ދެކުނުގައި އިތުރު މަސް ފެކްޓްރީއެއް އަޅައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.
ގދ. ފަރެސްމާތޮޑާގައި މަސް ފިނިކޮށް ރައްކާކުރެވޭނެ މަސް ފެކްޓަރީއެއް އަޅައިދިނުމަށް ގޮވާލާ ދެކުނު މަސްވެރިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި ވަނީ މިދިޔަ ހަފްތާ ތެރޭގަ އެވެ.
އެ ޕެޓިޝަނާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަދު ދެނުކުގެ މަސްވެރިންތަކަކާ ބައްދަލު ކުރައްވާފަ އެވެ.
އެ ބައްދަލުވުމާ ގުޅިގެން ފަރެސްމާތޮޑާގެ މަސްގެލަރީގެ އޮޑީވެރިޔާ އަދި ކެޔޮޅު ކަމުގައިވާ އަހުމަދު ޒައިން "އަދަދު" އަށް ބުނީ އެ ބައްދަލުވުމުގައި މަސްވެރިންގެ ހިޔާލަކީ ކޮބައިތޯ ރައީސް އޮޅުން ފިލުވި ކަމަށެވެ.
"އަޅުގަނޑުމެން ހުށަހެޅީ ފަރެސްމާތޮޑާގައި މަސް ފެކްޓްރީއެއް އެޅުމަށް. ރައީސް އެ ހިޔާލު ބަލައިގެން،" ޒައިން ބުންޏެވެ.

ރައީސް ވަނީ ދެނުކުގައި އިތުރު މަސް ފެކްޓްރީއެެއް އަޅައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ވެސް ޒައިން ބުންޏެވެ.
"ރައީސް ވެސް ވިދާޅުވީ ދެކުނު ބިތުގަ އެބަ ޖެހޭ އިތުރު މަސް ފެކްޓްރީއެއް ހުންނަން،" ޒައިން ބުންޏެވެ.
މިދިޔަ ހަފްތާއިން ފެށިގެން ސޮއި ކުރަމުންދާ ޕެޓިޝަނަކީ ސަރުކާރުން މިހާރު ކޫއްޑޫގެ މަސް ފިނިކުރާ ކެޕޭސިޓީ އިތުރުކުރުމުގެ ބަދަލުގައި އަތޮޅުގެ ދެކުނު ބިތުގެ ފަރެސްމާތޮޑާގައި މަސް ފިނިކޮށް ރައްކާކޮށް، މަސް ގަނެވޭނެ ގޮތެއް ހަދައިދިނުމަށް އެދި ސޮއި ކުރަމުންދާ ޕެޓިޝަނެކެވެ.
އެ މަސްވެރިން އެދެނީ ފަރެސްމާތޮޑާ ހިމެނޭ ފަޅުގައި ކޫއްޑޫއެކޭ އެއްގޮތަކަށް މަސް ފިނިކޮށް ރައްކާކުރެވޭނެ މަސް ފެކްޓަރީއެއް އަޅައިދިނުމަށެވެ.
މަސް ފެކްޓްރީއެއް އަޅައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައި ވާއިރު، މިހާރު މަސްވެރިކަން ތިޔާގި ދުވަސް ވަރެއްނަމަ ޖެހެނީ ކިޔުގައި އެތައް ދުވަހަކު ތިބެ މަސް ކިރާށެވެ. ސަރުކާރުން މަސް ކިރާ ވަރު ކޮންޓްރޯލް ކޮށްފިނަމަ މަސް އިތުރަށް މަސް ނުބާނާ ނުވަތަ އިތުރަށް ބޭނިއްޖެނަމަ ނުކިރި އުކާލާށެވެ.













