ވީއޭއެމް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ރޭ އަލްމާ ސްޕޯޓްސް ކްލަބް އަތުން ފަސޭހަކަމާ އެކު އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯ މޮޅުވިއިރު، މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު، ޕޮލިސް ކްލަބް ކުުޅުނު ފުރަތަމަ މެޗުގައި ކްލަބް އީގަލްސް ބަލިކޮށްފި އެވެ.
އަލްމާ އަތުން ވެމްކޯ ސީދާ ތިން ސެޓުން މޮޅުވިއިރު، އީގަލްސް އަތުން ޕޮލިސް ކާމިޔާބު ހޯދީ ވެސް ތިން ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެެރެ ކޯޓުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އަލްމާ އަށް މާ ބޮޑު ފުރުސަތެއް ނުދީ ވެމްކޯ އިން ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ.
ވެމްކޯ ޓީމުގެ އައިމިނަތު އަރީޝާ އާއި އައިޝަތު މާޖިދާ އަދި ފާތިމަތު ޖޫޒާން ޒަރީރް މޮޅަށް ކުޅުނު މި މެޗުގައި ވެމްކޯ އިން ފުރަތަމަ ސެޓު ގެންދިޔައީ 25-04 އިންނެވެ. ވެމްކޯ އިން ދެ ވަނަ ސެޓު ހޯދީ 25-07 އިންނެވެ. އަދި ފަހު ސެޓު ކާމިޔާބުކުރީ 25-05 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ މާޖިދާ އެވެ.

ވެމްކޯގެ މާޖިދާ ރޭ އަލްމާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު
އީގަލްސް އިން ކުޅުނު ފުރަަތަމަ މެޗުގައި ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އަތުން މޮޅުވި ނަމަވެސް ރޭ ޕޮލިހުންނާ ދެކޮޅަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، އެ ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ވެސް ފެނިގެންދިޔަ އެވެ. ފުރަތަމަ ސެޓުގައި ޕޮލިހުގެ ނޭޕާލް ކުޅުންތެރިޔާ، ކަމަނާ ބިސްޓާ ރަނގަޅު ޝޮޓްތަކެއް ފޮނުވާލިއިރު، ސެޓު ގެންދިޔައީ، 25-19 އިންނެވެ.
ދެ ވަނަ ސެޓު ފަށައިގެން ޕޮލިހުގެ ހައްވާ ރާޝިދާ (ހައްވަ) އާއި ޝަހާ ޝާމިން އަދި ސެޓަރު، ހައިފާ އިމާދުގެ ކުޅުން ރަނގަޅުވެ، ޕޮލިހުން މެޗުގެ ކޮންޓްރޯލް ބޮޑަށް ނެގި އެވެ. މުހައްމަދު ނަދީމްގެ ކޯޗުކަމުގައި ކުޅޭ ޕޮލިހުން ދެ ވަނަ ސެޓު ގެންދިޔައީ، 25-21 އިންނެވެ. ތިން ވަނަ ސެޓަކީ ރޭ އީގަލްސް އިން ރަނގަޅު ފައިޓެއް ދިން ސެޓެކެވެ. އީގަލްސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އައިޝަތު ޝައްފަގެ ރަނގަޅު ހަމަލާތަކެއް ފެނުނުއިރު، އެ ޓީމުން ސެޓުގެ ވަކި ހިސާބަކުން ލީޑު ވެސް ނެގި އެވެ. އެކަމަކު، ވަކި ހިސާބަކުން އަމިއްލަ އަށް ހެދޭ ގޯސްތައް ގިނަވެ، އީގަލްސް އަށް ތިން ވަނަ ސެޓު ވެސް ގެއްލުނީ އެވެ. ޕޮލިހުގެ އައިޝަތު އަޒީފާ (އައްޒަ)ގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނުނުއިރު، އެ ޓީމުން ސެޓު ގެންދިޔައީ، 25-20 އިންނެެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ، ޕޮލިހުގެ ހައްވަ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު މުބާރާތް ބޭއްވިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހައްވަ އެވެ.
މުބާރާތުގައި މިރޭ ވެސް ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަަމަ މެޗު 20:15 ގައި ފަށާއިރު ބައްދަލުކުރާނީ ކްލަބް ވޮލީބޯލް އާއި ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބް އެވެ. މި ދެ ޓީމު ވެސް ވަނީ ފުރަތަމަ ކުޅުނު މެޗުން މޮޅުވެފަ އެވެ. ދެ ވަނަ މެޗު 21:45 ގައި ފަށާާއިރު، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ނުކުންނާނީ ކްލަބް ހާފްލައިންލިންކްއޭޖާ ދެކޮޅަށެވެ. މި ދެ ޓީމު ވެސް ފުރަތަމަ ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ.












