މިލާން (މެއި 8) - އިޓާލިއަން ލީގުގައި މިރޭ ފަހަތުން އަރައި 3-1 އިން ވެރޯނާ ބަލިކޮށް އޭސީ މިލާން އަލުން އެއް ވަނަ އަށް ޖެހިލައިފި އެވެ.
ހުކުރު ދުވަހުގެރޭ ފަހަތުން އަރައި ހޯދި މޮޅާ އެކު އިންޓަ މިލާން ވަނީ އެއް ވަނަ އަށް އަރައިފަ އެވެ. މިލާނުން ވެސް މިރޭ ފަހަތުން އަރައި މެޗުން މޮޅުވެ، ލީގުގައި ބާކީ ދެ މެޗު ކުޅެން އޮއްވައި، ވަނީ އެއް ވަަނައިގައި ދެ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ. މިލާނަށް 36 މެޗުން 80 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އިން ދެ ވަނައިގައި އޮތީ 36 މެޗުން 78 ޕޮއިންޓާ އެކު އެވެ.
ވެރޯނާ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 17 ވަނަ މިނިޓްގައި މިލާންގެ ސަންޑްރޯ ޓޮނާލީ ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމި ނިންމުމެކެވެ. ވެރޯނާ އިން ވަނީ މެޗުގައި ކުރި ރަނގަޅު ދެ ވަނަ އެޓޭކްގައި ގޯލު ޖަހައި ލީޑުނަގައިފަ އެވެ. މިއީ މެޗުގެ 38 ވަނަ މިނިޓްގައި ޑާކޯ ލާޒޮވިޗް ނެގި ހުރަހަކުން ވެރޯނާގެ ކެޕްޓަން، މާކޯ ޑާވިޑޭ ފަރޯނީ ބޮލުން ޖެހި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، މި ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި މިލާނަށް އެއްވަރުކޮށްދިނީ ޓޮނާލީ އެވެ. މިއަދު 22 ވަނަ އުފަން ދުވަސް ފާހަގަކުރި ޓޮނާލީ މި ގޯލު ޖެހީ އަރިމަތިން ރަފައެލް ލެއާއޯ ބޯޅަ ހިފައިގެން ވަދެ ނެގި ހުރަހަކުންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގައި މިލާނަށް ލީޑުނަގައިދިނީ ވެސް ޓޮނާލީ އެވެ. ޓޮނާލީ މި ގޯލު ވެސް ޖެހީ ލެއާއޯ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ނެގި ހުރަހަކުންނެވެ.

ޓޮނާލީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ވެރޯނާ ކޮޅަށް ދެ ގޯލު ޖެހިއިރު، ލާޒިއޯ އަތުން މިލާން މޮޅުކޮށްދިން ގޯލު ވެސް ޖެހީ ޓޮނާލީ.
މިލާނުން ތިން ވަނަ ގޯލު ޖެހީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލެސަންދްރޯ ފްލޮރެންޒީ ބޯޅަ ހިފައިގެން ވަދެ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލިއިރު، ވެރޯނާ ކީޕަރު ލޮރެންޒޯ މޮންޓީޕޯ އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ. މިލާނަށް ހަތަރު ވަނަ ގޯލު ޖަހައިދޭން ޖޫނިއާ މެސިއަސް އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ވެރޯނާ އޮތީ 36 މެޗުން 52 ޕޮއިިންޓް ހޯދައިގެން ލީގުގެ ނުވަ ވަނައިގަ އެވެ.
މިލާނުން ބާކީ ހުރި މެޗުތަކުން މޮޅުވެއްޖެނަމަ 2011 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެ ޓީމަށް ލީގުގެ ޗެމްޕިއަންކަން ލިބޭނެ އެވެ. މިލާނަށް ބާކީ އޮތް މެޗުތަކަކީ އަމިއްލަ ދަނޑުގައި އެޓަލަންޓާއާ ކުޅޭ މެޗާއި ރަށުންބޭރުގައި ސަސުއޯލޯއާ ބައްދަލުކުރާ މެޗެވެ. އެންމެ ފަހުގެ ޗެމްޕިއަން އިންޓަ އިން ތަށި ދިފާއުކުރަން ކުރާ މަސައްކަތުގައި ބާކީ އޮތް ދެ މެޗުގައި ކުޅޭނީ ރަށުންބޭރުގައި ކަލިއަރީއާ ދެކޮޅަށާއި އަމިއްލަ ދަނޑުގައި ސަމްޑޯރިއާއާ ދެކޮޅަށެވެ.












