ވީއޭއެމް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ރޭ ކްލަބް ވޮލީބޯލް އިން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބް ބަލިކޮށް ރަނގަޅު ފެށުން ކުރިއަށް ގެންދިޔައިރު، ހާފްލައިންލިންކްއޭޖް ބަލިކޮށް ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަނުން ފުރަތަމަ މޮޅު ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ހިންމަފުށި އަތުން ފޯރިގަދަ ކުޅުމަކަށް ފަހު ކްލަބް ވޮލީބޯލް މޮޅުވީ 3-1 ސެޓުންނެވެ.
ފުރަތަމަ ދެ ސެޓު ކްލަބް ވޮލީބޯލް އިން ގެންދިޔައީ 25-22، 25-23 އިންނެވެ. މި ދެ ސެޓު ވާންކޮށް ގޮސް ފަހު ވަގުތު ކްލަބް ވޮލީބޯލް ކޮޅަށް ސެޓު ނިމުނު ކަމުގައި ވިޔަސް، ތިން ވަނަ ސެޓުގައި ހިންމަފުށިން ހިތްވަރުގަދަ ކުޅުމެއް ދައްކައި، ސެޓު އެ ޓީމު ކޮޅަށް އަނބުރާލި އެވެ. ހިންމަފުށިން ތިން ވަނަ ސެޓު ގެންދިޔައީ 25-27 އިންނެވެ. އެކަމަކު، އެ ރޫހުގައި ހަތަރު ވަނަ ސެޓުގައި ހިންމަފުށްޓައް ނުކުޅެވި، ކްލަބް ވޮލީބޯލް އިން ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ. ހަތަރު ވަނަ ސެޓު ކްލަބް ވޮލިބޯލް އިން ކާމިޔާބުކުރީ 25-22 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ކްލަބް ވޮލީބޯލްގެ މަލްދާ މައްްސޫދު އެވެ.
ފުރަތަމަ މެޗުން ކްލަބް އީގަލްސް އަތުން ބަލިވި، ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އިން ވަނީ ރޭ މޮޅު ކުޅުމެއް ދައްކައި، ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ. ގައުމީ ވޮލީ ޓީމުގައި ހިމެނޭ ޒުވާން ގިނަ ކުޅުންތެރިންނާ އެކު އޮތް ވޮލީބޯލް ޔޫތުނިއު ޖެނެރޭޝަން ޓީމުން ސެޓުތައް ގެންދިޔައީ 25-10، 25-14 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންގެ ލަންކާ ކުޅުންތެރިޔާ، ތިލިނީ ވަސާނާ އެވެ.
މުބާރާތުގައި މިރޭ ވެސް ދެ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން 20:15 ގައި ފަށާ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ ކުޅޭނީ ޔޫތު ނިއު ޖެނެރޭޝަނާ އެވެ. އަދި 21:45 ގައި ފަށާ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާނީ ޕޮލިސް ކްލަބްއާ އެވެ.












