ރިޕޯޓުކޮވިޑާއެކު ބަދަލުވި ނަރުހުންގެ ބުރަ މަސައްކަތް

ކޮވިޑާއެކު ބަދަލުވި ނަރުހުންގެ ބުރަ މަސައްކަތް

ކޮންމެ އަހަރެއްގެ ވެސް މެއި 12 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަސް. ކޮވިޑް-19 އާއެކު އެންމެ ބުރަކޮށް މަސައްކަތްކުރަން ޖެހުނު ބަޔަކީ ނަރުހުން. ޕެންޑަމިކުގެ ސަބަބުން ނަރުހުންގެ މަސައްކަތަށް ވެސް ބޮޑު ބަދަލުތަކެއް ވަނީ އައިސްފައި.

އޭޑީކޭ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ނަރުހުންނާއި ޑޮކްޓަރުން ހަރަކާތްތެރިވަނީ. ކޮވިޑް-19 ގެ ޕެންޑަމިކުގެ ތެރޭ ނަރުހުން ދެއްކި ހިތްވަރަށް ގިނަ ބަޔެއްގެ ތައުރީފު ލިބިގެންދިޔަ --- ފޮޓޯ: ހުސައިން ވަހީދު/އަދަދު
އޭޑީކޭ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ނަރުހުންނާއި ޑޮކްޓަރުން ހަރަކާތްތެރިވަނީ. ކޮވިޑް-19 ގެ ޕެންޑަމިކުގެ ތެރޭ ނަރުހުން ދެއްކި ހިތްވަރަށް ގިނަ ބަޔެއްގެ ތައުރީފު ލިބިގެންދިޔަ --- ފޮޓޯ: ހުސައިން ވަހީދު/އަދަދު

މިއަދަކީ ކޮންމެ އަހަރަކު ވެސް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ނަރުހުންގެ ދުވަހެވެ. ނަރުހުންނަކީ ސިއްހީ ދާއިރާގައި މުހިންމު ތަނބެކެވެ. ކޮންމެ ދުވަހަކު ނަރުހުން ވަމުންދާ ގުރުބާނީތަކަކީ އަގުވަޒަން ކުރެވޭނެ ކަންކަމެއް ނޫނެވެ. އެތައް ގަޑިއިރެއް ވަންދެން ބަލިމީހުންނަށް އޯގާތެރިކަމާއި ކުލުނާއެކު އަޅާލައި ފަރުވާ ފުރިހަމަ ކޮށްދިނުމަކީ އިންސާނިއްޔަތު ކަމުގެ ފުރިހަމަ ނަމޫނާއެކެވެ.

ވަކިން ހާއްސަކޮށް މިދިޔަ ދެ އަހަރަކީ މިއިން ދުވަހަކު ނުދެކޭހާ ބިރުވެރި މާހައުލެއްގައި ނަރުހުން މަސައްކަތް ކުރަން ޖެހުނު ދިގު ދެ އަހަރެވެ. އިންސާނީ ވަސީލަތް މަދު ދިވެހިރާއްޖެ އިން ކޮވިޑް-19 ފެނުން ވެގެންދިޔައީ ސިއްހީ ދާއިރާއަށް ބިންދާލި ބޮޑު ރާޅަކަށެވެ. މުޅި ގައުމަށް ދިމާވި ބޮޑު ކާރިސާއަކަށެވެ.

އެހެން ނަމަވެސް، މާތް ﷲ ގެ އިރާދުފުޅުން އޭގެ ދެ އަހަރު ފަހުން މާސްކް ނާޅައި މިނިވަންކަމާއެކު މަގުތަކުގައި އުޅުމުގެ ފުރުސަތު ލިބިގެންދިޔައީ ހާދަ ގިނަ ބަޔެއްގެ ގުރުބާނީތަކެއްގެ ސަބަބުންނެވެ. ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ނަރުހުންނެވެ.

އަމިއްލަ ރައްކަލަށް ބެލުމެއް ނެތި ހިނިތުންވުމާއެކު އޯގާތެރި އަތްތަކުން މެދުކެނޑުމެއް ނެތި ފޯރުކޮށްދިން ހިދުމަތަށެވެ. އާއިލާތަކާއި ދުރުގައި ވަކިން ގައުމީ ވާޖިބު އަދާކުރުމުގައި ދެއްކި މިންނެތް ހިތްވަރަށެވެ. އެއްވެސް ޝަކުވާއެއް ނެތި ވަކި ނަސްލެއް ވަކި ކުލައެއް ތަފާތު ކުރުމެއް ނެތި ފޯރުކޮށްދިން އިންސާނީ އެހީއަށެވެ.

ޑިސެމްބަރު 2019، ގައި ކޮވިޑުގެ ވާހަކަތައް މީޑިއާގައި ފެތުރެން ފެށުމާއެކު އޭޑީކޭ ހޮސްޕިޓަލުން ތައްޔާރީތައް ފެށި އެވެ. މެޝިނަރީ ގޮތުން ތައްޔާރުވުމަށް ވަގުތު ލިބުނު ނަމަވެސް އޭރު ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނަރުހުންނާއީ ޑޮކްޓަރުން މަދުވުމެވެ.

ނަރުހުންގެ ދަތިކަން އޮތް ދަނޑިވަޅެއްގައި ކޮވިޑު އައީ،" މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި އޭޑީކޭގެ ޖެނެރަލް ނަރުހުންގެ އިސްވެރިޔެއްގެ ގޮތުގައި ހުންނެވި މަރިޔަމް ޝަޒިއްޔާ ވިދާޅުވި އެވެ.

އެ ދަތި ދަނޑިވަޅު އިތުރަށް އުނދަގޫވީ 150 އަށްވުރެ ބޭރު މުވައްޒަފުން އެ މީހުންގެ ގައުމުތަކަށް އަނބުރާ ދިޔުމުންނެވެ. ކުއްލިއަކަށް ބިންދާލި ކޮވިޑާއެކު އޭޑީކޭގެ ނަރުހުން ވެސް ތަޖުރިބާކުރަން ޖެހުނީ އާ ކަންތައްތަކެކެވެ. ގަޔަށް ފަސޭހަ ހެދުމެއްގައި އަދާކުރަމުންދިޔަ ވަޒީފާއަށް ކޮންމެ ފަހަރަކު ޕީޕީއީ ސޫޓެއް ލައިގެން ނުކުންނަން ޖެހުމުން ވާނެ އުނދަގޫ ހިތަށް ވެސް ގެންނަން ދައްޗެވެ.

"އާންމު ބަލި މީހަކާއެކު، ކޮވިޑުގެ ބަލި މީހުން ވެސް އަޅުގަނޑުމެން ބަލަހައްޓަން ޖެހުނު. އަޅުގަނޑުމެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އެޓެންޑު ވީ،" ދެ އަހަރުކުރީ ހަނދާންތައް އާކުރަމުން ޝަޒިއްޔާ ކިޔައިދިނެވެ.

ބަލިމީހުން ބައިތިއްބާ ވޯޑުތަކުގެ ތެރެއިން ފަސް ވޯޑު ބަންދުކޮށް ނަރުހުންނަށް ހާއްސަ ކުރި އެވެ. އެއީ، ބޭރު ނަރުހުން އެނބުރި ދިޔުމުން އެ މީހުންގެ ޑިއުޓީތައް ވެސް ނެގީ ހީވާގި ދިވެހި ނަރުހުންނެވެ. ޖުމްލަ 16 ގަޑިއިރަށް ވުރެ އިތުރަށް ވެސް ބައެއް ނަރުހުން ޑިއުޓީގައި ހޭދަކުރި އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ނަރުހުންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މެދުކެނޑުމެއްނެތި އެ ހޮސްޕިޓަލުގެ މެނޭޖުމަންޓުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ކަމަށް ޝަޒިއްޔާ ވިދާޅުވި. -- ފޮޓޯ: ހުސައިން ވަހީދު/އަދަދު
އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ނަރުހުންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މެދުކެނޑުމެއްނެތި އެ ހޮސްޕިޓަލުގެ މެނޭޖުމަންޓުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ކަމަށް ޝަޒިއްޔާ ވިދާޅުވި. -- ފޮޓޯ: ހުސައިން ވަހީދު/އަދަދު

އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ނަރުހުންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މެދުކެނޑުމެއްނެތި އެ ހޮސްޕިޓަލުގެ މެނޭޖުމަންޓުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ކަމަށް ޝަޒިއްޔާ ވިދާޅުވި. -- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ޕީޕީއީގައި 16 ގަޑިއިރު ހޭދަކުރުމަކީ އާދައިގެ އިންސާނަކަށް ކެތްވާނެ ކަމެއް ނޫނެވެ. އެއީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ވަރަށް ވަރުގަދަ ބަޔަކަށް ނޫނީ ނުވާނެ ކަމެކެވެ. ނަރުހުންގެ މަސައްކަތްތައް އާދަޔާހިލާފު ވަނީ މިފަދަ ސަބަބުތަކަށްޓަކައި އެވެ.

މީގެކުރިން ވަރަށް ބޮޑަށް މެނުއަލްކޮށް ކުރަމުންދިޔަ މަސައްކަތްތައް އެއްކޮށްހެން އޮންލައިންކޮށް ބަދަލުވުން ވެގެންދިޔުމީ ނަރުހުންނަށް ވެސް ފަސޭހައަކަށެވެ. މި ޕެންޑެމިކުގެ ތެރެއިން ޒަމާނީ ސިއްހީ ދާއިރާއަކަށް ރާއްޖެ ތައްޔާރުވެފައި އޮތް މިންވަރު ދެނެގަނެވުނެވެ.

އިތުރަށް ކަންތައްތަކުގައި ޕްރިކޯޝަންސްތައް ނަގަން ދަސްވުމާއި، އަދިވެސް އަޅުގަނޑުމެން ނުއެއް ވިސްނަން ޕެންޑަމިކް އެއްކޮށް ދިޔައީއެކޭ. ޕެންޑަމިކުން ލިބުނު ތަޖުރިބާއިން ވަރަށް ބޮޑަށް ތައްޔާރުވެފައި އަޅުގަނޑުމެން މިތިބީ،" އޭޑީކޭ ހޮސްޕިޓަލުގައި ނަރުހުންގެ ކަންކަން ވިލަރެސް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޝަޒިއްޔާ "އަދަދު" އަށް ވިދާޅުވި އެވެ.

އަދިވެސް، ކޮވިޑް-19 ގެ އިތުރު ރާޅެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް، މުޅި ގައުމަށް ވެސް އޮތް އެންމެ ބޮޑު ޔަގީންކަމަކީ ފުރިހަމައަށް ތައްޔާރުވެވިފައި އޮތުމެވެ. އަދި، ނަރުހުންނަށް އެ ޔަގީންކަން ލިބިފައި އޮތުމަކީ އެންމެނަށް ވެސް ލިބޭނެ ހިތްހަމަޖެހުމެކެވެ.

"އެ ބޭފުޅުން (ނަރުހުންގެ) ހުނަރާއި އިލްމާއި އަޅާލުމާއި ނުލައި ރާއްޖޭގެ ސިއްހީ ނިޒާމެއް ނުހިނގާނެ. އަދި، ކޮވިޑް-19 އާ ދެކޮޅަށް އަޅުގަނޑުމެން ކުރާ މަސައްކަތް ނުކުރެވޭނެ،" ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މީގެކުރިން ވިދާޅުވެފައިވެ އެވެ. އެއީ މުޅި ސަރުކާރުން ވެސް ނަރުހުންގެ މަސައްކަތާ މެދު ދެކޭ ގޮތެވެ.

މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރަކީ "ނާސެސް: އަ ވޮއިސް ޓު ލީޑު - އިންވެސްޓް އިން ނާސިން އެންޑް ރެސްޕެކްޓް ރައިޓްސް ޓު ސެކިޔާ ގްލޯބަލް ހެލްތު" އެވެ. މިއީ މިކަން އޮންނަން ޖެހޭ ގޮތެވެ. ނަރުހުންގެ ދާއިރާއަށް އިންވެސްޓު ކުރަން ޖެހެ އެވެ. އަދި، އެ މީހުންނަށް ކަންކަމުގައި އިސްނެގުމުގެ ފުރުސަތުތައް ވެސް ފަހިކޮށްދޭން ޖެހެ އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ނަރުހުންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މެދުކެނޑުމެއްނެތި އެ ހޮސްޕިޓަލުގެ މެނޭޖުމަންޓުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ކަމަށް ޝަޒިއްޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތް. އަޅުގަނޑުމެން ނަރުހުން ވެސް ތިބޭނީ ކޮންމެ ކަމަކާ ވެސް ކުރިމަތިލާން ތައްޔާރަށް،"

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox