މިލާން (މެއި 16) - އިޓާލިއަން ލީގުގައި ރޭ އެޓަލަންޓާ އަތުން 2-0 އިން މޮޅުވެ، އޭސީ މިލާން 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމާ ޕޮއިންޓަކާ ގާތަށް ޖެހިލިއިރު، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ކަލިއަރީ 3-1 އިން ބަލިކޮށް ލީގުގެ ރޭހުގައި އުންމީދު ދަމަހައްޓައިފި އެވެ.
ދެ ޓީމަށް ވެސް ބާކީ އެއް މެޗު އޮތްއިރު، އެއް ވަނައިގައި އޮތް މިލާނާއި ދެ ވަނައިގައި އޮތް އިންޓަގެ ފަރަގަކީ ދެ ޕޮއިންޓެވެ. މިލާނަށް 37 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، އިންޓަގެ އޮތީ 37 މެޗުން 81 ޕޮއިންޓެވެ. އަންނަ އާދިއްތަ ދުވަހު ސަސުއޯލޯ އަތުން ޕޮއިންޓެއް ހޯދައިގެން، 2011 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މިލާނަށް ލީގު ކާމިޔާބު ކުރެވޭނެ އެވެ.
މިލާނުން ރޭ އަމިއްލަ ދަނޑުގައި އެޓަލަންޓާ ކޮޅަށް ގޯލުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި މިލާނަށް ލީޑުނަގައިދިނީ ރަފައެލް ލެއާއޯ އެވެ. މިއީ ޖޫނިއާ މެސިއަސް މަތިން ނަގައިދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ލެއާއޯ ޖެހި ގޯލެކެވެ.
އެޓަލަންޓާ އިން ކުރިއަށް ޖެހި ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރަމުން ދަނިކޮށް މިލާނުގެ ޕްރެޝަރު ކަނޑުވާލައި ދިން ގޯލު ޖެހީ ފުލްބެކް، ތިއޯ ހެނާންޑޭޒް އެވެ. މިއީ އިންޑިވިޖުއަލް ހުނަރަަށް ބަލާއިރު، ތަފާތު މޮޅު ގޯލެކެވެ. މެޗުގެ 75 ވަނަ މިނިޓްގައި އަމިއްލަ ހާފުގެ ތެރެއިން ހެނާންޑޭޒް ބޯޅަ ހިފައިގެން ގޮސް، ގޯލު ޖެހީ އެޓަލަންޓާ އޭރިއާތެރެއަށް ވަދެ އެވެ.
މެޗުގެ ފަހު ކޮޅުގައި އެޓަލަންޓާގެ ޑުވާން ޒަޕާޓާ ވަނީ ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު، މިލާންގެ ގޯލުގައި ހުރި ފްރާންސްގެ ކީޕަރު މައިކް މައިގްނޯން ކައިރިން ގޯލެއް ޖެހޭގޮތެއްނުވި އެވެ.
އިންޓަގެ މެޗަށް ނުކުތްއިރު، މިލާން އޮތީ ފަސް ޕޮއިންޓް ކުރީގަ އެވެ. އެކަމަކު، އިންޓަ ވަނީ ލީގުގެ ފަހު ހަފްތާ އަށް ރޭސް ދަންމާލަން މުހިންމު މޮޅެއް ހޯދައިފަ އެވެ.

ގޯލު ޖެހުމަށް ފަހު އިންޓަ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
އިންޓަ އަށް މެޗުގެ 11 ވަނަ މިނިޓްގައި މިލާން ސްކްރީނާ ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ކެންސަލްކުރާށެވެ. އެއީ ސްރީނާ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައިފަ އެވެ. އެކަމަކު، މަޓެއޯ ޑާމިއާން މެޗުގެ 25 ވަނަ މިނިޓްގައި ޖެހި ގޯލުން އިންޓަ އިން ލީޑުނެގި އެވެ. މިއީ އިވާން ޕެރިސިޗް ނެގި ހުރަހަކުން ޑާމިއާން ބޮލުން ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގައި އިންޓަ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން ލަޓާރޯ މާޓީނޭޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުނު ނަމަވެސް ދެ ވަަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭގައި އޭނާ ވަނީ އިންޓަގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ކަލިއަރީން ވަނީ ގޯލެއް ޖަހައި، މެޗުގައި އުންމީދެއް ހޯދައިފަ އެެވެ. މިއީ އޭރިއާބޭރުން ޗަރަލަމްބޯސް ލީކޮޔިއާނިސް ޖެހި ގޯލެކެވެ. އެ ބޯޅަ އައި ސްޕީޑް ބާރުވުމުން އިންޓަގެ ކީޕަރު ސާމިރް ހަންޑަނޯވިޗަށް ހުއްޓުވޭނެ ގޮތެއް ނެތެވެ.
އިންޓަ އިން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 84 ވަނަ މިނިޓްގައި މާޓީނޭޒް ޖެހި ގޯލުންނެވެ. މިއީ މި ފަހަރު ލީގުގައި އޭނާ ޖެހި 21 ވަނަ ގޯލެވެ. މިއީ ލަނޑު ޖެހުމަށް ބަލާއިރު، އޭނާގެ އެންމެ ރަނގަޅު ސީޒަނެވެ.
ލީގުގެ ތިން ވަނައިގައި އޮތް ނަޕޯލީން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ޖެނޯއާ ބަލިކޮށްފަ އެވެ. މިއީ ނަޕޯލީގެ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ ނަޕޯލީ ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމު ދަނޑުގައި ކުޅުނު ފަހު މެޗެވެ. މި މެޗުގައި ޕެނަލްޓީ އަކުން އިންސީނިއޭ ގޯލު ޖެހިއިރު، ނަޕޯލީން ވަނީ މެޗަށް ފަހު އޭނާ ކްލަބަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށްފަ އެވެ. މި ސީޒަނަށް ފަހު އިންސީނިއޭ ބަދަލުވާނީ އެމެރިކާ ލީގުގެ ޓޮރޮންޓޯ އެފްސީ އަށެވެ.












