ގޯކުލަމް އިން ފުރަތަމަ މެޗުގައި އޭޓީކޭ މޯހަން ބަގާން ބަލިކޮށްފި

ލަނޑު ޖެހުމަށް ފަހު ގޯކުލަމް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ގޯކުލަމް/ފޭސްބުކް

ލަނޑު ޖެހުމަށް ފަހު ގޯކުލަމް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ގޯކުލަމް/ފޭސްބުކް

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި އިންޑިއާގެ ސުޕަ ލީގު ކްލަބް، އޭޓީކޭ މޯހަން ބަގާން އަތުން 4-2 އިން، އިންޑިއާ އައި ލީގުގެ ގޯކުލަމް ކެރަލާ އެފްސީ މޮޅުވެއްޖެ އެވެ.

މިއީ މިދިޔަ ދެ އަހަރު އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން ހޯދި ގޯކުލަމް، އޭއެފްސީ ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ކާމިޔާބުކުރި އޭޓީކޭ މޯހަން ބަގާންގެ ދަނޑުގައި އެ ޓީމު އަތުން ގޯކުލަމް އަށް މި ލިބުނީ ބޮޑު މޮޅެކެވެ. މިއީ އައި ލީގުގެ ޓީމަކުން އޭއެފްސީ ކަޕްގައި ސުޕަ ލީގުގެ ޓީމެއް ބަލިކުރި ފުރަތަމަ ފަހަރެވެ. ގޯކުލަމް އަކީ މީގެ ފަސް އަހަރު ކުރިން، 2017 ވަނަ އަހަރު ވުޖޫދުވި ކްލަބެކެވެ.

އިންޑިއާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން އޭޓީކޭ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން މަސައްކަތް ކުރިއިރު، ގޯކުލަމް އިން ވިސްނުން ހުރީ ކައުންޓައެޓޭކުން ގޯލެއް ޖެހޭތޯ ބެލުމަށެވެ.

މެޗުގެ ފަސް ވަނަ މިނިޓްގައި އޭޓީކޭގެ ކެޕްޓަން، ފިޖީ ގައުމީ ޓީމުގެ ފޯވާޑް ރޯއީ ކްރިޝްނާ ހާފުގެ މެދެއްހާ ހިސާބުން ޖެހި ބޯޅަ ގޯކުލަމްގެ ކީޕަރު ރަކްޝިތު ދާގަރު ވަނީ މަތަކޮށްފަ އެވެ.

ގޯކުލަމް އަށް މެޗުގެ 13 ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުމަކުން އެ ޓީމަށް ކުޅޭ ޖެމެއިކާގެ ފޯވާޑް، ޖޯޑަން ފްލެޗާ ނެގި ހުރަހަކުން އެ ޓީމުގެ ބޯބާ އަމީނޫ ބޮލުން ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ. އޭގެ ދެ މިނިޓް ފަހުން އޭޓީކޭ އަށް ލީޑުނަގައިދޭން ކްރިޝްނާ އަށް ރަނުގެ ދެ ފުރުސަތެއް ލިބުނެވެ. އަރިމަތިން އޭޓީކޭގެ ލިސްޓަން ކޮލާސޯ ނެގި ހުރަހަކުން ކްރިޝްނާ ޖެހި ބޮޅަ ހުރަސްދަނޑިމަތިން ދިޔައިރު، އޭގެ ފަހުން ލިބުނު ފުރުސަތުން ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެެވެ.

ގޯކުލަމްގެ އެމީލް (ކ) އޭޓީކޭގެ ވިލިއަމްސް ކައިރިން ބޯޅަ ހިފައިގެންދަނީ.--

މެޗުގެ 17 ވަނަ މިނިޓްގައި ގޯކުލަމްގެ ފްލެޗާ ޖެހި ބޯޅަ އޭޓީކޭ ކީޕަރު އަމްރިންދަރު ސިންގް ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާތެެރެއިން ގޯކުލަމްގެ އެމީލް ބެނީ ޖެހި ޝޮޓް ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ.

އޭޓީކޭ އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެން މަސައްކަތް ކުރަމުންދިޔައިރު، އެ ޓީމުގެ މެދު ތެރެއަށް ކުޅޭ ފިންލެންޑް ގައުމީ ޓީމުގެ މިޑްފީލްޑަރު، ޖޯނީ ކައުކޯ އަށް ލިބޭ ބޯޅަތަކުގައި ގޯކުލަމް ކުޅުނީ ސަމާލުވެގެންނެވެ. ގޯކުލަމްގެ ކެޕްޓަން އަފްގާނިސްތާންގެ މިޑްފީލްޑަރު މުހައްމަދު ޝަރީފް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި ކައުކޯ އަށް ލިބުނު ފުރުސަތަކުން ޖެހި ބޯޅަ އަމާޒުވީ ކީޕަރު ދާގަރު އަތަށެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ގޯކުލަމްގެ ކައުންޓަ އެޓޭކެއް ހުއްޓުވަން އޭޓީކޭ ކުރި މަސައްކަތުގެ ތެރޭގައި އެ ޓީމުގެ ސްޕެއިން ޑިފެންޑަރު، ޓިރީ ކަކުލަށް އަނިޔާވެ ޖެހުނީ ބަދަލުކުރާށެވެ. ޓިރީ ކަކުލަށް އަނިޔާވީ ގޯކުލަމްގެ ސްލޮވީނިއާ ފޯވާޑް ލޫކަ މަޖްޝެން އަށް ފައުލުކުރުމުގެ ތެރޭގަ އެވެ. ޓިރީ ބަދަލުކުރަން ޖެހުމުން އޭގެ ފަހުން އޭޓީކޭގެ ފަހަތް ފެނުނީ ބަލިކޮށިކޮށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ގޯކުލަމް އަށް ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އެމީލް ބެނީ ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާތެރެއިން ޖަހަން އެރި ލޫކާ ފައިގައި ލައްވާލާގޮތެއްނުވި އެވެ. އެކަމަކު، މެޗުގެ 50 ވަނަ މިނިޓްގައި، ލިބުނު ފުރުސަތުން ލޫކާ ވަނީ ގޯލު ޖަހައިފަ އެވެ. މިއީ އަރިމަތިން ތާހިރު ޒަމާން ނެގި ހުރަހަކުން ހުސްކޮށް ހުރެފައި ލޫކާ ޖެހި ގޯލެކެވެ. ގޯކުލަމް އަށް ކުރީގައި އޮވެވުނީ ދެ ވަރަކަށް މިނިޓް ވަންދެނެވެ. އޭޓީކޭ އިން ވަނީ މެޗުގެ 52 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ލިސްޓަން ނެގި ކޯނަރަކުން މި ގޯލު ޖެހީ ހުސްކޮށް ހުރިި ޕްރިތަމް ކޯޓާލް އެވެ.

ގޯކުލަމްގެ ފްލެޗާ ބޯޅަ ފޮނުވާލަނީ: މިއީ ގޯކުލަމް އިން އޭއެފްސީ ކަޕްގައި ހޯދި ފުރަތަމަ މޮޅު.

ގޯލު ޖެހުމަށް ފަހު އޭޓީކޭ އަށް މެޗުގެ ކޮންޓްރޯލް ނަގައިގެން ރަނގަޅަށް އެޓޭކް ކުރެވޭ ގޮތެއްނުވި އެވެ. ގޯކުލަމް އިން ވަނީ މެޗުގެ 57 ވަނަ މިނިޓްގައި ދެ ވަނަ ފަހަރަށް ލީޑުނަގައިފަ އެވެ. ކައުންޓަ އެޓޭކެއްގައި ގޯކުލަމްގެ ފްލެޗާ ހުސްކޮށްލާފައި ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ރިޝާދު ޕަޒާޔާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އަމްރިންދަރު އަތުގައި ޖެހިފަ އެވެ. ކޮންމެ ފަަހަރަކު ކަހަލަ ގޮތަކަށް ކައުންޓަ އެޓޭކުގައި ގޯކުލަމްގެ ނުރައްކާ ބޮޑުކޮށް ފެނުުނުއިރު، އެ ޓީމުން ވަނީ މެޗުގެ 65 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ ފްލެޗާ ދިން ބޯޅައަކުން ލޫކާ އޭރިއާތެެރެއިން ޖެހި ގޯލެކެވެ.

އޭޓީކޭ އަށް އުންމީދެއް ލިބުނީ މެޗުގެ 80 ވަނަ މިނިޓްގައި ލިސްޓަން ޖެހި ގޯލުންނެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ހިލޭ ޖެހުމަކުން ލިސްޓަން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ. އޭގެ މިނިޓެއް ފަހުން ގޯކުލަމް އަށް ދެ ގޯލުގެ ލީޑެއް އަލުން ނަގައިދޭން ސްރީކުއްތާން އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ގޯކުލަމް އިން ހަތަރު ވަނަ ގޯލެއް ޖެހުމުގައި ކާމިޔާބު ހޯދި އެެވެ. މެޗުގެ 89 ވަނަ މިނިޓްގައި ލޫކާ ދިން ބޯޅައަކުން މި ގޯލު ޖެހީ ޖިތިން ނިމޭޝް އެވެ. ލޫކަ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޖިތިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އިތުރު ވަގުތުގައި ގޯކުލަމް އަށް ފަސް ވަނަ ގޯލެއް ޖަހައިދޭން ނިތިން އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

މިއަދުގެ މެޗު ކުޅުނު ސޯލްޓް ލޭކް ސްޓޭޑިއަމް އަކީ 85،000 ސަޕޯޓަރުންގެ ޖާގައިގެ ދަނޑެކެވެ. މި މެޗު ބަލަން 31،790 ސަޕޯޓަރުން ދަނޑަށް ވަނެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox