މި އަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްވުމުގެ ދައުވަތު، އުރީދޫން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރާ އެކު މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހަށް މި ދައުވަތު އެރުއްވީ އުރީދޫގެ ސީއީއޯ ޚާލިދު ހަސަން އަލް ހަމާދީ އެވެ.
އެ ބައްދަލުވުމުގައި ރައީސަށް ވަނީ ވޯލްޑް ކަޕްގައި ބޭނުންކުރާ ރަސްމީ ބޯޅަ "އަލް-ރިހްލާ" ވެސް ވެދުމަށް އަރުވައިފަ އެވެ.
އުރީދޫން ބުނީ، މި އަހަރުގެ ވޯލްޑް ކަޕްގެ ރަސްމީ ބޯޅަ އަކީ އެ މުބާރާތުގެ ތާރީހުގައި މިހާތަނަށް އުފެއްދި އެންމެ ހަލުވި، އެންމެ ލުއި ބޯޅަ ކަމަްށް، އެ ބޯޅަ އުފެއްދި ކުންފުނި، އެޑިޑާސް އިން ބުނެފައިވާ ކަމަށެވެ.
އުރީދޫގެ ފަރާތުން ރައީސަށް އެ ބޯޅަ އަރުވާފައިވަނީ ވޯލްޑް ކަޕްގެ ދިވެހި ސަޕޯޓަރުންނަށް "ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާ ތަކެއް ހޯދައިދިނުމަށް އުރީދޫން ދޭ އަހައްމިއްޔަތު ކަމުގެ ރަމްޒެއްގެ ގޮތުން" ކަމަށް ބުނެ އެވެ.

އެ ބައްދަލު ކުރެއްވުމުގައި އަލް ހަމާދީ ވަނީ ޑިޖިޓަލް ރާއްޖެ އެއް ބިނާ ކުރުމަށްޓަކައި އުރީދޫން ކުރަމުންދާ ބައެއް ކަންތައްތަކާ ގުޅޭ ގޮތުން ވެސް ރައީސް ސޯލިހާ މަޝްވަރާ ކުރައްވައިފަ އެވެ.
އޭގެ ތެރޭގައި ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން އުރީދޫން ޑިޖިޓަލް ރާއްޖެ އެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ރާއްޖޭގެ ހުރިހާ ހިސާބަކަށް 5ޖީ ގެ ހިދުމަތް ފުޅާ ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
މީގެ އިތުރުން ޕީސް ކޭބަލް މެދުވެރިކޮށް ވިލާތާއި ސިންގަޕޫރާ ރާއްޖެ ގުޅާލުމާއި ރާއްޖޭގެ ޓެލެކޮމް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމުގެ އިތުރުން އެކި ދާއިރާތަކަށް އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
މި އަހަރުގެ ވޯލްޑް ކަޕްގެ މެދު އިރުމައްޗާއި އެފްރިކާގެ ރަސްމީ ޓެލެކޮމް އޮޕަރޭޓަރުގެ ހައިސިއްޔަތުން އުރީދޫން މި އަހަރުގެ ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ރާއްޖޭގެ ރަށްރަށަށް މަގުފަހި ކޮށްދޭނެ ކަމުގެ ޔަގީންކަން އަލް ހަމާދީ ވަނީ ދެއްވާފަ އެވެ.
މިއަހަރު ގަތަރުގައި ބާއްވައި "ފީފާ ވޯލްޑް ކަޕް ގަތަރު 2022" އޮންނާނީ ނޮވެމްބަރު 21 ވާ ހޯމަ ދުވަހުން ފަށައިގެން 18 ޑިސެމްބަރު ވާ އާދީއްތަ ދުވަހާ ހަމައަށެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އަހަރު ފަހު ކޮޅުގައި މުބާރާތް ބާއްވާ ފުރަތަމަ ފަަހަރެވެ.













