މިލާން (މެއި 22) - ފަހު މެޗުގައި މިރޭ ސަސުއޯލޯ އަތުން 3-0 އިން މޮޅުވެ، އޭސީ މިލާނުން 11 އަހަރަށް ފަހު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން މޮޅުވެ، މިލާނުން ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ފަހަތަށް ޖައްސާލައިފަ އެވެ. މިއީ މިލާނުން 2011 ވަަނަ އަހަރުގެ ފަހުން ލީގު ހޯދި ފުރަަތަމަ ފަހަރެވެ. މިލާނުން ވަނީ ޖުމްލަ އެކު 19 ފަހަރު ލީގު ތަށި އުފުލާލައިފަ އެވެ.
މިލާން އެއް ވަނަ ހޯދީ 86 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ، ސަމްޑޯރިއާ އަތުން 3-0 އިން މޮޅުވި އިންޓަ އަށް ލިބުނީ 84 ޕޮއިންޓެވެ. ތިން ވަނަ ހޯދި ނަޕޯލީ އަށް 79 ޕޮއިންޓް ލިބުނުއިރު، ހަތަރެއްގައި ނިންމި ޔުވެންޓަސްގެ އޮތީ 70 ޕޮއިންޓެވެ. ނަޕޯލީން ވަނީ މިރޭ ސްޕެޒިއާ 3-0 އިން ބަލިކޮށްފަ އެވެ. ފިއޮރެންޓީނާ ދަނޑުގައި ޔުވެންޓަސް ބަލިވީ 2-0 އިންނެވެ.
ސަސުއޯލޯ ދަނޑުގައި މިރޭ މިލާނުން ފުރަތަމަ ހާުފު ނިންމާލީ ވެސް ތިން ގޯލުގެ ލީޑަކާ އެކު އެވެ. މިލާނުން 36 މިނިޓް ތެރޭ ތިން ގޯލު ޖެހިއިރު، މި ތިން ލަނޑަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެ ޓީމުގެ ޕޯޗުގީސް ވިންގް، ރަފައެލް ލެއާއޯ އެވެ. ލެއާއޯ ދިން ދެ ބޯޅައިން މިލާންގެ ފުރަތަމަ ދެ ގޯލު ޖެހީ އޮލިވިއޭ ޖިރޫޑް އެވެ. އަނެއް ގޯލު ޖެހީ ފްރޭންކް ކެސިއޭ އެވެ.

މިލާންގެ ޖިރޫޑް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ބަދަލަކަށް ކުޅެން އަރައި، މިލާންގެ ފޯވާޑް، ޒްލަޓާން އިބްރަހިމޮވިޗް، 40، ވަނީ ގޯލެއް ޖަހައިފަ އެވެ. އިބްރަހިމޮވިޗް ބޮލުން ޖެހި މި ގޯލު ނިންމީ އޮފްސައިޑް ކަމަށެވެ. މިލާނުން އެންމެ ފަހުން 2011 ވަނަ އަހަރު ލީގު ހޯދި ޓީމުގައި ވެސް އިބްރަހިމޮވިޗް ހިމެނެ އެވެ. އަދި އަލުން އެ ޓީމު ތަށި އުފުލާލި ޓީމުގައި ވެސް އިބްރަހިމޮވިޗަކީ މުހިންމު މެމްބަރެެކެވެ.
މިލާނުން ޗެމްޕިއަންކަން ހޯދިއިރު، އެންމެ މޮޅު ކީޕަރަކީ އެ ޓީމުގެ ކީޕަރު މައިކް މެނިއޯން އެވެ. މިދިޔަ ސީޒަނުގައި ލިލްއާ އެކު ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދި މެނިއޯން މި ސީޒަނުގައި މިލާނަށް ގެނައީ އެ ޓީމުގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ޕީއެސްޖީ އަށް ބަދަލުވުމުންނެވެ.
އިންޓަ އިން ސަމްޑޯރިއާ ދަނޑުގައި މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު އެވެ. އިންޓަ އަށް ލީޑުނަގައިދިނީ އިވާން ޕެރިސިޗް އެވެ. އަނެއް ދެ ގޯލު ޖެހީ އާޖެންޓީނާގެ ވިންގް، ޔަކީން ކޮރޭއާ އެވެ.












