ބޮޑު ބަޖެޓެއް އޮތުމަކީ ކާމިޔާބު ޔަގީންވުމެއް ނޫން: ކެރަލާ ކޯޗު

ގޯކުލަމް ކެރަލާގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ.-- ފޮޓޯ: ގޯކުލަމްކެރަލާ މީޑިއާ

ގޯކުލަމް ކެރަލާގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ.-- ފޮޓޯ: ގޯކުލަމްކެރަލާ މީޑިއާ

އޭއެފްސީ ކަޕްގައި މާދަމާ ހަވީރު ގޯކުލަމް ކެރަލާ އިން ކުޅެން ޖެހޭ އޭޓީކޭ މޯހަން ބަގާން އަކީ ބޮޑު ބަޖެޓެއް އޮތް މުއްސަނދި ކްލަބެއް ކަމަށާއި އެކަމަކު، އޭގެ މާނަ އަކީ އެ ޓީމަށް ކާމިޔާބީ ޔަގީންވުމެއް ނޫން ކަމަށް ފާއިތުވި ދެ އަހަރު އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން ގޯކުލަމް ކެރަލާ އަށް ހޯދައިިދިން އިޓަލީގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ ބުނެފި އެވެ.

އިންޑިއާގެ ފުޓްބޯޅައިގެ ފޯރިގަދަ ސަރަހައްދެއް ކަމަށްވާ ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި މި ފަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުރިއަށްދާއިރު، މިއަދު ވަނީ ފުރަތަމަ މެޗުތަކުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފަ އެވެ.

ފާއިތުވި ދެ އަހަރު އައި ލީގުގެ ޗެމްޕިއަންކަން ހޯދި ގޯކުލަމް ކެރަލާ ޓީމު މާދަމާ ހަވީރު ކުޅޭނީ އިންޑިއަން ސުޕަ ލީގުގެ ތިން ވަނަ ޓީމު، އޭޓީކޭ މޯހަން ބަގާން އެވެ. އޭޓީކޭ އަކީ މިިދިޔަ ފަހަރު އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާގެ ގްރޫޕް ކާމިޔާބުކުރި ޓީމެވެ. މި ފަހަރުގެ މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕް ހޯސްޓްކުރަނީ އޭޓީކޭ ކަމަށްވާއިރު، ފޭވަރިޓުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ދެކެނީ އެ ޓީމެވެ.

"މި ދެ ޓީމުގެ ފަރަގުގެ ވާހަކަ ދެއްކިދާނެ. އޭޓީކޭގެ އެބައޮތް ބަޖެޓެއް. އެ މީހުންގެ އެއް ކުޅުންތެރިއަކުގެ އަގަކީ އަހަންނާއި މި މުޅި ޓީމުގެ އަގޭ ވެސް ބުނެވިދާނެ. ފުޓްބޯޅައިގައި މި އޮންނަނީ ބަޖެޓްގެ މޮޅު ކަމެއް ނޫން. ދަނޑުމަތީގައި 11 ކުޅުންތެރިންނާއި 11 ކުޅުންތެރިންގެ ވާދަވެރިކަމެއް. އަހަރެމެން ކުޅުންތެރިން ނުކުންނާނީ އައި ލީގާއި ސުޕަ ލީގުގެ ފަރަގަށް ވިސްނައިގެނެއް ނޫން، ދެ ޓީމުގެ ލެވަލަށް ވެސް މި ވަގުތު ނުބަލަން،" ކުރިން ފަލަސްތީނާއި އިންޑޮނީޝިއާގެ ކްލަބަކަށް ކޯޗުކޮށްދިން ވިންޗެންޒޯ ބުންޏެވެ.

"ވަރަށް ސާފުކޮށް ބުނަން، ބަލިނުވާން ނޫނީ އެއްވަރުކޮށްލަން އެހެނެއް ނޫން ކުޅޭނީ، ގޯކުލަމް (ކެރަލާ) ނުކުންނާނީ މޮޅުވާން،"

ގޯކުލަމް ކެރަލާ އާއި އޭޓީކޭގެ އިތުރުން ދެން އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕް ޑީގައި އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ.

މި ވަގުުތު ފެންނަ ފެނުމަށް އެންމެ ރަނގަޅަށް އޮތީ ކޮން ޓީމެއްތޯ ވިންޗެންޒޯ ގާތުގައި އެހުމުން އޭނާ ބުނީ މިއީ ޓީމުތައް ގިންތި ކޮށްފައި ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ކަމަށް ނުވެދާނެ ކަމަށާއި މެޗެއް ކުުޅުމަށް ފަހު އެ ސުވާލަށް ޖަވާބު ދެވޭނެ ކަމަށެވެ.

ގޯކުލަމް ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު، މާޒިޔާ އަށް ކުރިން ކުޅުނު އަފްގާނިސްތާން ގައުމީ ޓީމުގެ މުހައްމަދު ޝަރީފްގެ އިތުރުން ސްރީ ލަންކާ ގައުމީ ޓީމުގެ ފޯވާޑް ވަސީމް ރަޒީކް ހިމެނެ އެވެ. ވަސީމް ވަނީ މިދިޔަ ނޮވެމްބަރު މަހު ރާއްޖެ ކޮޅަށް ފޯ ނޭޝަންސް ކަޕްގައި ހަތަރު ގޯލު ޖަހައިފަ އެވެ.

ސްޕެއިންގެ ކޯޗު ފެރާންޑޯ: އޭނާ ގޯއާ ޓީމު ދޫކޮށް އޭޓީކޭއާ ހަވާލުވީ މިދިޔަ އަހަރު ޑިސެމްބަރު މަހު.

ފޭވަރިޓޭ ބުނާތީ ހިތްހަމަޖެހުނަސް އޭޓީކޭ އިން ބުނަނީ ފަސޭހަނުވާނެ ކަމަށް

އޭޓީކޭ އަކީ މި ފަހަރުގެ އޭއެފްސީ ކަޕަށް ކޮލިފައިން ބުރުން އައި ޓީމެވެ. ކޮލިފައިން ބުރުގައި އޭޓީކޭ އިން ވަނީ ކޮލިފައިން ފުރަތަމަ މެޗުގައި، ސްރީ ލަންކާގެ ބްލޫ ސްޓާ 5-0 ބަލިކުރުމަށް ފަހު ޕްލޭއޮފްގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން 3-1 އިން މޮޅުވެފަ އެވެ.

މިދިޔަ އަހަރު އޭޓީކޭ އިން އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ އެއް ވަނަ ހޯދިއިރު ކޯޗަކަށް ހުރީ ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އެންޓޯނިއޯ ލޮޕޭޒް ހަބާސް އެވެ. މިދިޔަ އަހަރު ގޯއާ ކްލަބްގެ ކޯޗަކަށް ހުރި ޖުއާން ފެރާންޑޯ ވަނީ މިދިޔަ ޑިސެމްބަރު މަހު އޭޓީކޭއާ ހަވާލުކޮށްފަ އެވެ.

ބާސެލޯނާ އަށް އުފަން، ފެރާންޑޯ ބުނީ އޭނާގެ ޓީމަކީ މި ފަަހަރުގެ ގްރޫޕްގެ ހޯސްޓް ކަމަށާއި އެއީ ފޭވަރިޓޭ ބުނާތީ ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އޭޓީކޭ އަމިއްލަ ދަނޑުގައި ކުޅެން ނުކުތަސް ވާދަވެރިންނަށް ތިބީ ތިން ގައުމުގެ ޗެމްޕިއަނުން ކަމަށް ފެރާންޑޯ ބުންޏެވެ.

"ވެދާނެ އޭޓީކޭ މޯހަން ބަގާން އެ ނަން ބޮޑުވެފައި ތާރީހެއް މި ކްލަބާ އެކު އޮތީމަ ފޭވަރިޓުންނަށް ވަނީ ކަމަށް. އަހަންނަށް ޕްރެޝަރެއް ނެތް. އަހަރެންގެ ހަކަތަ ހުސްކުރާނީ ޓީމަށް ފައިދާ ހުރި ކަންކަމަށް. ޕްރެޝަރު ވެދާނެ، އެއީ އަހަންނަށް އޮތް ކަމަކަށް. ޓީމަށް އޭގެ އަސަރެއް ކުރިޔަ ނުދޭނަން،" ޕްރެޝަރާ ކުރިމަތިލާނީ ކެރިގެން ކަމަށް އިޝާރާތްކޮށް ފެރާންޑޯ ބުންޏެވެ.

ގްރޫޕްގައި އިންޑިއާ ތަމްސީލްކުރާ ދެ ޓީމު އޮތްއިރު، މި ދެ ޓީމު ނިސްބަތްވަނީ އިންޑިއާ ފުޓްބޯޅައިގެ ވަރުގަދަ ދެ ސަރަަހައްދަށެވެ. މިއީ ކެރަލާ އާއި ކަލްކަތާގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކޮށް، މާދަމާގެ މެޗަށް 35،000 ސަޕޯޓަރުންނަށް ވުރެ ގިނަ ސަޕޯޓަރުން ވަންނާނެ އެވެ.

ފެރާންޑޯ ބުނީ ސަޕޯޓަރުން ވަންނާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށާއި މިއީ ސަޕޯޓަރުންގެ އެހީއާ އެކު މޮޅުވެވޭނެ މެޗެއް ކަމަށެވެ.

"އަމިއްލަ ދަނޑުގައި ކުޅުން އެ ހިތްހަމަޖެހުން. ސަޕޯޓަރުން އެއީ އެޑްވާންޓޭޖެއް. ހަނދާން ނައްތާލައިގެން ނުވާނެ ދަނޑުމަތީގައި މި ކުޅެނީ 11 ކުޅުންތެރިންނާއި 11 ކުޅުންތެރިންގެ މެޗެއް. އެހެންވީމަ މަސައްކަތް ކޮށްގެން މި ވަނީ އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް މި ކުރަނީ. އެއް ޕޮއިންޓް އަހަރެމެން ކޮޅަށް މި އޮތީ އެއީ ސަޕޯޓަރުން. ބާކީ މަސައްކަތް އަހަރެމެންނަށް މި އޮތީ" މަލާގާ ޔޫތު ޓީމަށް ކުރިން ކޯޗުކޮށްދިން ފެރާންޑޯ ބުންޏެވެ.

ގޯކުލަމް އިން މި ފަހަރުގެ އައި ލީގު ނިންމާލީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެ ޓީމު ލީގަށް ބަލާއިރު، މެޗަކުން ބަލިނުވެ އެވެ. މުޅި ސީޒަނުގައި އެންމެ މެޗަކުން ބަލިވެފައި އޮތުމަކީ ގޯކުލަމްގެ ކޮންފިޑެންސް ރަނގަޅުވާނެ ސަބަބެއް ކަމަށް ފެރާންޑޯ ދެކުނެވެ.

"ޑިފެންސާއި އެޓޭކްގެ ޓްރާންސިޝަން ވެސް ރަނގަޅު 90 މިނިޓް އަހަރެމެން ފޯކަސް ކޮށްގެން ކުޅެން ޖެހޭނީ. ފުޓްބޯޅައިގައި އެންމެ މުހިންމު ކަންތައް ގޯކުލަމްގައި އެބައޮތް އެއީ ރަނގަޅު ޓީމް ވޯކެއް އޮތުން. އަހަރެމެން ވިސްނަން ޖެހޭ. އަހަރެމެން ވަރަށް ރަނގަޅަށް ކުޅެން މި ޖެހެނީ ރަނގަޅު ވަގުތުގައި އެޓޭކް ކޮށްފައި، ރަނގަޅު ވަގުތު ޑިފެންސަށް ވިސްނައިގެން،" ފެރާންޑޯ ބުންޏެވެ.

އެހެން ޓީމުތަކާ އަޅާކިޔާއިރު، އޭޓީކޭ އަށް އޮތް ހިތްހަމަޖެހުމަކީ ގިނަ ބިދޭސީ ކުޅުންތެރިންތަކެއްގެ ތެރެއިން ސިލެކްޝަނެއް ހަދަން ފުރުސަތު އޮތުމެވެ. ފެރާންޑޯ ބުނީ މާދަމާގެ މެޗުގެ ކުރިން މި ވަގުތު އެ ޓީމުން ބޭނުންކުރާނެ ބިދޭސީ ކުޅުންތެރިން ހާމަކުރުމަކީ އަނެއް ޓީމަށް ދެވޭނެ އެޑްވާންޓޭޖެއް ކަމަށެވެ.

ގޯކުލަމް ކެރަލާ އާއި އޭޓީކޭ މޯހަން ބަގާންގެ މެޗު ފަށާނީ ރާއްޖެ ގަޑިން 16:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox