއެއް ޖަހާލައިފިއްޔާ. އެމީހުންނަށް ހިޔާވެލައިގެން އުޅެވޭނޭ. އެގޮތަށް ޖެހި އެއްޗެއް އެއީ،" އަލިފުޅު ބުންޏެވެ.
ކުނބުގެ ދިރުނބަލުގައި ރިޔަލަށް ދަތިނުވާނެހެން އެ ގެގަނޑު އެންމެ ފުރަތަމަ ޖެހީ ވަރަށް ކުޑަކޮށެވެ. އެއީ އޭރުގައި އަދި އިންޖީނު ދޯނިފަހަރުގައި ވެސް ރިޔާ ބޭނުންކުރުން ހުއްޓައިނުލާތީ އެެވެ. އަލިފުޅު ތައާރަފްކުރި އެ ގެ، 1990ގެ އަހަރުތަކުގެ ފަހުކޮޅަށް ދިޔަ އިރު މުޅި ރާއްޖެއަށް ވެސް އޮތީ ތައާރަފްވެފަ އެވެ. ދޯނި ފަހަރު ބޮޑެތިވަމުން، އެއާ އެކު ގެ ވެސް ބޮޑެތިވަމުން ގޮސް މިހާރު ފެންނަން މިހިރަހެން، ދޯނީގެ ވަރަށް ބޮޑު ބައެއް ހިޔާކުރީ އެވެ.

އަލިފުޅުގެ މާވަޑިކަމުގައި ބަނދެފައިވާ ފައިބަރު ދޯންޏެއް. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު
"އޭރު މިވާ ގޮތަކީ ކުނބުވެސް ހުރޭ. ރިޔާ ވެސް ނަގާ. އޭރު މިވާ ގޮތަކީ ތެލުގެ ހަރަދު ކުޑަކުރަން ވެގެން، ބައެއް މީހުން ފައްސިޔަލަށް ދާއިރު ރިޔާ ވެސް ނަގާ. ވަރަށް ބޮޑުތަން ލުއިވެގެން ދާނެތާ. އެކަމަކު މިހާރަކަށް އައިސް، ކުނބެއް ޖަހާ ތަނެއް ވެސް ނުހުރޭ. ކުނބެއް ވެސް ނުހުރޭ. ރިޔަލެއް ވެސް ނޯވޭ،" ދޯނިތަކަށް އައި އެ ބަދަލު އަލިފުޅު ކިޔައިދިނީ ހިނިގަނޑު ހިފަހައްޓަމުންނެވެ.
އަލިފުޅު ބުނި ގޮތުގައި މައްޔާބުރި ލުމާއި ފައުންޑޭޝަނަށް ބޯލްޓް ނުޖެހުން އަދި ދިރުނބާކޮޅުގައި ގެ ޖެހުން ފަދަ އާ ގޮތްތައް ވެސް އޭނާއަށް ތައާރަފްކުރެވުނީ ގޭގައި އަމިއްލަ ދޯނިފަހަރު ހުންނާތީ އެވެ. އޭނާ ބަދަލުކުރަނީ ގޭގައި ހުރި ދޯނިފަހަރެވެ.
"އޭރުން އެންމެނަށް ވެސް ފަސޭހަގޮތް ފެންނާނެތާ،" އޭނާ ބުންޏެވެ.
ރާއްޖޭގެ މަސްދޯނި ފަހަރަށް އައި ބޮޑެތި ބަދަލުތަކާއި އެކުގައި ވެސް ވަޑާމުގައި ދެމިތިބި މީހުންގެ ތެރޭގައި އަލިފުޅު ހިމެނެ އެވެ. ރުކުން ބަންނަމުން އައި ބޭރުން ގެންނަ ލަކުޑިއަށްވެ، އަދި އޭގެ ފަހުން ފައިބަރަށް ބަދަލުވާން ފެށި ހިސާބުން ފައިބަރު ދޯނި ބަނުމުގައި ވެސް އޭނާ އުޅެ އެވެ. ފޮޓޯއެއް ނަގައިލަން ގަމުގެ ބަނދަރަކަށް އޭނާއާ އެކު ދިޔަ އިރު، އޭނާ ބަނދެފައިވާ 90 ފޫޓުގެ ދެ ދޯނި އޭރުވެސް ބަނދަރުގައި އޮތެވެ.
"ދޯނި ފަހަރުގެ ފެންވަރު ނުބަލާތީ ކަންބޮޑުވޭ"

އަލިފުޅު "އަދަދު"އާ ވާހަކަ ދައްކަނީ. ދޯނި ފަހަރުގެ ފެންވަރު ދަށަށް ދާތީ އޭނާ ކަންބޮޑުވޭ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރިޔަލު މަސްދޯނި ފަހަރުން ފެށިގެން، މި ޒަމާނުގައި މިހުރި އެންމެ ބޮޑެތި ދޯނިފަހަރާ ހަމައަށް ބަނދެފައިވާ މާވަޑިއެއްގެ ހައިސިއްޔަތުން އަލިފުޅުގެ ވަރަށް ބޮޑު ކަންބޮޑުވުމެެއް އެބަ އޮތެވެ. އެއީ އޮޑިދޯނި ފަހަރު ކަނޑަށް ބޭލުމުގެ ކުރިން އޭގެ ފެންވަރު ވަޒަންކުރުމުގެ ރަނގަޅު ނިޒާމެއް ރާއްޖޭގައި ނެތުމެވެ. އޭނާ ބުނި ގޮތުގައި އިހުގައި އެކަން އޮތީ ވަރަށް ރަނގަޅަށް ކަމަށް ވިޔަސް މިހާރު އޮތީ މުޅިން ބޮއްސުންލަައިފަ އެވެ.
ކަނޑުމެދަށް، ދޯނި ފަހަރު ބިންދައިގެންދިއުމުގެ ހާދިސާތައް ގިނަވަނީ އެހެންވެ ކަމަށް އަލިފުޅު ލަފާކުރެ އެވެ.
"ދޯނި ފަހަރު ރަޖިސްޓްރީ ކުރެވޭނީ އަޅުގަނޑުމެން [މާވަޑިން] ލައްވާ ސޮއިކޮށްގެން އެކަން ކުރެވޭނީ. އެެކަމަކު މިހާރު ކޮންމެ މީހަކު ވެސް އޮފީހަށް ގޮސް ތިމަންނާ މިއީ މާވަޑިއެކޭ ބުނީމާ އެކަން އެބަ ގަބޫލުކުރޭ. މީނަ ކުރި މަސައްކަތެއް، އުފެއްދި އެއްޗެއް ނެތް މޫދަކަށް ފައިބާފައެއް، ދެން ދޯނި މިދަނީ ބިންދައިގެން ކަނޑަށް," އަލިފުޅު ބުންޏެވެ.
އޭނާ ބުނީ އިމާރާތެއްގެ ފެންވަރު ކަށަވަރުކުރަން އިންޖިނޭރަކު ބޭނުންވާހެން ދޯނިފަހަރުގެ ފެންވަރު ވަޒަންކުރަން ވާނީ މަސައްކަތް ދަންނަ މާވަޑިން ކަމަށެވެ. ކަމާ ބެހޭ އިދާރާތަކަށް ވެސް އޭނާ ވަނީ އެ ޝަކުވާ އުފުލައިފަ އެވެ.
"ހެޔޮނުވާނެޔޭ ތިޔަ ގޮތަށް ތިޔަކަންތައް ކުރަން. ދޯނި ފަަހަރަކީ ވެސް ހަމަ މީހުން ދިރިއުޅެން ބަންނަ އެއްޗެކޭ،" އަލިފުޅުގެ ނަސޭހަތަކީ މި އެވެ.












