ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި އަލީ ސަމީރު, ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އައްޔަންކޮށްފި އެވެ.
އެ މަގާމުގައި އަލީ ސަމީރު, ޕީޖީ އޮފީހުގެ މަސައްކަތަށް ނުކުންނަވަން ފައްޓަވާފައިވާއިރު, މިއަދު ވަނީ ހައިކޯޓާއެކު ޕީޖީ އޮފީހުން ބޭއްވި ބައްދަލުވުމެއްގައި ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްއާއެކު ބައިވެރިވެވަޑައިގެންފަ އެވެ.
ޕީޖީ ޝަމީމް އަދި ސަމީރަކީ އެކުގައި މިސްރުގެ އަޒުހަރު ޔުނިވާސިޓީން ތަމްލީމް ހާސިލްކުރެއްވި ދެ ބޭފުޅުންނެވެ.
ސަމީރު ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ވެސް ހާސިލުކުރައްވާފަ އެވެ. އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރު ކަމާއި، މަދަނީ ކޯޓުގެ ގާޒީކަމާއި، މަދަނީކޯޓުގެ އިސް ގާޒީކަމާއި، ސިވިލްކޯޓުގެ އިސް ގާޒީކަން ހިމެނެ އެވެ.
ސަމީރުގެ އިތުރުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ދެން ހުންނަވަނީ މަހުމޫދު ސަލީމެވެ. އޭނާއަކީ އެ އޮފީހުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ ބޭފުޅެކެވެ.













