ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށްޓަކައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެމަނިކުފާނު ފޮނުއްވި ހިތޯބުގަ އެވެ.
ހިތޯބުގައި ރައީސް ވަނީ މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ގައުމުގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.
އަދި ރައީސް ވިދާޅުވީ ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އަދިވެސް މުޖުމަތައުގައި ހުރި ކަމަށެވެ.
"ކޮންމެ މަސައްކަތްތެރިއަކަށް އެމީހަކު އެ ކުރާ މަސައްކަތުގެ ހައްގު މިންވަރު ލިބިދެވޭކަން ކަށަވަރުކުރުމާއި މަސައްކަތް ކުރުވުމަށް ފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެ ކަންކަމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާ ވެސް ހިލާފު ކަންތައްތައް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވި އެވެ.
- މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ގާނޫނީ ގޮތުން ލާޒިމްކޮށް ތަންފީޒުކުރަން ވަނީ ފަށާފައި.
- ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ހިދުމަތްތަކުން، މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުން ގާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމްކޮށްފައިވުން.
މީގެ އިތުރުން ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި، މުޅި ދުނިޔެ ތަހައްމަލްކުރި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް މިކުރާ މަސައްކަތުގައިވެސް، އެންމެ މުހިންމު ދައުރެއް އަދާކުރަނީ، ތަފާތު ދާއިރާތަކުން ރާއްޖޭގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިން ކަމަށެވެ.
"އެހެން ނަމަވެސް، މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެކަން ކަށަވަރު،" ރައިސް ވިދާޅުވި އެވެ.
ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް މިއަދު ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ، ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުން ކަމަށާއި އޭރުން ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.












