މުމްބާއީ، އިންޑިއާ (މެއި 1) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކޮށް ގުޖުރާތު ޓައިޓަންސް އިން ޕްލޭއޮފްގެ ޖާގަ އެއް ޔަގީންކުރިއިރު، އަށް މެޗަށް ފަހު މުމްބާއީ އިންޑިއަންސް މެޗަކުން މޮޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓު ލީގުގެ ޕްލޭ އޮފް ބުރުން ގުޖުރާތު ފުރުސަތު ހޯދީ ރެކޯޑަކާ އެކުގަ އެވެ. ލީގު ބުރުގައި ބާކީ ހަ މެޗު އޮއްވައި ޕްލޭއޮފް ބުރުން އެ ޓީމު ފުރުސަތު ހޯދިއިރު، ފުރަތަމަ ނުވަ މެޗުގެ ތެރެއިން އަށް މެޗު އެ ޓީމު ވަނީ ކާމިޔާބުކޮށްފަ އެވެ. މިއީ ލީގުގެ ރެކޯޑެކެވެ. ޕްލޭ އޮފް ޖާގައެއް ހޯދުމަށް ފިޔަވަޅަކާއި ގާތުގައި އޮތް ރާޖަސްތާން ވަނީ ލީގުގައި މިހާތަނަށް ދަށް ނަތީޖާތަކެއް ނެރެމުން އައި މުމްބާއީ އިންޑިއަންސް އަތުން ބަލިވެފަ އެވެ.
އައިޕީއެލްގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ގުޖުރާތުން އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކުރީ ރޯޔަލް ޗެލެންޖާސް ބެންގަލޫރާ ވާދަކޮށް ހަ ވިކެޓުންނެވެ.
މެޗު ފަށައިގެން ބެންގަލޫރުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ފުރަތަމަ އިނިންގްސްގައި ހަ ކުޅުންތެރިން ނުބައިވެގެން 170 ލަނޑު ހެދިއިރު، ދެ ކުޅުންތެރިއަކު ހާފް ސެންޗަރީ ހެދި އެވެ. މިގޮތުން މިހާތަނަށް ދަށް ފޯމެއްގައި ކުޅުނު ވިރާތު ކޯލީ 53 ބޯޅައިން 58 ލަނޑު ހެދިއިރު، ރަޖަތް ޕަޓިދަރު ވަނީ 32 ބޯޅައިން 52 ލަނޑު ހަދައިފަ އެވެ. ރާޖަސްތާންގެ ހުރިހާ އުކުންތެރިން ވެސް މި އިނިންސްގައި މަދުވެގެން ވިކެޓެއް ނެގި އެވެ.
ދެ ވަނަ އިނިންގްސްގައި ކުޅެން ނުކުމެ 13 އޯވަރު ނިމުނުއިރު ރާޖަސްތާނަށް ހެދުނީ 95 ލަނޑެވެ. ބެންގަލޫރު މެޗުން މޮޅުވާނެ ކަމަށް ބެލެވިފައިވަނިކޮށް ނަތީޖާ ބަދަލުކޮށްލީ ޑޭވިޑް މިލާ އާއި ރާހުލް ތެވާތީއާގެ މޮޅު ކުޅުމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ތެވާތިއާ ވަނީ ދެ ބޯޅަ ހަޔަކަށް ޖަހައި ފަސް ބޯޅަ ހަތަރަކަށް ޖަހައި ބާކީ ތިން ބޯޅަ އުކަން އޮއްވައި މެޗުން ރާޖަސްތާން މޮޅުކޮށްދީފަ އެވެ.
މިހާތަނަށް ގުޖުރާތު މޮޅުވި މެޗުތަކުގައި އެ ޓީމުގެ އޯލްރައުންޑަރުންގެ މޮޅު ކުޅުން ފާހަގަކޮށްލެވުނެވެ. އެ ގޮތުން ކެޕްޓަން ހަޑިކް ޕާންޑިޔާ، ވައިސް ކެޕްޓަން ރާޝިދު ހާން، އަދި ރަހުލް ތެވާތިއާ އަކީ މިހާތަނަށް ނަތީޖާ ނެރެން ޖެހުނު ދަނޑިވަޅުތަކުގައި ތަފާތު ދެއްކި ތިން ކުޅުންތެރިންނެވެ.
މި ސީޒަންގެ ލީގުގައި މުމްބާއީގެ ފުރަތަމަ މޮޅު ހޯދި ލީގުގެ ދެ ވަނައިގައި އޮތް ރާޖަސްތާން ބަލިކޮށްގެންނެވެ. ގިނަބަޔަކު ހީކުރި ގޮތާ ހިލާފަށް މުމްބާއީ މި މެޗު ކާމިޔާބުކުރީ ބާކީ ހަތަރު ބޯޅަ އުކަން އޮއްވައި ފަސް ވިކެޓުންނެވެ.
ފުރަތަމަ އިނިންގްސްގައި ކުޅެން ނުކުމެ ރާޖަސްތާނަށް ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 158 ލަނޑެވެ. މި އިނިންގްސްގައި ރާޖަސްތާނުން އެންމެ ރަނގަޅަށް ކުޅުނީ މި ސީޒަންގެ ލަނޑު ހެދުމުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ޖޮސް ބަޓްލާ އެވެ. ބަޓްލާ ވަނީ 52 ބޯޅައިން 67 ލަނޑު ހަދައިފަ އެވެ. ރާޖަސްތާނަށް މައްސަލަ ދިމާވީ ދެން ތިބި ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވުމުންނެވެ.
މުމްބާއީ އިން ކުޅެން ނުކުމެ ފެށުން ގޯސްކޮށް ދިޔަ ކަމުގައިވިޔަސް ސޫރްޔަކުމާރު ޔާދަވް އާއި ތިލަކް ވަރުމާގެ މޮޅު ކުޅުމާ އެކު މެޗު އަނބުރާލި އެވެ. އެ ގޮތުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސޫރްޔާ 39 ބޯޅައިން 51 ލަނޑު ހެދިއިރު، ތިލަކް ވަނީ 30 ބޯޅައިން 35 ލަނޑު ހަދައިފަ އެވެ.
މުބާރާތުގެ ދެ މެޗެއް މިއަދު ވެސް ކުޅޭނެ އެވެ. މިއަދު މެންދުރު ފަހު ކުޅޭ މެޗުގައި ވާދަކުރާނީ ޑެލީ ކެޕިޓަލްސް އާއި ލަކްނޯ ސުޕަ ޖަޔަންޓްސް އެވެ. އަދި މިރޭ ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ސުޕަ ކިންގްސް ނުކުންނާނީ ސަންރައިޒާސް ހައިދްރާބާދާ ދެކޮޅަށެވެ.












