ނިއު ދިއްލީ، އިންޑިއާ (މެއި 1) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ސުޕަ ކިންގްސްގެ ކެޕްޓަންކަމުން ރަވިންދުރަ ޖަދޭޖާ ވަކިވެ، އެ ޒިންމާ އަލުން ކުރީގެ ކެޕްޓަން، އިންޑިއާގެ ކްރިކެޓް ލެޖެންޑް، މަހިންދުރަ ސިންގް ދޯނީ އަށް ދީފި އެވެ.
މި ފަހަރުގެ މުބާރާތް، މާޗް 26 ވަނަ ދުވަހު ފެށުމުގެ ދެ ދުވަސް ކުރިން، ދޯނީ، 40، ނިންމީ އެ ޓީމުގެ އޯލް ރައުންޑަރު، ޖަދޭޖާ އަށް ޓީމު ލީޑުކުރުމުގެ ޒިންމާ ހަވާލުކުރާށެވެ. އެއީ އާ ލީޑަރަކަށް ޓީމުން ފުރުސަތު ދޭން އެ ކްލަބްގެ މެނޭޖްމަންޓުން ވެސް ބޭނުންވާތީ އެވެ.
ޗެންނާއީ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކެޕްޓަންކަމުން ވަކިވާން ބޭނުންވާކަން ޖަދޭޖާ ރަސްމީކޮށް މެނޭޖްމަންޓަށް އަންގާފައިވާ ކަމަށެވެ. އަދި ޖަދޭޖާގެ އެ ނިންމުމަކީ އޭނާ މުބާރާތުގައި ކުޅުމަށް ބޮޑަށް ފޯކަސް ކުރަން ބޭނުންވާތީ އައި ނިންމުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އުމުރުން 33 އަހަރުގެ ޖަދޭޖާގެ ކެޕްޓަންކަމުގައި ޗެންނާއީ އިން މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގުގައި ފުރަތަމަ ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ޖުމްލަ އަށް މެޗު، މިހާތަނަށް ޗެންނާއީ އިން ކުޅެފައިވާއިރު، މޮޅުވީ އެންމެ ދެ މެޗުންނެވެ.
ޗެންނާއީ އޮތީ އިންޑިއަން ޕްރިމިއާ ލީގުގެ ތާވަލުގެ ފުލުން ދެ ވަނައިގަ އެވެ. އެންމެ ފަހަތުގައި އޮތީ ނުވަ މެޗު ކުޅެގެން އެއް މެޗުން މޮޅުވި މުމްބާއީ އިންޑިއަންސް އެވެ.
ޗެންނާއީ އިން މި ފަަހަރުގެ މުބާރާތުގައި މުމްބާއި އަތުން މޮޅުވި މެޗުގައި ދޯނީ ވަނީ ފަހު ވަގުތު އަރައި، މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުގެ ފަހު ހަތަރު ބޯޅައިން ދޯނީ ވަނީ 16 ލަނޑު އެއްކޮށްފަ އެވެ. މިއީ، މި ފަހަރުގެ މުބާރާތުގައި ޗެންނާއީ އިން އެންމެ ރަނގަޅަށް ކުޅުނު މެޗެވެ.
އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ވެސް ކުރިން ކޮށްފައިވާ ދޯނީ އަކީ އިންޑިއަން ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު އެއް ކެޕްޓަނެވެ. އޭނާގެ ލީޑަޝިޕްގެ ދަށުގައި ޗެންނާއީ އިން ވަނީ ހަތަރު ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ފަސް ފަހަރު ދެ ވަނަ ހޯދައިފަ އެވެ.
ޗެންނާއީ އިން މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސަންރައިޒާސް ހައިދަރުއާބާދާ އެވެ.












