ރިޕޯޓުކުށްވެރިންގެ ބިރާއެކު ނޫސްވެރިން ހިމާޔަތް ބޭނުންވެފައި!

ކުށްވެރިންގެ ބިރާއެކު ނޫސްވެރިން ހިމާޔަތް ބޭނުންވެފައި!

"ކުށްވެރިއެއްގެ ވާހަކަ ހަމަ ލިޔާއިރަށް، އެ ހަބަރު ނަގަން އެބަ ތްރެޓްތައް އާދޭ، ރާއްޖޭގައި ވަރަށް އާންމު ކަމަކަށް މިހާރު ވެފަ އޮންނަ ކަމެއް އެއީ، އަޅުގަނޑު އުޅުނު ކޮންމެ ނޫހެއްގަ ވެސް އެ ކަން ވާނެ ތަޖުރިބާ ކޮށްފަ."

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެެރިވި ނޫސްވެރިއަކު ސުވާލެއް ކުރަނީ: ނޫސްވެރިންނަށް ބިރު އޮތީ ގޭންގުތަކާއި އެހެނިހެން ކުށްތައް ހިންގާ މީހުންގެ ފަރާތުން -- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެެރިވި ނޫސްވެރިއަކު ސުވާލެއް ކުރަނީ: ނޫސްވެރިންނަށް ބިރު އޮތީ ގޭންގުތަކާއި އެހެނިހެން ކުށްތައް ހިންގާ މީހުންގެ ފަރާތުން -- ފޮޓޯ: ރައީސް އޮފީސް

އެއީ ދައުލަތުގެ ހަތަރުވަނަ ބާރެވެ. ޑިމޮކްރެސީގެ ފަލްސަފާގައި، ދައުލަތުގެ މައި ތިން ބާރު، ޖުޑިޝަރީ އާއި އެގްޒެކެޓިވް އާއި ލެޖިސްލެޓިވްއަށް ފާރަވެރިވާން އޮތް ގުނަވަނެވެ. ދައުލަތުގެ ތިން ބާރު ހިނގާ ގޮތް އެނގުމަކީ ރައްޔިތުންގެ ހައްގެކެވެ. އެ ކަން ތިލަކޮށްދޭން އޮތް ބާރަކީ މީޑިއާ އެވެ. ނަމަވެސް އެ މައުލޫމާތުތައް ތިލަކޮށްދިނުމުގައި ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް އަބަދުވެސް ގިނަ އެވެ.

މީޑިއާއަކީ ބާރެއް ގޮތަށް ސިފަކުރި ނަމަވެސް، ނޫސްވެރިން އުޅެނީ މާ ބޮޑު ބާރުވެރިކަމާއެކު ކަމަށް ވެސް ނުބުނެވޭނެ އެވެ. އެއަށް ވުރެ ބޮޑަށް ގޮންޖެހުންތަކާއި އިންޒާރުތަކާއި ހުރަސްތައް ގިނަ މަސައްކަތެކެވެ. "ޕްރެސް ފްރީޑަމް އިންޑެކްސް" ގައި، ރާއްޖެ ވެސް ފަހަތަށް ސޮއްސާލި ދުވަސްވަރެއް އޮތެވެ. 2013 ފެށިއިރު، 103 ވަނައިގައި އޮތް ރާއްޖެ 2018 އަށް އައިރު އޮތީ 138 ވަނައިގަ އެވެ.

އެއީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލުމާއި،އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި އުފެއްދި ގާނޫނެއް މެދުވެރިކޮށް ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކޮށް ފިޔަވަޅު އެޅުން ގިނަވެގެން ދިޔަ ދުވަސްވަރެކެވެ. ގޭންގް މާރާމާރީ އާއި ވަޅި ޖެހުމާއި މީހުން މެރުން ގިނަވެ، ނޫސްވެރިން ވެސް އުޅެން ޖެހުނީ އެ ބިރުވެރިކަމުގެ ތެރޭގަ އެވެ.

މިދިޔަ ހަތަރު އަހަރު އާންމު ކުރި އިންޑެކްސްގައި، ކޮންމެ އަހަރަކު ރާއްޖޭން ކުރިއެރުންތަކެއް ހޯދަމުން ދިޔަ އެވެ. އެގޮތުން 138 ވަނައިގައި އޮވެ، މިދިޔަ އަހަރު އާންމު ކުރި އިންޑެކްސްގައި ރާއްޖެ ވަނީ 72 ވަނައަށް ޖެހިލައިފަ އެވެ. އެކަމަކު ކުޑަ އާބާދީއެއް އޮތް މި ގައުމު އަދިވެސް އޮތީ ދެވަނައަށް ހާލަތު ގޯސް ގައުމުތަކުގެ ތެރޭގަ އެވެ. އެއީ "އޮރެންޖް ލިސްޓް" ގަ އެވެ. އެންމެ ހާލަތު ދަށް ގައުމުތައް ހިމެނެނީ "ރަތް ލިސްޓް" ގަ އެވެ.

އެހެންކަމުން މި ލިބުނު ކުރިއެރުމާއެކު ރާއްޖޭގައި މިނިވަން ނޫސްވެރިކަން އޮތް ކަމަށް ކަނޑައަޅައި، އެ ވާހަކަ ނިންމާލެވެން އެބަ އޮތް ހެއްޔެވެ؟ ކަން އޮތީ އެހެނެއް ނޫނެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތް ހިސާބު
ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތް ހިސާބު

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތް ހިސާބު

ކުށްވެރިންގެ އިންޒާރުތަކަށް ހުއްޓުމެއް ނާދޭ

މާރާމާރީއެއް ހިނގައިގެން ގޮސްފިނަމަ، ނޫނީ ވައްކަމާއި ފޭރުމުގެ ކަމެއް ހިނގި ނަމަވެސް އެ ވާހަކަ ނޫސްތަކުގައި ލިޔެ އެވެ. ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތަކަށް ނޫސްވެރިން ވަދެ އެވެ. އެއިން ހަބަރާއި ރިޕޯޓްތައް އުފައްދަ އެވެ. އާންމުންނަށް އެނގެން ޖެހޭ މައުލޫމާތުތަކަށް ވާތީ އެވެ. އެކަމަކު މިފަދަ ކަމެއް ހިނގައިދިޔަ ވާހަކަ ލިޔެގެން އިންޒާރުދީ އަންނަ ފޯން ކޯލުތައް މަދެއް ނޫނެވެ.

"ކުށްވެރިއެއްގެ ވާހަކަ ހަމަ ލިޔާއިރަށް، އެ ހަބަރު ނަގަން އެބަ ތްރެޓްތައް އާދޭ، ރާއްޖޭގައި ވަރަށް އާންމު ކަމަކަށް މިހާރު ވެފަ އޮންނަ ކަމެއް އެއީ، އަޅުގަނޑު އުޅުނު ކޮންމެ ނޫހެއްގަ ވެސް އެ ކަން ވާނެ ތަޖުރިބާ ކޮށްފަ،" "ސަން"، "ހަވީރު" ނޫހުގައި އަހަރުތަކެއް ވަން ދެން މަސައްކަތްކޮށް، މި ވަގުތު "ދައުރު" ނޫހުގެ އިސް އެޑިޓަރަކަށް ހުންނެވި އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވި އެވެ.

ދިވެހި އެޑިޓަރުން ތަމްސީލް ކުރާ އެޑިޓާސް ގިލްޑްގެ ފައުންޑިން މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި ޒާހިރު ގަބޫލު ކުރައްވާ ގޮތުގައި، ރާއްޖޭގައި ވެސް ކުށްކުރިން އޮންނަނީ ވަރަށް ބޮޑަށް އިންތިޒާމުވެގެން ރޭވިގެންނެވެ. އެއިން ނޫސްވެރިންގެ އިތުރަށް އާންމު ރައްޔިތުންނަށް ވެސް އޭގެ އިންޒާރުތައް އާދެ އެވެ. ގިނަ ފަހަރު ޝަރީއަތުން މިފަދަ މީހުން ދެމިގަންނަނީ ވެސް އެހެންވެ އެވެ.

"ޑްރަގް ނެޓްވޯކާއި ގޭންގު ވައިލަންސް އާއި ޓެރަރިޒަމްގެ ރޫޓްތައް، މިއީ ވަރަށް އޯގަނައިޒްކޮށް ހިނގާ ކަންކަން، އެ ކަންކަން އެލިމިނޭޓް ކޮށްލެވޭނީ، ނެތިކޮށްލެވޭނީ، މުޅި ގަވަނިން ސިސްޓަމްގެ ތެރެއިން، ރާއްޖޭގައި މި ފެންނަނީ، ހާއްސަކޮށް ޑްރަގް ނެޓްވޯކްގެ މީހުން، ދުވަހަކު ވެސް މައްސަލަ ކުރިއަކަށް ނުދޭ، ދެން ހައްޔަރު ކުރާ މީހުން ވެސް ދޫވަނީ،" މައްސަލައިގެ ސީރިއަސްކަން އޭނާ ހިއްސާ ކުރެއްވި އެވެ.

ހިރިގާގެ އިތުރުން ދިވެހި ނޫސްވެރިން ތަމްސީލް ކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ ރިފްޝާން ވެސް ގަބޫލު ކުރައްވާ ގޮތުގައި މިއީ ރާއްޖޭގައި ވަރަށް އާންމުވެފައި އޮތް މައްސަލައެކެވެ.

"ކުށެއް ކޮށްގެން މީހަކު ހައްޔަރު ކުރީ، ހައްޔަރު ކުރި މީހާގެ ވަނަވަރު ހޯދާފައި ލިޔުން ނަމަވެސް، ކޯޓުގައި ހިނގާ މައްސަލައެއް ރިޕޯޓް ކުރިޔަސް، އެ އާޓިކަލްއެއް ޕަބްލިޝް ކުރާއިރަށް ފޯނު ކޯލުތައް އަންނާނެ، ހަބަރު ނަގާށޭ، ކޯޓު ކޭސްއެއްގައި ހެކިބަސް ދެވޭ އޮފިސަރެއްގެ ނަން ލިޔެފިއްޔާ އެ ކަން އާންމުވެގެން އެބަ އެ އޮފިސަރަކަށް ވެސް ތްރެޓްތައް އާދޭ،" ރިފްޝާން ވެސް އޭގެ ސީރިއަސްކަން ވިދާޅުވި އެވެ.

ރިފްޝާން ގަބޫލު ކުރައްވާ ގޮތުގައި، އެފަދަ އިންޒާރުތައް އަންނަ ހިސާބުން ދިވެހި ދައުލަތުގެ ފަރާތުން އެ ނޫސްވެރިއަކަށް ހިމާޔަތް ދެވެން ވާނެ އެވެ. އަދި ނޫސް އެޖެންސީތައް ހިންގާ އިމާރާތްތަކަށް ވެސް ހިމާޔަތް ދެވެން ވާނެ އެވެ. ސަލާމަތީ ހިދުމަތްތަކުގެ ފަރާތުން ނޫސްވެރިންނަށް އެއްބާރުލުން ލިބުމުގެ ބަދަލުގައި، ކުރިމަތިކުރުވާ ހުރަސްތައް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ނޫސް އިދާރާއެއް ކައިރީ ފުލުހަކު ބެހެއްޓިދާނެ، ކޮންމެ ވެސް އިންތިޒާމެއް ތެރެއިން، ޕްރޮޓެކްޝަން ނޫސްވެރިންނަށް ދެވެން ވާނެއޭ، އެކަމަކު އޭގެ ބަދަލުގައި، މުޒާހަރާ ކަވަރު ކުރަން ތިބޭ ނޫސްވެރިންނަށް ވެސް އެބަ ގިނަ ހުރަސްތައް ކުރިމަތިވަނީ މި ބުނާ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންގެ ފަރާތުން،" ވަން އޮންލައިންގެ މެނޭޖިން އެޑިޓަރަކަށް ހުންނެވި ރިފްޝާން ވިދާޅުވި އެވެ.

މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތް ހަމަ ކުރިއަށް

ނޫސްވެރިކަމުގެ ދާއިރާގެ ކޮންމެ ބޭފުޅަކުހެން ފާހަގަ ކުރައްވާ ގޮތުގައި، ދައުލަތުގެ މުއައްސަސާތަކާއި ނޫސްވެރިންނާ މާ ބަދަހި ގުޅުމެއް ނޯވެ އެވެ. މައުލޫމާތަކަށް އެދި އެތައް ހަފުތާއެއް، މަހެއް، އަހަރެއް ހިނގާދާއިރު ވެސް ނުލިބެ އެވެ. މައުލޫމާތުތަކުގެ އެންމެ ފުނަށް ދާން ނޫސްވެރިޔާއަށް ހުރަސް ވެސް އަޅަނީ އެވެ. ފޮރުވަން ބޭނުންވާ ކަންކަން ހުރުމުން ވާނީ ވެސް އެހެނެވެ.

"މައުލޫމާތު ހިފެހެއްޓުމަކީ ކޮރަޕްޝަނަށް ހަމަ މަގުފަހިވާނެ ކަމެއް،" ކުރިން ވާހަކަ ދެއްކެވި ޒާހިރު ވިދާޅުވި އެވެ.

ސަރުކާރުގެ ވުޒާރާތަކުންނާއި މުއައްސަސާތަކުން ކުރާ މަސައްކަތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ބައްދަލު ކުރާ ވަރު މަދެވެ. ޝެޑިއުލްއެއްގެ ތެރެއިން އާންމުކޮށް އެ ކަން ނުކުރެވޭއިރު ކަމެއް ނިންމުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމަކަށް ދައުވަތު ލިބެނީ ކުއްލިއަކަށެވެ. އެ ވަރަކުން އަދި ޕްރެސް ކޮންފެރެންސް ދޭން ތިބީ ދައުލަތުގެ ކޮން ވެރިންނެއް ކަމެއް، ކޮން ވަޒީރުންނެއް ކަމެއް ވެސް ނޭނގެ އެވެ.

"ޓީޗަރުންގެ މުސާރަ ބޮޑު ކުރާތީ ޕްރެސް ކޮންފެރެންސްއަކަށް ދައުވަތު ދޭއިރު އަދި ނޭނގެ ކޮން ބަޔަކު ކަމެއް ދެނީއެއް، ދެން ޕްރެސްއަށް ދާއިރު މި އެނގެނީ ކޮން ބަޔަކު ކަމެއް، ދެން ޕްރިޕެއާއެއް ނުވެވޭ އެންމެ ރަނގަޅަކަށް، އެއީ މައުލޫމާތު ހިފެހެއްޓުމަށް ކުރިއާލާ ރާވާ ކަންކަން ގޮތުގައި ބެލެވޭނެ ޖާގަ ވެސް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފެރެންސްއެއްގައި ދިވެހި ނޫސްވެރިން
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފެރެންސްއެއްގައި ދިވެހި ނޫސްވެރިން

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފެރެންސްއެއްގައި ދިވެހި ނޫސްވެރިން

މުއައްސަސާތަކާއި ވުޒާރާތަކުން މައުލޫމާތު ދިނުމުގައި ހިފެހެއްޓުމެއް އުޅޭއިރު، އެ ކަން ހައްލު ކުރަން ވެގެން ނޫސްވެރިން މުއައްސަސާތަކާއި ވުޒާރާތަކުގެ ވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރާ ވަރު ވެސް މަދެއް ނޫނެވެ. މޯލްޑިވްސް މީޑިއާ ކައުންސިލާއި ނޫސްވެރިން ތަމްސީލް ކުރާ ޖަމިއްޔާއިން ވެސް ގިނަ ފަހަރެއްގެ މަތިން ބައްދަލުކުރެ އެވެ. ނަމަވެސް އޮމާންކޮށް ބޭނުންވާ ގޮތަށް ހިނގަނީ އެ ފަހުން ދުވަސްކޮޅަކަށެވެ.

"މުއައްސަސާތަކާއި ވާހަކަތައް ދައްކައިގެން މީޑިއާތަކުގެ ރެގިއުލޭޓަރީ ބޮޑީތަކުން ވެސް ބައްދަލު ކުރޭ، އެކަމަކު ވާގޮތަކީ، މަޝްވަރާ ކުރާ އިރަށް ދުވަސްކޮޅަކަށް ރަނގަޅު ވާނީ، އަނެއްކާ ވެސް ދެން ފެންނަނީ ކުރިން އެ ހުރި ގޮތަށް، ގޮންޖެހުންތައް އަންނާނެ، މައުލޫމާތެއް ނުދޭނެ،" މީޑިއާ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ވެސް މިވަގުތު މަސައްކަތް ކުރެއްވި ރިފްޝާން ވިދާޅުވި އެވެ.

ނޫސްވެރިން ކުރި އިހްތިޖާޖެއް ތެރެއިން
ނޫސްވެރިން ކުރި އިހްތިޖާޖެއް ތެރެއިން

ނޫސްވެރިން ކުރި އިހްތިޖާޖެއް ތެރެއިން

މިނިވަން މާލީ ވަސީލަތެއް ނެތުމުން ދަތިތައް

ނޫސްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ދެން އޮތީ ފަންޑިންނެވެ. އާމްދަނީ އެވެ. ނޫސް ހިންގަން ވެސް ފައިސާ ބޭނުންވެ އެވެ. ފައިސާ ހޯދޭނެ މާ ގިނަ ގޮތްތަކެއް ނެތެވެ. އެހެންވެ ނޫސްތައް ހިންގަނީ ވިޔަފާރި އުސޫލުން އާޓިކަލް ވެސް ވިއްކައިގެންނެވެ. ނޫހުގެ ސައިޓްގައި އިޝްތިހާރު ޖަހައިގެންނެވެ. މި ގޮތަށް ސްޕޮންޝާ ގިނަ ފަހަރު ލިބެނީ ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.

"މެއިންސްޓްރީމްގައި ތިބޭ، ރެސްޕޮޝިބަލް ޖާނަލިޒަމް ކުރާ ބަޔަކަށް، މިހާރަށް ވުރެ ވެސް ޓްރާންސްޕޭރެންޓްކޮށް ޕަބްލިކް ސްޓޭޓްގެ ފަންޑު ލިބޭނެ ގޮތަކަށް އޮންނަން ވާނީ، ސީދާ ސްޓޭޓް ބަޖެޓުން އެލޮކޭޓް ކުރެވޭ ފަންޑެއް، މިހާރު މިދެވޭ ސްޕޮންޝާ ފީ ގޮތަށް ދޭ ދިނުމެއް ނޫން،" ޒާހިރު ވިދާޅުވި އެވެ.

މިނިވަން މާލީ ވަސީލަތެއް ނެތްއިރު ނޫސްވެރިން ތަމްރީންކޮށް ޒިންމާދާރު ނޫސްވެރިން ބިނާ ކުރަން މާ ބޮޑު ދުރު ރާސްތާގެ ޕްލޭނެއް ވެސް ނުފެނެ އެވެ. ދެން މީޑިއާ ރެގިއުލޭޓަރީ ބޮޑީތަކުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވާ ނޫސްވެރިން ވެސް މަދެވެ. ނޫސްތައް އެންމެ އެކަށޭނަ ގޮތަށް ހިންގަން ބޭނުންވާ ވަރަށް ނޫސްވެރިން ވެސް ނުލިބެ އެވެ.

"މިހާރު ސްޕޮންޝާއަކާ ދެކޮޅަކަށް ނުއެއް ލިޔެވޭނެ، އެހެންވެ ޕްރޮގްރާމް ހިންގިއަސް ބޭނުމެއް ނުފެނޭ، ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވާ ނޫސްވެރިން ވެސް މަދު، މި ކަހަލަ ސަބަބުތަކާ ހުރެ، ވަރަށް ބޮޑަށް ލެކްވާ ކަމެއް އެއީ، ތަހުގީގީ ނޫސްވެރިކަން، ބައެއް ޓެކްނިކަލް ދާއިރާއަށް ހާއްސަ ނޫސްވެރިކަން ވެސް،" ރިފްޝާން ވިދާޅުވި އެވެ.

މިނިވަން ނޫސްވެރިކަމަކަށް، ރާއްޖޭގައި އަދިވެސް ގިނަ ގޮންޖެހުންތަކެއް ހުރި ކަން ފާހަގަވެ އެވެ. ގިރާކުރަން ހުރި ހުރަސްތައް އަދިވެސް މަދެއް ނޫނެވެ. ޕްރެސް ފްރީޑަމް އިންޑެކްސްގައި ލިބުނު ކުރިއެރުންތަކުން އެކަނި ފަރު ޖައްސާލެކެވޭކަށް ނެތެވެ. މިހާރަށް ވުރެ ބޮޑަށް ނޫސްވެރިންގެ ދައުރު ފުޅާކޮށް، މައުލޫމާތު ހާމަކުރުމުގެ ދާއިރާ ހަރުދަނާ ވާން އެބަ ޖެހެ އެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox