މިލާން (މެއި 1) - އިޓާލިއަން ލީގުގައި މިރޭ އުދިނޭޒީ އަތުން 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ލީގުގެ ކުރީގައި އޮތް އޭސީ މިލާން ފަހަތުގައި ވިއްދައިފި އެވެ.
މިލާނުން ވަނީ މިރޭ ފުރަތަމަ ކުޅުނު މެޗުގައި ފިއޮރެންޓީނާ 1-0 އިން ބަލިކޮށް ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު، އިންޓަ އިން ވަނީ އުދިނޭޒީ ދަނޑުގައި މޮޅުވެ، މިލާނާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. މިލާނުން މަސައްކަތްކުރަމުން އަންނަނީ 2011 ގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ކާމިޔާބު ކުރުުމަށެވެ.
ބާކީ ތިން މެޗު ކޮންމެ ޓީމަކަށް ލީގުގައި އޮތްއިރު، މިލާން އެއް ވަނައިގައި އޮތީ 35 މެޗުން 77 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް ވަނީ 35 މެޗުން 75 ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތް ނަޕޯލީ އަށް ވަނީ 35 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ. މިރޭ، ވެނެޒިއާ އަތުން 2-1 އިން މޮޅުވި ޔުވެންޓަސް ހަަތަރު ވަނައިގައި އޮތީ 35 މެޗުން 69 ޕޮއިންޓް ހޯދައިފަ އެވެ. ޔުވެންޓަސް އާއި ނަޕޯލީ އަށް ވަނީ މިރޭ އެހެން މެޗުތަކުގެ ނަތީޖާތަކަށް ފަހު ގަދަ ހަތަރެއް ކަށަވަރުވެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންވެފަ އެވެ.

މިލާންގެ ލެއާއޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މިލާނުން މިރޭ ފިއޮރެންޓީނާ ކޮޅަށް ގޯލު ޖެހީ މެޗު ނިމެން އަށް މިނިޓަށް ވެފައި ހުއްޓަ އެވެ. މިއީ ފިއޮރެންޓިނާގެ ކީޕަރު ޕިއޭޓްރޯ ޓެރަޗިއާނޯ ހެދި ގޯހެއްގެ ފައިދާނަގައި، މެޗުގެ 82 ވަނަ މިނިޓްގައި މިލާންގެ ޕޯޗުގީސް ވިންގް، ރަފައެލް ލެއާއޯ ޖެހި ގޯލެކެވެ. މިލާނުން މި މެޗުގައި ގޯލު ޖެހޭތޯ ގިނަ މަސައްކަތް ތަކެއް ކުރިއިރު، ފިއޮރެންޓީނާ އިން ވެސް ވަނީ އެޓޭކްކޮށްގެން ކުޅެވޭތޯ ބެލި އެވެ.
މިލާން މޮޅުވެފައި އޮތުމުން އިންޓަ ފެށީ ރަނގަޅު ރޫހެއްގަ އެވެ. އެ ގޮތުން 12 ވަނަ މިނިޓްގައި އިވާން ޕެރިސިޗްގެ ގޯލުން އިންޓަ ލީޑުނެގި އެވެ. މިއީ ފެޑެރީކޯ ޑި މާކޯ ނެގި ކޯނަރަކުން ޕެރިސިޗް ބޮލުން ޖެހި ގޯލެކެވެ. އަދި މެޗުގެ 40 ވަނަ މިނިޓްގައި ލަޓާރޯ މާޓީނޭޒް ޖެހި ގޯލުން އިންޓަ އިން ލީޑުފުޅާކުރި އެވެ. މާޓީނޭޒް މި ގޯލު ޖެހީ އޭނާ ފޮނުވާލި ޕެނަލްޓީ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ އިންޓަގެ އެޑިން ޒެކޯ އަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީއާ އެކު ދިން ޕެނަލްޓީ އެކެވެ.
މެޗުގެ 72 ވަަނަ މިނިޓްގައި އުދިނޭޒީން ގޯލު ޖެހީ އެ ޓީމުގެ ޖެރާޑް ޑެލޮފޭއު ހިލާ ޖެހުމަކުން ޖެހި ބޯޅަ އިންޓަ ކީޕަރު ސާމިރް ހަންޑަނޯވިޗް އަތުގައި ޖެހިފައި ނުކުތްވަގުތު ތަނަވަސްކުރި ފުރުސަތަކުން އިންގާޝިއޯ ޕުސޭޓޯ އެވެ. އިތުރު ގޯލެއް ޖަހައި، އެއްވަރުކުރަން އުދިނޭޒީން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ޔުވެންޓަސްގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ވެނެޒިއާގެ މަޓީއާ އަރާމޫ ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްދީފަ އެވެ. އެކަމަކު، މެޗުގެ 76 ވަނަ މިނިޓްގައި ބޮނޫޗީ ވަނީ އިތުރު ގޯލެއް ޖަހައި ޔުވެންޓަސް އަށް މުހިންމު މޮޅެއް ހޯދައިދީފަ އެވެ.












