އުރިދޫ މަސް ރޭހުގައި ބައިވެރިވި އަންހެން ބައިވެރިން އެންމެ ގިނަ ޓީމު، ސްޓެލްކޯ ކަނބަލުން މުބާރާތުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.
ކޮންމެ ރޯދަ މަހަކު ކުރިއަށް ގެންދާ މުބާރާތުގެ 11 ވަނަ ސީޒަންގެ ޗެމްޕިއަންކަން ސްޓެލްކޯ ކަނބަލުން ހޯދީ ޖުމުލަ 680.80 ޕޮއިންޓް ހޯދައިގެންނެވެ.
ސްޓެލްކޯ ކަނބަލުންގެ ޓީމުގައި ކޯޗާއި މެނޭޖަރު ހިމެނޭ ގޮތުން 12 މީހުން ތިބިއިރު، އެ ޓީމުގެ ކޯޗާއި މެނޭޖަރަކީ ފިރިހެނުންނެވެ. އެެކަމަކު މަސްބޭނުމުގައި އަމަލީގޮތުން އުޅުނީ މުޅިން ވެސް އަންހެނުންނެވެ.

އުރީދޫ މަސް ރޭހުގެ ޗެމްޕިއަން ޓީމު، ސްޓެލްކޯ ކަނބަލުން - ފޮޓޯ: އުރީދޫ
ގްރޫޕްތަކުގެ ގޮތުގައި ބައިވެރިވެ، އެންމެ ގިނައިން މަސް ބާނާ ޓީމަކަށް އެއް ވަނަ ލިބޭ ގޮތަށް ބާއްވާ މަސް ރޭސް ކާމިޔާބު ކުރާ ޓީމަށް މިފަހަރު އުރީދޫން 50،000 ރ. ގެ އިނާމެއް ކަނޑައެޅި އެވެ. ސްޓެލްކޯ ކަނބަލުންގެ ޓީމުން ވަނީ އެ އިނާމާ ރޭ ހަވާލުވެފަ އެވެ.
މުބާރާތުގެ ރަނައަޕްގެ ގޮތުގައި ދެ ޓީމެއް ހޮވި އެވެ. ރަނައަޕްގެ ފުރަތަމަ ޓީމަކީ ޓީމް އެފްއެސްއެމް (ފިއުލް ސަޕްލައި މޯލްޑިވްސްގެ ޓީމު) އެވެ. ދެވަނަ ޓީމަކީ ޓީމު ގޯޅިއަންސް އެވެ.
މުބާރާތުގެ އެންމެ އެންގޭޖިން ޓީމެއް ވެސް ހޮވިއިރު، އެ މަގާމު ލިބުނީ އެފްއެސްއެމްއަށެވެ.

މުބާރާތުގެ އެންމެ އެންގޭޖިން ޓިމަށް ސެޓްފިކެޓް ހަވާލުކޮށްދެނީ - ފޮޓޯ: އުރީދޫ
މުބާރާތުގައި އެންމެ ބަރު މަސް ބޭނީ ޓީމު އާރުޑީސީގެ ޔާސިރެވެ. އޭނާ ބޭނި ފާނަ މަހުގެ ބަރުދަން 11.95 ކިލޯއަށް އަރަ އެވެ. އޭނާއަށް 5،000 ރ. ގެ އިނާމެއް ވަނީ ދީފަ އެވެ.

މުބާރާތުގެ އެންމެ ބަރު މަސް ބޭނި ޔާސިރަށް ފައިސާގެ އިނާމު ހަވާލުކުރަނީ - ފޮޓޯ: އުރީދޫ
އެންމެ ގިނަ މަސް ބޭނީ ސްޓެލްކޯ ކަނބަލުންގެ ޓީމުގެ އަޒީބެ އެވެ. އޭނާ ވަނީ ޖުމުލަ 49 މަސް ބާނައިފަ އެވެ. އޭނާއަށް ވެސް 5،000 ރ. ގެ އިނާމެއް ދިނެވެ.

މުބާރާތުގެ އެންމެ ގިނަ މަސް ބޭނި އަޒީބެއަށް ފަައިސާގެ އިނާމު ހަވާލުކޮށްދެނީ - ފޮޓޯ: އުރީދޫ
މުބާރާތުގެ ގްރޭންޑް ފިނާލޭއަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާއި، ރައީސް އޮފީހުގެ މިނިސްޓަރު އަދި މި ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ބައިވެރިވެވަޑައިގަތެވެ. މުބާރާތުގެ ބައެއް އިނާމުތައް ޒަހާ ހަވާލުކޮށްދެއްވި އެވެ.










