ސުލްހަވެރި މުޖުތަމައަކީ މާތް ﷲ ދެއްވާ ނިއުމަތެއް ކަމަށާއި އެހެނަސް އެ ނިއުމަތް ހޯދަން އެންމެން ވެސް ގަދައަޅާ މަސައްކަތް ކުރަން ޖެހޭ ކަމުގެ ފިލާވަޅެއް އީދު ހުތުބާގައި ކިޔައިދީފި އެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައަށް ފަހު، މުސްލިމު އުންމަތް ފާހަގަ ކުރާ ފިތުރު އީދުގެ ނަމާދުގައި ކިޔައި ދެ ހުތުބާ ވެސް ރާއްޖޭގައި ގާތްގަނޑަކަށް ހާއްސަ ކުރީ ގުޅުން ބަދަހި ކުރުމާއި ސުލްހަ މަސަލަސްކަމުގެ މައްޗަށެވެ.
ހުތުބާ ފެށީ ސުލްހަވެރި ގުޅުން ބަދަހި މުޖުތަމައެއް ބިނާކުރެވޭނެ ގޮތަކަށް އީދު ފާހަގަ ކުރުމުގެ އިސްލާމީ އާދަކާދަ ފަރުމާ ކޮށްފައި އޮންނަ ގޮތް ކިޔައިދެމުންނެވެ. އީދު ނަމާދުގެ ބޮޑު ޖަމާއަތުން އީދު ދުވަސް ފަށާއިރު، އޭގައި ހުރިހާ ގިންތިއެއް ވެސް ބައިވެރިވުމުގެ މަގްސަދުގައާއި އެންމެންގެ ތަނަވަސްކަން ވެސް އިތުރުވެފައި އޮތުމަށް ޒަކާތް ފަރުޟު ކޮށްފައި އޮތް އޮތުން ހުތުބާގައި ފާހަގަ ކުރި އެވެ.
"ތަނަވަސްކަން ލިބިގެންވާ މީހުން، މި ތަނަވަސްކަން ފަގީރުންނަށާއި، މިސްކީނުންނަށް ފޯރުކޮށްދީ، އީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރަން ޖެހެ އެވެ. ފިތުރު އީދު ދުވަހު އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް އަދާ ކުރުމަށް އަންގާފައި ވަނީ މިހެންވެ އެވެ. އަދި ތަނަވަސް ދިރިއުޅުމެއް ލިބިދޭން މަގުފަހިކޮށްދިނުމެވެ." ޚުތުބާގައި ވެ އެވެ.
އިސްލާމް ދީނަކީ އެ ދީނުގެ ޝިއާރުތަކުގެ ތެރެއިން ލައިފައި ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށް ތަމްރީނު ދެވޭ ދީނެއް ކަން ފާހަގަކޮށް ހުތުބާގައި ދެން ފާހަގަ ކުރީ، އެ މީހަކު ދިރިއުޅޭ މުޖުތަމައާއި ގައުމުގެ ސުލްހަވެރި ކަމަށް މަސައްކަތް ކުރުމުގެ ޒިންމާގެ މައްޗަށެވެ.

ގައުމުގައި ސުލްހަވެރިކަން ގާއިމް ކުރަން އެންމެން ވެސް އެ މީހަކަށް ކުރެވުނު މަސައްކަތެއް ކުރަން ޖެހޭނެ ކަމަށް އީދު ހުތުބާގައިވެ އެވެ. އެކަމުގައި ނަސޭހަތްތެރިންނާއި މުދައްސިރުންގެ ދައުރު ފާހަގަކޮށް، އެ މީހުންގެ ބެލުމުގެ ދަށުން ދެން ތިބި އެންމެނަށް ރަނގަޅު އިރުޝާދު ދޭން ވާނެ ކަމަށް ހުތުބާގައިވެ އެވެ.
"ވަތަނުގެ އަމާންކަމަކީ މާތް ﷲ އިންސާނުންނަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތެވެ. އެއީ ތަރައްގީއާއި ހިތްހަމަޖެހުން ލިބުމުގެ އަސާސެވެ. އެއީ ކޮންމެ އިހުލާސްތެރިއަކު ދަހިވެތި ވާނެ ކަމެކެވެ. އެއީ ރަސޫލު ބޭކަލުން އެ ކަމަށް ޓަކައި ދުއާފުޅު ކުރެއްވި ކަމެކެވެ."
"މި ނިއުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ހުރިހާ ކެރިފޯރުންތެރިކަމެއް، ތަނަވަސްކަމެއް، ހަކަތައެއް ހޭދަކުރަން ޖެހޭނެ އެވެ."
ސުލްހަވެރި މުޖުތަމައެއް ބިނާ ކުރުމަށް އީދު ހުތުބާގައި ބާރު އެޅުއްވިއިރު، އީދު ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުހައްމަދު ފޮނުއްވި ހިތޯބުގައި ވެސް އިލްތިމާސް ކުރެއްވީ އީދުގެ އުފަލުގައި އެންމެ ނިކަމެތި މީހުން ވެސް ބައިވެރިކުރަން ހާއްސަ ސަމާލު ކަމެއް ދޭން ވާނެ ކަމުގަ އެވެ.












