ޓީޗަރުންގެ މުސާރަ 50 ޕަސެންޓް ބޮޑުކޮށް، މުސާރައިގެ އާ އޮނިގަނޑު ސަރުކާރުން އިއުލާންކުރީ އިއްޔެ އެވެ.
މުސާރައިގެ އޮނިގަނޑު އިއުލާން ކުރަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ޓީޝަރުންނާއި، އެޑިއުކޭޝަން ޕްރޮފެޝަނަލްސްގެ މުސާރައަށް ވެސް ބަދަލު ގެނެސްފައިވާނެ ކަމަށެވެ.
"ޕޭ ފްރޭމް ވޯކްގައި މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި އޮންނަ ގޮތުން ތަފާތު ތަކެއް އަންނާނެ. މިހާރު މުސާރަ އާއި އިނާޔަތްތައް ހުންނަ ގޮތާއި ބައެއް ކަންތައްތައް ތަފާތު ވާނެ. ކޮންމެ މަގާމަކަށް ވެސް ކަނޑައަޅާފަ އޮންނަނީ ދެ ބައެއް. އެއީ މުސާރަ އާއި އިނާޔަތްތައް،" އަމީރު އިއްޔެ ވިދާޅުވި އެވެ.
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގައި އޮންނަ ގޮތުން، މުސާރައިގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރަށް ކޮންމެ މަހަކު ވެސް އުނި އިތުރެއް ނާންނަ ގޮތަށް ލިބެމުންދާ އިނާޔަތްތަކާއި، މަސައްކަތަށް ހާޒިރުވާ ދުވަހަށް ދެވޭ އިނާޔަތެއް ހިމެނެ އެވެ.
"މީގެ އިތުރަށް ކޮންމެ ދެ އަހަރަކުން މަގާމުގެ ކުރިއެރުން ލިބެމުން ދާނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ޓީޗަރުން
- ޑިޕްލޮމާ ޓީޗަރަކަށް މިހާރު 10،889ރ. ލިބޭއިރު މި ބަދަލާ އެކު ޑިޕްލޮމާ ޓީޗަރެއްގެ މުސާރަ 13،266ރ. އަށް ބޮޑުވެ އެވެ.
- ޑިގްރީ ޓީޗަރަކަށް މިހާރު 13،008ރ ލިބޭ އިރު މި ބަދަލާއެކު ޑިގްރީ ޓީޗަރެއްގެ މުސާރަ 19،467ރ.އަށް ބޮޑުވެ އެވެ.
- މާސްޓާސް ޓީޗަރަކަށް މިހާރު 15،135ރ. ލިބޭ އިތރު މި ބަދަލާއެކު މާސްޓާސް ޓީޗަރެއްގެ މުސާރަ 20،026ރ. އަށް ބޮޑުވެ އެވެ.
ޕްރިންސިޕަލުން
- ރޭންކް 1ގައި ހިމެނެނީ 127 ޕަރިންސިޕަލް: މިހާރު ލިބެނީ 16،797ރ. މި ބަދަލާ އެކު 30،610ރ. އަށް ބަދަލުވެ އެވެ. އެއީ 82 ޕަސެންޓުގެ ކުރިއެރުމެކެވެ.
- ރޭންކް 2ގައި ހިމެނެނީ 48 ޕްރިންސިޕަލް: މިހާރު ލިބެނީ 20،049ރ. މި ބަދަލާ އެކު 35،452ރ. އަށް ބަދަލުވެ އެވެ. އެއީ 59 ޕަސެންޓުގެ ކުރިއެރުމެކެވެ.
- ރޭންކް 3ގައި ހިމެނޭ އެއްވެސް ޕްރިންސިޕަލެއް ނެތް ނަމަވެސް މި ރޭންކްގައި ހިމެނޭ ޕްރިންސިޕަލުންނަށް 35،452ރ. ލިބޭނެ އެވެ.
މީގެ އިތުރުން ސްކޫލުގެ އާބާދީއަށްބަލާ ޕްރިންސިޕަލުންނަށް އިތުރު އެލަވެންސެއް ލިބެ އެވެ. އެއީ 1000ރ އިން ފެށިގެން 5000ރ. އާ ދެމެދުގެ އެލަވެންސެކެވެ. މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ޕްރިންސިޕަލުންނަށް 31 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ޑެޕިއުޓީ ޕްރިންސިޕަލުން
- ރޭންކް 1ގައި ހިމެނޭ 5 ޑެޕިއުޓީ ޕަރިންސިޕަލް: މިހާރު ލިބެނީ 13،079ރ. މި ބަދަލާ އެކު 23،240ރ. އަށް ބަދަލުވެ އެވެ. އެއީ 78 ޕަސެންޓުގެ ކުރިއެރުމެކެވެ.
- ރޭންކް 2ގައި ހިމެނޭ 44 ޑެޕިއުޓީ ޕްރިންސިޕަލް: މިހާރު ލިބެނީ 16،830ރ. މި ބަދަލާ އެކު 26،023ރ. އަށް ބަދަލުވެ އެވެ. އެއީ 54 ޕަސެންޓުގެ ކުރިއެރުމެކެވެ.
- ރޭންކް 3ގައި ހިމެނޭ އެއްވެސް ޑެޕިއުޓީ ޕްރިންސިޕަލެއް ނެތް ނަމަވެސް މި ރޭންކްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 28،787ރ. ލިބޭނެ އެވެ.
މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ޑެޕިއުޓީ ޕްރިންސިޕަލުންނަށް 4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
މިއީ ގައުމު ބިނާކުރުމަށް ގެނެވުނު ބަދަލެއް: ރައީސް
ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދާ އެއްގޮތަށް ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރައްވާނެ ކަން ރައީސް އިއުލާނުކުރެއްވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އިއްޔެ ފާހަގަކުރި މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެ ވައުދު ފުއްދުނުކަން އިއުލާނު ކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ތައުލީމަށް ބޮޑު ސަމާލުކަމެއް ދެނީ، ވިސްނުން ތޫނު އިލްމީ އުފެއްދުންތެރި ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ކަމަށެވެ.
"ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭ ވަރަށްވުރެ މާމަތިވެރި ކަމެއް. އެހެން ނަމަވެސް ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މިހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން،" ރައީސް އިއްޔެ ވިދާޅުވި އެވެ.
މިކަމުގައި ޓީޗަރުންނާއި ޓީޗަރުންގެ މަސައްކަތުގައި އެހީތެރިވާ އެންމެހައި މުވައްޒަފުން ކުރާ ބުރަ މަސައްކަތަކީ ހަމައެކަނި ލިބޭ މުސާރައަކަށްޓަކައި ކުރާ މަސައްކަތެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވާނެ،" ރައީސް އިއްޔެ ވިދާޅުވި އެވެ.
ރައީސް އިއްޔެ ވިދާޅުވި ގޮތުގައި ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުމެވެ.
"މުސާރަ ބޮޑުކުރުމަކީ ރަނގަޅު ޓީޗަރުން ހިފެހެއްޓުމަށް ލިބުނު ބާރެއް"
އިއްޔެ ބޮޑުކުރެވިގެން ދިޔަ ޓީޗަރުންގެ މުސާރައަކީ ޓީޗަރުން ކުރާ ބުރަ މަސައްކަތަށް އެންމެ އެކަށީގެންވާ މުސާރަ އެއް ކަމަށާއި މިއީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެތައް އަހަރަަކަށްފަހު އައި އިންގިލާބީ ހެޔޮ ބަދަލެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.
"ޓީޗަރުން މިހާރު ކުރާ މަސައްކަތަކީ ހަގީގަތުގައި އަޅުގަނޑުމެންނަށް އަގު ކުރެވޭނެ މަސައްކަތެއް ނޫން. މިހާރު އަޅުގަނޑުމެން ދެމުން މި ގެންދާ އުޖޫރައަކީ ރެސްޕޮންސިބިލިޓީއާ ނުބައްދަލު އުޖޫރައެއް. މިހާރު މިއައި ހެޔޮ ބަދަލާ އެއްކޮށް ރަނގަޅު އެއްޗެއް، މުދަރިއްސުންނަށް އަބުރުވެރިކަމާއެކު ދިރިއުޅޭވޭނެ ވަރުގެ އެއްޗެއް ލިބިގެންދާނެ،" މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ.
ޓީޗަރުންގެ މުސާރައަށް އައި ހެޔޮ ބަދަލާއެކު ރަނގަޅު ޓީޗަރުން މިދާއިރާއަށް ގުޅޭނެކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި، މިހާރު ތިބި ރަނގަޅު ޓީޗަރުން އެހެން ވަޒީފާތަކަށް ނުދާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި އިއްޔެ ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކާއި ހިންގި މަޝްރޫއުތަކަކީ "ދަރަނީގެ މަޅި"އެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަހުން ދެއްކެވި ވާހަތަކަށް ޗައިނާއިން އަނެއްކާ ވެސް ރައްދު ދިނީ އިއްޔެ އެވެ.
- ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީގެ މަގާމަށް ހ. ސީވީޑް އަހްމަދު ލަތީފް އަދި ކުރިން އެ މަގާމުގައި ހުންނެވި މއ. އަތަމާވިލާ އަބްދުލް ޣަފޫރު މުހައްމަަދު މިނިސްޓްރީގެ އެމްސެޑާ އެޓް ލާޖްގެ މަގާމަށް ހަމަޖެއްސީ އިއްޔެ އެވެ.
- ރާއްޖޭގެ ވަޒީފާގައި މީހުން އުޅޭ އެކި ދާއިރާތަކުގެ މުސާރައަށް ގެންނަމުންދާ ބަދަލުތަކަކީ ދައުލަތަށް އުފުލޭނެ ބުރައެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ހެޔޮ ސާއަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް ކަމަށާއި ގައުމު ބިނާ ކުރުމުގެ ދައުރު ބޮޑު ހުރިހާ ދާއިރާއެއްގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަކީ މި ސަރުކާރުން ކުރާނެ ކަމަށް ހާމަކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:
"އިޖްތިމާއީ އަދާލަތު ހިފެހެއްޓުމަށް ޓަކައި ވެސް، ހުރިހާ ދާއިރާއަކަށް މިބަދަލު ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއް،"
ދުވަހުގެ ފޮޓޯ

ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ދުވަސް، "މޭ ޑޭ" އާ ދިމާކޮށް މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް މާލޭގައި އިއްޔެ ބޭއްވި ހިނގާލުން. ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން ވެސް ރެލީގެ ބައިވެރިން ގޮވާލާފައިވޭ. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"މޯލްޑިވްސް އެޑިއުކޭޝަން ސެކްޓާ އެނަލިސިސް 2019"
މިއީ ރާއްޖޭގެ ތައުލީމީ ނިޒާމާ ގުޅޭގޮތުން ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން 2019 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ވަނީ ރާއްޖޭގައި ތައުލީމު ހޯދުމަށް ހުރި ފުރުސަތުތަކާއި، ފޯރުކޮށްދޭ ތައުލީމުގެ ފެންވަރާއި، ތައުލީމީ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް އަސަރުކުރާ މިންވަރު ދެނެގަނެފަ އެވެ.













