ރިޕޯޓުސިއްހީ ދާއިރާ ބޮޑެތި ބަދަލުތަކާ ދިމާލަށް، ނަތީޖާ ނެރެން ބޭނުންވަނީ އެއްބާރުލުން

ސިއްހީ ދާއިރާ ބޮޑެތި ބަދަލުތަކާ ދިމާލަށް، ނަތީޖާ ނެރެން ބޭނުންވަނީ އެއްބާރުލުން

ޒަމާނީ ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ބުރަވެފައި ގިނަ ކަމަށް ހެލްތު މިނިސްޓަރު ނަސީމް ދެކިލައްވާ. އަދި މިދިޔަ ދުވަސްތަކުގައި ސިއްހީ ނިޒާމަށް މި ސަރުކާރުން ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވޭ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް "އަދަދު" އަށް އިންޓަވިއު ދެއްވަނީ. ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލްތައް ހިއްސާކުރެއްވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް "އަދަދު" އަށް އިންޓަވިއު ދެއްވަނީ. ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލްތައް ހިއްސާކުރެއްވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޒަމާނުއްސުރެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި އޮތީ ސިއްހީ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ވާހަކަ އެވެ. އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ވާހަކަ އެވެ. މޮޅު ޑޮކްޓަރުންނަށް ބަލި މީހާ ނުދެއްކޭ މައްސަލަ އެވެ. ހިދުމަތް ހޯދަން އެތައް ދުވަހެއް މަޑުކުރަން ޖެހުމެވެ. ރަށްރަށުގެ ސިއްހީ ހިދުމަތްތަކާއި މާލެއިން ލިބޭ ހިދުމަތްތަކުގެ ފަރަގު ބޮޑުވުމުގެ ވާހަކަ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެސް ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެކަންކަމާ ގުޅޭގޮތުން އޮތެވެ. ސަރުކާރުގެ އެންމެ ބޮޑު ޗެލެންޖަކަށް ވެސް ވީ ދުނިޔެ ނުދެކޭފަދަ ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކު ވެސް ދައުލަތުން މިދިޔަ ދެތިން އަހަރު އެންމެ ބޮޑު ހޭދައެއް ކުރީ ސިއްހީ ދާއިރާއަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހެލްތު މިނިސްޓަރުގެ މަގާމު އަދާކުރައްވާ ދެވަނަ ބޭފުޅެއްގެ ގޮތުން އަހްމަދު ނަސީމް ދެކިލައްވާ ގޮތުގައި ސަރުކާރުން ސިއްހީ ދާއިރާއަށް ބަދަލުތަކެއް ގެނެސްފި އެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްދީފި އެވެ.

އެހެން ނަމަވެސް، އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ގިނަ ކަމަށް އޭނާ ދެކިލައްވަ އެވެ. އަދި، އޭނާއަށް މިކަންކަން ހައްލުކޮށް ޒަމާނީ ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ބުރަވެފައި ގިނަ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ޕްލޭންތަކެއް ވަނީ އެކުލަވާލާފަ އެވެ. އެކަންކަން ތަންފީޒުކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް "އަދަދު" އަށް ދެއްވި އިންޓަވިއުގައި ނަސީމް ހިއްސާކުރެއްވި އެވެ.

ސިއްހީ ހިދުމަތް އެމީހަކު ހުރި ތަނަކަށް

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ 164 ތަނެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. މާލޭގެ މައި ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް އަތޮޅުތަކުން ނުލިބޭތީ ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު ޑޮކްޓަރަށް ދެއްކުމަށް މާލެ އާދެ އެވެ. އެކަމަށް ހައްލެއް ހޯދުމަށް އަމާޒުކޮށް މި ސަރުކާރުން އަންނަނީ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމުކުރަމުންނެވެ.

"[ރަށެއްގެ] ހެލްތު ސެންޓަރަށް ދިޔައިމަ އެތަނުން ބަލާފައި ރިފާކުރަން ޖެހޭ ކަމަށްވާނަމަ ރިފާކުރާނީ ޓާޝަރީ ހޮސްޕިޓަލަށް. ރިފާކުރީމަ ޓާޝަރީ ހޮސްޕިޓަލުން ފަރުވާ ދެމުން ގެންދާނީ. އެ އިންތިޒާމުތައް މިހާރު ހުންނާނީ ހަމަޖެހިފައި،" ޓާޝަރީ ހޮސްޕިޓަލުތަކުގެ މުހިންމުކަން ބަޔާން ކޮށްދެއްވަމުން ނަސީމް ވިދާޅުވި އެވެ.

ސިއްހީ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށްވާއިރު އެމީހަކު ހުރި ތަނަކުން އެ ހިދުމަތް ލިބެން ޖެހެ އެވެ. ކުޑަކުޑަ ޓެސްޓެއް ހެދުމަށް ވެސް ލޯންޗު ހިފައިގެން ހޮސްޕިޓަލެއް ހުންނަ ރަށަކަށް ކުރަން ޖެހޭ ދަތުރަށް މިހާރު ވަނީ ނިމުމެއް ގެނެސްފަ އެވެ. އަމިއްލަ ރަށުގައި ހުރެ ރަނގަޅު ފެންވަރުގެ ޑޮކްޓަރުންނަށް ދައްކައި ޓެސްޓުތައް ހެދުމަށް މިހާރު ވަނީ މަގުފަހިވެފަ އެވެ.

ށ. މިލަންދޫގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލުގެ ކުރެހުމެއް: ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން ސަރުކާރުން އިއުލާނުކުރީ އެޕްރީލް 5، ގައި -- ފޮޓޯ: ހެލްތު މިނިސްޓްރީ
ށ. މިލަންދޫގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލުގެ ކުރެހުމެއް: ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން ސަރުކާރުން އިއުލާނުކުރީ އެޕްރީލް 5، ގައި -- ފޮޓޯ: ހެލްތު މިނިސްޓްރީ

ށ. މިލަންދޫގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލުގެ ކުރެހުމެއް: ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން ސަރުކާރުން އިއުލާނުކުރީ އެޕްރީލް 5، ގައި -- ފޮޓޯ: ހެލްތު މިނިސްޓްރީ

"ޑޮކްޓަރުން ދައުރުކުރާނީ. ޓާޝަރީ ހޮސްޕިޓަލާ ގުޅިގެން ހިނގާނީ މީހުން ބެލުމާ ކަންކަން. އެއީ ޕަބްލިކް ހެލްތުގެ ތެރެއިން އަޅުގަނޑުމެން ކުރިއަށް ގެންދާ ކަމެއް. އެކަން ކުރެވުނީމާ އެބަ އެނގޭ ކޮން އިރަކުކަން އަޅުގަނޑުމެންނަށް ޑޮކްޓަރުން ފޮނުވޭނީ،" މޯބައިލްކޮށް ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންގެ މުހިންމުކަން ފާހަގަކުރައްވަމުން ނަސީމް ވިދާޅުވި އެވެ.

ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގައި ހޮސްޕިޓަލް އަޅަން ވެސް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

އޭގެ ތެރެއިން ބޮޑު ރަށްރަށުގައި އަޅާނީ 50 އެނދުގެ ހޮސްޕިޓަލެވެ. އަދި، ކުދި ރަށްތަކުގައި އަޅާނީ 30 އެނދުގެ ހޮސްޕިޓަލެވެ. އޭގެ އިތުރުން، ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި 100 އެނދުގެ ހޮސްޕިޓަލް އަޅާނެ އެވެ.

"މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ހުރިހާ ހޮސްޕިޓަލެއްގެ މަސައްކަތް ވެސް ފަށާނަން. އަޅުގަނޑުމެނަށް ފައިނޭންސް އާއި ހުރިހާ ކަމެއް ވެސް ހަމަޖެހިފައި ހުރީ،" ނަސީމް ވިދާޅުވި އެވެ.

އަމަލީ މަސައްކަތް ފަށާތާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހޮސްޕިޓަލްތަކުގެ މަސައްކަތް ނިންމޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ. އަދި، އާ ހޮސްޕިޓަލްތައް ތަރައްގީ ކުރަމުންދާއިރު މިހާރު އެ ރަށްރަށުގައި ހުރި ސިއްހީ ހިދުމަތްދޭ ތަންތަން ވެސް ރަނގަޅު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތިން ސަލާމަތްވާނެ ކަމުގެ އުންމީދެއް ދޭން ޖެހޭ

މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރަވަމުންނެވެ. މާލޭގައި ހިންގަމުންދިޔަ ޑްރަގު ކެފޭތައް ވެސް ބަންދުކޮށްފި އެވެ. ނަމަވެސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މަސްތުވާތަކެތީގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ މިންވަރަށް މިހާރު ގޯސްވެފައިވާ ކަމެވެ.

އެތައް ޖީލެއް މަސްތުގެ ވަބާގައި ހަލާކުވަމުންދާއިރު އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ އެކަށީގެންވާ ފަރުވާގެ ނިޒާމެއް ގާއިމުކުރެވިފައި ނުވުމެވެ. އެއްވެސް ސަރުކާރަކުން ގައުމީ ފެންވަރުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާނެ ޕްލޭނެއް އެކުލަވާލާފައެއް ނުވެ އެވެ.

ނަމަވެސް، ނަސީމް މިހާރު ތައްޔާރުވަމުން ގެންދަވަނީ ގައުމީ ފެންވަރުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާނެ ޕްލޭނެއް އެކުލަވާލައި އެ ޕްލޭން ތަންފީޒުކުރެއްވުމަށެވެ. އަންނަ ޖުލައި މަހު އެ ޕްލޭން ލޯންޗުކުރާނެ އެވެ.

"މީގެކުރިން އަޅުގަނޑުމެން ޑްރަގު ކަންތައްތަކާ ޑީލްކުރިއިރު އެންމެ ފަހު މަރުހަލާ ހުރީ ނުނިމި. އެހެންވެ ރިލެޕްސް (އަލުން ބޭނުންކުރަން ފެށުން) ވަނީ. އޭގެ ސަބަބަކީ އެ މީހުންނަށް އުންމީދުތަކެއް ނޯންނަނީ. އަޅުގަނޑުމެން ޖެހޭ އުންމީދުތަކެއް ދޭން. އެ މީހުން ޖެހޭ ކޮމިއުނިޓީއަށް އަނބުރާ ގެންނަން،" ނަސީމްގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމުކޮށްފައިވާ ވިލުނު ސެންޓަރު. އެ ސެންޓަރުގައި ކުރިޔަށްގެންދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ތައްޔާރުކޮށްފައިވާ ޕްރޮގްރާމްތަކެއް --- ފޮޓޯ: ރައީސް އޮފީސް
އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމުކޮށްފައިވާ ވިލުނު ސެންޓަރު. އެ ސެންޓަރުގައި ކުރިޔަށްގެންދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ތައްޔާރުކޮށްފައިވާ ޕްރޮގްރާމްތަކެއް --- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމުކޮށްފައިވާ ވިލުނު ސެންޓަރު. އެ ސެންޓަރުގައި ކުރިޔަށްގެންދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ތައްޔާރުކޮށްފައިވާ ޕްރޮގްރާމްތަކެއް --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެކު ކުރި މަޝްވަރާތަކުން އެ "އުންމީދު" ދެވޭނެ ކަމުގެ ޔަގީންކަން ނަސީމްއަށް އެބައޮތެވެ. އަދި، ޕޮލިސް ރިޕޯޓާ ގުޅިގެން އެފަދަ މީހުންނަށް ވަޒީފާ ލިބުމުގައި ކުރިމަތިވާ ދަތިތައް ވެސް ނައްތާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ސ. ހުޅުމީދޫގައި ހުޅުވި 60 މީހުންގެ ޖާގައިގެ "ވިލުނު" ސެންޓަރަކީ ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެކެވެ. އެ ސެންޓަރުގައި ޑިޓޮކްސިފިކޭޝަން، ޓްރީޓްމެންޓު، ރެސިޑެންޝަލް ޓްރީޓްމެންޓް، ކޮމިއުނިޓީ ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަނާ ގުޅޭ ފަރުވާގެ ޕްރޮގްރާމްތައް ކުރިޔަށްގެންދާނެ އެވެ.

"[ހުޅުމީދޫ] ގައި ޑްރަގުގެ ކަންކަން ވަރަށް ބޮޑު. އަނެއްކާ އެމީހުން އެބަ ބޭނުންވޭ ސަލާމަތްވާން ވެސް. ވަރަށް ގިނަ މީހުން ފަރުވާ ހޯދުމަށް ރެޖިސްޓާ ކުރަމުން އެބަ ގެންދޭ،" އެތަން ހުޅުވުމުގެ ކުރިން ހުޅުމީދޫގައި ދިރާސާއެއް ކުރިއަށްގެންދިޔަކަން ހާމަކުރަމުން ނަސީމް ވިދާޅުވި އެވެ.

ނަސީމް ގަބޫލުކުރައްވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ގިނަ ބަޔެއްގެ ބައިވެރިވުން ބޭނުންވެ އެވެ. ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތުން އެކަން ނުވާނެ އެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އާއިލާތަކާއި މުޖުތަމައުގެ ރޯލު މި މައްސަލައިގައި ވަކިން ބޮޑެވެ. އަދި، ޖަމިއްޔާތަކުން ވެސް އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ދެކިލައްވަ އެވެ.

"އެންޖީއޯ އިން ފާޑުވެސް ކިޔާނެ. އެހެން ނަމަވެސް މައިގަނޑު ކަމަކަށް ވާން ވީ ސަރުކާރަށް އެޑްވައިސް ކުރުން. އެންޖީއޯތަކުން ކުރާ ދިރާސާތައް ސަރުކާރާއި ހިއްސާކޮށް އޭގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ޕޮލިސީތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހެނީ،" ނަސީމް ފާހަގަކުރެއްވި އެވެ.

ހޮސްޕިޓަލްތައް ވަކިވަކި މުއައްސަސާއަށް

ރާއްޖޭގައި ހޮސްޕިޓަލްތައް މީގެކުރިން ހިންގަމުން ދިޔައީ ސީދާ ސަރުކާރުގެ ބެލުމުގެ ދަށުން ހެލްތު މިނިސްޓްރީންނެވެ. އަމިއްލަ ބޯޑެއްގެ ދަށުން ފުރަތަމަ ހިންގަން ފެށީ ސަރުކާރުގެ މައި ހޮސްޕިޓަލެވެ.

މިފަހުން ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގަން ބޯޑުތައް އެކުލަވާލާފަ އެވެ.

ނަސީމްގެ ވިސްނުމުގައި ހޮސްޕިޓަލްތައް ހިންގަން ޖެހޭ ގޮތަކީ އެއީ އެވެ. ވަކި މިނިވަން މުއައްސަސާތަކެއްގެ ގޮތުގަ އެވެ.

ހެލްތު މިނިސްޓަރު ނަސީމް "އަދަދު" އަށް އިންޓަވިއު ދެއްވަނީ. ސިއްހީ ދާއިރާ އާ ގުޅޭ މުހިންމު މައުލޫމާތުަކެއް ހިއްސާކުރެއްވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ހެލްތު މިނިސްޓަރު ނަސީމް "އަދަދު" އަށް އިންޓަވިއު ދެއްވަނީ. ސިއްހީ ދާއިރާ އާ ގުޅޭ މުހިންމު މައުލޫމާތުަކެއް ހިއްސާކުރެއްވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހެލްތު މިނިސްޓަރު ނަސީމް "އަދަދު" އަށް އިންޓަވިއު ދެއްވަނީ. ސިއްހީ ދާއިރާ އާ ގުޅޭ މުހިންމު މައުލޫމާތުަކެއް ހިއްސާކުރެއްވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

"އަޅުގަނޑު ވަރަށް ގަބޫލުކުރާ ކަމެއް އެކި ބޯޑުގެ ދަށުން ހޮސްޕިޓަލްތަކުގެ ކަންތައްތައް ގެންގޮސް ހިންގުމަކީ. އަޅުގަނޑަށް ހީވަނީ ރެގިއުލޭޓް ކުރަމުން އަޅުގަނޑުމެންނަށް ހޮސްޕިޓަލެއް ނުހިންގޭނެ ހެން،" ނަސީމް "އަދަދު" އަށް ވިދާޅުވި އެވެ.

އެކަން ތަންފީޒުކުރުމުގައި މިވަގުތަށް އޮތީ ގާނޫނީ ދަތިކަމެކެވެ. އެ ހުރަސްތައް ނައްތާލާއި ރާއްޖޭގެ ހޮސްޕިޓަލުތަކުގެ ހިންގުން ސަރުކާރުން ދޫކޮށްލުމަށް މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކުރިއަށް އޮތް ކުއާޓަރުގައި އެ މަސައްކަތް ނިމޭނެ ކަމަށް ނަސީމް ލަފާކުރައްވަ އެވެ.

"އަޅުގަނޑުގެ އުންމީދަކީ ހުރިހާ ހޮސްޕިޓަލެއްގެ އޭގެ ދަށަށް އައުން."

ކެންސަރު ބަލި އިތުރުވުން، ބޮޑު ކަންބޮޑުވުމެއް

ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ރާއްޖޭގައި މިހާރު އެންމެ އާންމު އެއް ބައްޔަކީ ކެންސަރެވެ. ސަރުކާރުން މިހާރު ގެންދަނީ ޑަބްލިއުއެޗްއޯ އާ ގުޅިގެން ކެންސަރު އާންމުވަމުންދާ ސަބަބުތައް ދެނެގަތުމަށް ހާއްސަ ދިރާސާއެއް ކުރަމުންނެވެ.

"ޑިވެލޮޕްޑު ގައުމުތަކުގައި އުޅޭ ހުރިހާ ބައްޔެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅޭ. ޑިވެލޮޕިން ކަންޓްރީއެއް ނަމަ ގައިންގަޔަށް އަރާ ބަލި ގިނަ ވާނީ. ރާއްޖޭގައި އެކަން އޮތީ އެހެނެއް ނޫން،" ރާއްޖޭގައި އެފަދަ ބަލިތަކުގެ ހާލަތު އޮތް މިންވަރާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ނަސީމް ވިދާޅުވި އެވެ.

އޭނާ ދެކޭ ގޮތުގައި ވީ އެންމެ އަވަހަކަށް ކެންސަރު އާންމުވަމުންދާ ސަބަބުތައް ދެނެގަންނަން ޖެހެ އެވެ. އެހެންކަމުން، އެ ދިރާސާގެ އަލީގައި ފިޔަވަޅުތައް ސަރުކާރުން އަޅާނެ އެވެ.

ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ކެންސަރު ބައްޔަށް ފަރުވާކުރުމަށް އާސަންދައިން ދޫކުރެ އެވެ. ލ. ގަމުގައި ގާއިމުކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާ އެކު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެ އެވެ. ވަރަށް އަވަހަށް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އެވެ.

"އެ ހޮސްޕިޓަލަށް ވަރަށް ގިނަ ބަދަލުތަކެއް ގެންނަން އެބަ ޖެހޭ. އެކްސްޓެންޝަންތަކާ މިކަހަލަ ކަންކަން ކުރަން އެބަ ޖެހޭ. އެންމެފަހުން އިންޑިއާ އާއި އަޅުގަނޑުމެން ބޭއްވި ބައްދަލުވުމުގައި މިހާރު ދެން ކުރިއަށް ދާނެ. މިއަހަރު ތެރޭގަ މަސައްކަތް ފެށޭނެ،" ނަސީމް ވިދާޅުވި އެވެ.

އެންމެ މުހިންމު ދާއިރާ، ސީދާ ރައްޔިތުންނާ ގުޅިފައި

ރާއްޖޭގެ ސިއްހީ ނިޒާމުގެ ކަންކަން އިސްލާހު ކުރުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ނަސީމް ފާހަގަކުރައްވަ އެވެ. އޭގެ ބަދަލުގައި އެއީ ދައުލަތުގެ ހުރިހާ މުއައްސާއެއް ގުޅިގެން ރަނގަޅު ކުރަން ޖެހޭ ދާއިރާ އެކެވެ.

އެއީ، މިއީ ސީދާ ރައްޔިތުންނާ ގުޅޭ ދާއިރާއަކަށް ވާތީ އެވެ.

"ހެލްތު ދާއިރާ ކުރިއެރުވުމަކީ، ހެލްތު ދާއިރާއިން ދޭ ހިދުމަތްތައް ރަނގަޅު ކުރުމަކީ ގައުމީ ކަމެއް. މިއީ ވަރަށް ބޮޑު ވަރަށް ގިނަ ހަރަދުތަކެއް ހިނގާ ދާއިރާއެއް،" ނަސީމް ވިދާޅުވި އެވެ.

ސިއްހީ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ ހަރަދުތަކެއް ކޮށްފައިވާ ކަމަށް ބުނުމަކީ މުހިންމު ކަމެއް ނޫން ކަމަށް އޭނާ ދެކިލައްވަ އެވެ. އޭގެ ބަދަލުގައި، އެއީ މީހުންގެ ފުރާނައާ ގުޅިފައިވާ ދާއިރާއަކަށް ވާތީ ހާއްސަ ސަމާލުކަމެއް ބަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވެ އެވެ.

"އޯވާއޯލްކޮށް (ޖުމްލަކޮށް) އެބަ އޮންނަ ޖެހޭ ގައުމީ ފެންވަރުގައި ހެލްތު ދާއިރާގެ ކަންކަން ރަނގަޅުކުރުން. އެ ދާއިރާއާ މެދު ފަރުވާ ކުޑަކުރެވިގެން ނުވާނެ. ފަރުވާ ކުޑަ ކުރާ ނަމަ ހެލްތު ދާއިރާއެއް ނުހިނގާނެ،" ސިއްހީ ދާއިރާގެ ކަންކަން ގައުމީ ފެންވަރުގައި ވިލަރެސްކޮށް ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ނަސީމް ވިދާޅުވި އެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox