ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ދެތިން ހަތަރުދުވަހުގެ ތެރޭގައި ވެސް އަލިފާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިއަދު ބުނެފި އެވެ.
މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަވަމުން ބުނީ ކުރިއަށް އޮތް 24 ގަޑި އިރު ވެސް ރާއްޖޭގެ އުތުރާއި މެދުތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ އިރު، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުގައިވާ ތިލަދުންމަތިން ފެށިގެން މެދުތެރޭގައިވާ މުލަކަތޮޅާ ހަމައަށް މިހާރު ވެސް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ ބޯކޮށް ވާރޭ ވެހުމާއި އެކު ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ އެވެ. މެޓް އޮފީހުން އެންމެ ފަހުން ނެރުނު އެލާޓްގައިވާ ގޮތުން މި ސަރަަހައްދުގައި އާއްމު ގޮތެއްގައި 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭ އިރު ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ.
"ކުރިއަށް އޮތް ތިން ހަތަރު ދުވަހަށް ބަލާއިރު އަދި ހަމަ ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ، ބޮޑަށް އުތުރަށް ބޯކޮށް ވާރެވެހޭނެކަމަށް ލަފާމިކުރެވެނީ، މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގުމޫސުމުގެ ވިއްސާރަ ކަމަށެވެ.













