މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވީ ނަމަވެސް ރާއްޖޭގެ ދެކޮޅުގައިވާ ތޫފާންތަކުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އެވެ.
ރާއްޖޭގެ އެއްކޮޅުގައި ބޭ އޮފް ބެންގަލް ސަރަހައްދުގައި ތޫފާން "އަސަނި" އުފެދިފައި ވާއިރު ރާއްޖޭގެ އަނެއް ކޮޅުގައި ވަނީ ސަދަން ހެމިސްފިއާގައި "ކާރިމް" ނަމަކަށް ކިޔާ ތޫފާނެއް އުފެދިފަ އެވެ.
މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނުން ފެށިގެން މެންދުރު 2:00އަށެވެ. އަދި ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ޔެލޯ އެލާޓު ނެރެފެ އެވެ.
މެޓް އޮފީހުގެ މީޑިއާ އޮފިޝަލް "އަދަދު އަށް ބުނީ ރާއްޖޭގެ ދެފަޅީގައި އުފެދިފައިވާ ތޫފާންތަކުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ. މެޓުން ބުނީ ދެ ތޫފާން ވެސް ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމަށެވެ.

ތޫފާން "އަސަނި" އާއި ތޫފާން "ކާރިމް" ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާ ކަމަށް ދައްކުވައިދޭ ސެޓްލައިޓް ފޮޓޯއެއް-- ފޮޓޯ: މެޓް

"ތޫފާން އަސަނި ދަތުރުކުރަމުން ދަނީ އިންޑިއާގެ އަންދުރަ ޕްރަދޭޝާއި އޮޑިޝާ ސަރަހައްދާއި ދިމާލަށް. ތޫފާން ކާރިމް ވެސް ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް،" އޮފިޝަލް ވިދާޅުވި އެވެ.
މެޓުން އިތުރަށް ބުނީ ދެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް ރާއްޖޭގެ ކަނޑުތައް ގަދަވެ، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރިއަށް އޮތް ދެތިން ދުވަހު ވިއްސާރަ ވާނެ އެވެ.













