މާދަމާ ފާހަގަ ކުރާ ފިތުރު އީދު ދުވަހު، ދިވެހި މުޖުތަމައުގައި ތިބި މިސްކީނުންނާއި ނިކަމެތިންނަށް ވެސް އީދުގެ އުފާވެރިކަން ގެނެސްދޭން އެންމެން ވެސް ހާއްސަ ސަމާލު ކަމެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.
އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ، އެންމެންގެ މައްޗަށް ވެސް އޮތް އިޖުތިމާއީ ޒިންމާތައް އަދާ ކުރަން ވާނެ ކަމަށެވެ.
އަގުބޮޑު ހަދިޔާއެއް ދިނުމަށް ވުރެ، މައިންބަފައިންނާއި މާމައިންނާއި ކާފައިންނާއި ގާތްތިމާގެ މީހުން ކައިރިއަށް ޒިޔާރަތްކޮށް ހާލު އޮޅުން ފިލުވުމަކީ އުފާވެރި ވަގުތުކޮޅެއް ދެވޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އަނބިދަރިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އާއިލާގެ އެކި މެންބަރުންނާއެކު އާއިލީ ގުޅުން ބަދަހި ކުރުމުގެ އިތުރަށް މުޖުތަމައުގައި އެކަކު ވެސް ބާކީ ނުކޮށް އީދުގެ އުފަލުގައި ޝާމިލް ކުރަން ސަމާލު ކަން ދޭން ވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
"އީދުގެ އުފާ ފާޅުކުރުމުގެ ތެރޭގައި އިޖްތިމާއީ ހަމަހަމަކަން ގާއިމުކޮށް، މުޖްތަމައުގައި ތިބި ފަގީރުންނާއި މިސްކީނުންނާއި ނިކަމެތިންގެ ހިތްތަކަށް ވެސް އުފާވެރިކަން ގެނެސްދިނުމަށް އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ،" ރައީސްގެ ހިތާބުގައިވެ އެވެ.

"މުޖްތަމައުގައި ތިބި ނިކަމެތިންނާއި ފަގީރުންނަށް އެހީ ފޯރުކޮށްދީ، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް، އެމީހެއްގެ ފެންވަރުން ކުރެވޭނެ ކަންކަމެވެ،" ރައީސް ނަސޭހަތްތެރިވި އެވެ.
ރައީސްގެ ހިތާބު ނިންމަވާލައްވަމުން، މިފަދަ ކޮންމެ އުފާވެރި މުނާސަބަތަކީ، ދިވެހިންގެ މެދުގައި އިސްލާމީ އެއްބަނޑު އެއްބަފާ ކަމާއި، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެންދާނެ، އަދި އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ މުނާސަބަތެއް ކަމުގައި ލެއްވުން އެދި ވަނީ ދުއާ ދަންނަވައިފަ އެވެ.











