ވީއޭއެމް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ރޭ ދިވެހި ސިފައިންގެ ކުލަބާއި ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ.
ވޮލީބޯޅަ ސީޒަންގެ އަންހަން ފުރަތަމަ މުބާރާތުގައި މި އަހަރު ވަނީ 10 ޓީމަކުން ބައިވެރިވެފަ އެވެ. އެ 10 ޓީމް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި، ކުލަބު ވޮލީބޯލް، އަލްމާ ސްޕޯޓްސް ކުލަބު، ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޕޮލިސް ކުލަބު، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ކުލަބު އީގަލްސް، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ހާފް ލިންކޭޖު އެވެ.
މުބާރާތުގައި ހިންމަފުށިން ކުޅުނު ފުރަތަމަ މެޗުގައި ޔޫތު ނިއު ޖެނެރޭޝަން އަތުން މޮޅުވީ 3-1 ސެޓުންނެވެ.
ފުރަތަމަ ދެ ސެޓު ފަސޭހަކަމާ އެކު 25-14 އާއި 25-12 އިން ހިންމަފުށިން ހޯދި ނަމަވެސް ތިން ވަނަ ސެޓުގައި ޔޫތު ނިއުޖެނެރޭޝަންގެ ކުޅުންތެރިން ހިތްވަރާ އެކު ރަނގަޅު ވާދައެއް ކުރި އެވެ. ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޔޫތު ނިއުޖެނެރޭޝަނުން މި ސެޓު ކާމިޔާބުކުރީ 23-25 އިންނެވެ.
އަތޮޅުތެރޭގެ ރަށަކުން މުބާރާތުގައި ވާދަކުރާ ހަމައެކަނި ޓީމު ކަމަށްވާ ހިންމަފުށިން ވަނީ މެޗުގެ ކުރީކޮޅު ދެއްކި ކުޅުން ތަކުރާރުކޮށް ފަސޭހަކަމާ އެކު ފަހު ސެޓު 25-14 އިން މެޗު ކާމިޔާބުކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިންމަފުށީގެ އިނާޔާ ނަސީރު އެވެ.
މުބާރާތުގައި ރޭ ކުޅުނު ފަހު މެޗު ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބުންނެވެ. މި ފަހަރުގެ މުބާރާތަށް ރަނގަޅު ލެވަލެއްގައި ތައްޔާރުވި ސިފައިން ޓީމުން މި މެޗު ކާމިޔާބުކުރީ ކުލަބު ހާފް ލައިން ލިންކޭޖާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
ސިފައިންގެ ޓީމު މޮޅުކޮށްދިނުމުގައި ތަފާތަކަށް ފެނުނީ އެ ޓީމަށް ކުޅޭ ނޭޕާލް ގައުމީ ޓީމުގެ އުޝާ ބަންދާރީ އެވެ. އުޝާގެ ބާރު ހަަމަލާތަކާ އެކު ސިފައިން މެޗުގެ ސެޓުތައް ގެންދިޔައީ 25-5، 25-13 އަދި 25-9 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިން ޓީމްގެ ފާތިމަތު ވިރާޝާ އެވެ.
މުބާރާތުގައި މިރޭ ވެސް ދެ މެޗެއް ކުޅޭނެ އެވެ. މިރޭ 20:15 ގައި ފަށާ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ ނުކުންނާނީ އަލްމާ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. މިރޭ ކުޅޭ ފަހު މެޗުގައި ޕޮލިސް ކުލަބު ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ. އީގަލްސް ވަނީ ކުޅުނު ފުރަަތަމަ މެޗުން ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން ބަލިކޮށްފަ އެވެ. އަލްމާ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކްލަބް ވޮލީބޯލް އަތުން ބަލިވެފަ އެވެ.












