ރަށު ނޯޓު: ފީކަޅާއިން ފީއައްޔަށް!

ފީކަޅާގެ މާނަ ބަދަލުވެގެން ދިޔަގޮތުން އެ ރަށުގެ ނަން ފީއަލި އަށް ބަދަލުކުރި

ފީކަޅާގެ މާނަ ބަދަލުވެގެން ދިޔަގޮތުން އެ ރަށުގެ ނަން ފީއަލި އަށް ބަދަލުކުރި

'ފީކަޅާ' މި ބަހުގެ މާނައެއްގެ ގޮތުގައި ދިވެހި ބަހުގެ ރަދީފުގައި އޮތީ 'ހެއްވާ، އަދި ތާކުންތާކުނުޖެހޭ' އެވެ. މީލާދުގެ 1800 ގެ ތެރޭގައި 'ފީކަޅާ' އަކީ ރާއްޖޭގެ ރަށަކަށް ކިޔާ ނަމެވެ. އެއީ ނިލަންދެއަތޮޅު ފީކަޅާ އެވެ. 'އެން އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލެންޑް ނޭމްސް' ގައި ނަސީމާ ކަލޭފާނު ލިޔުއްވާފައިވާ ގޮތުގައި 'ފީކަލާ' އުފެދިފައި އޮތީ 'ފީ' އަދި 'ކަލާ' އެކުވެގެންނެވެ. 'ފީ' އަކީ ލަކުޑިޔާއި މޭވާއާއި ބިހާއި މިނޫންވެސް ބައެއް ތަކެތި ގިނަދުވަސް ވެގެންވާ ހަލާކެވެ. 'ކަލާ' އަކީ ދިވެހިން ގަބޫލުކޮށް އުޅުނު ދެވިތަކުގެ ތެރެއިން ދެއްވެކެވެ. އެހެންވީމާ 'ފީކަލާ' އަކީ ހަޑިތަންތަނުގައި އުޅޭ ދެވި ނުވަތަ ދެވިންގެ ރަށެވެ. މި ބަސް ފަހުން ބަދަލުވީ ފީކަޅާ އަށެވެ.

އެހެން އޮއްވައި، އެރަށަށް ނިސްބަތްވާ މީހަކު ކުރަމުން ދިޔަ ހެއްވާ އަދި ތާކުންތާކުނުޖެހޭ ކަންކަން މަޝްހޫރުވެ، އެފަދަ ކަންކަމަށް ނިސްބަތްކޮށް އެއީ 'ފީކަޅާ ކަންކަމޭ' ނުވަތަ އެފަދަ ކަންކަން ކުރާ މީހާއަކީ 'ފީކަޅާ މީހެކޭ' ކިޔަން ފެށުނެވެ. ރަށަކަށް ނިސްބަތްވާ އެންމެ މީހަކު ކުރާ ކަމަކާ ގުޅިގެން އެއީ އެރަށް ބުނެދޭ ފާހަގަ ނުވަތަ ރަށުގެ އައިޑެންޓިޓީކަމަށް ނިންމުމަކީ މިހާރުވެސް ދިވެހިންގެ ތެރޭގައި އޮތް ކަމުނުދާ އާދައެކެވެ. ކޮންމެއަކަސް، ފީކަޅާގެ މާނަ ބަދަލުވެގެން ދިޔަގޮތުން އެރަށު ރައްޔިތުން އެނަން ބަދަލުކުރަން ބޭނުންވެއްޖެ އެވެ. ރަށުގެ ނަން ފަހުން ބަދަލުކުރީ ފީއަލި އަށެވެ. މިހާރު އެއީ ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި އެވެ.

Advertisement

ފީއަލި އަކީ ބޮޑުމިނުގައި 13.8 ހެކްޓަރު ހުރި ރަށެކެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެލް-1 އެވެ.

ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު ފީއަލީގެ އާބާދީއަކީ 1331 އެވެ. އެއީ 666 އަންހެނުންނާއި 665 ފިރިހެނުންނެވެ. އޭގެ ތެރެއިން މިހާރު ރަށުގައި ދިރިއުޅެނީ 1200 އެއްހައި މީހުންނެވެ.

ރަށުގެ އާންމު އިގްތިސާދީ މަސައްކަތަކީ ކަންނެލި ފާނައިގެ މަސްވެރިކަމެވެ. މި މަސައްކަތުގައި އެކި ސައިޒުގެ 25 ދޯންޏާއި 24 ޑިންގީ މިރަށުގައި ރަށުގައި ގެންގުޅެ އެވެ. މިއީ އާމްދަނީ ވަރަށް ރަނގަޅު މަސައްކަތަކަށްވާތީ ރަށުގެ ވަރަށް ގިނަ ތައުލީމީ ޒުވާނުންވެސް މި މަސައްކަތުގައި ހަރަކާތްތެރިވެ އެވެ. ރަށުގައި ހުރި ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ ވަޒީފާތަކުގައި ވެސް ގިނަ ބަޔަކު އުޅެ އެވެ. ފަންގިވިނުމުގެ މަސައްކަތަކީ މިރަށަށް އާމްދަނީ ވަންނަ، މިރަށުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ މަސައްކަތެކެވެ. އޭގެ އިތުރުން، ރަށުން ބޭރުގައި ކައިރި އަދި ދުރު ރިސޯޓުތަކުގައި މިރަށުގެ ބައެއް ޒުވާނުން ވަޒީފާ އަދާކުރެ އެވެ.

ފީއަލީގެ ހަރަކާތްތެރި އިގްތިސާދުގެ ތެރޭގައި އާންމު ވިޔަފާރިކުރާ 15 ފިހާރައެއް ހިންގަ އެވެ. ކެފޭ ރެސްޓޯރަންޓްގެ ގޮތުގައި ހުރީ ތިން ތަނެކެވެ. މިވަގުތު ރަށުގައި ހިންގަމުންދާ ގެސްޓްހައުސްއެއް ނެތެވެ. އެހެންނަމަވެސް ދެ ގެސްޓްހައުސްއެއް ނިމި، ހުޅުވުމަށް ތައްޔާރުކުރަމުން އެބަ ގެންދެ އެވެ. އެ ނޫން ބައެއް ވިޔަފާރިތަކުގެ ތެރޭގައި ފަހާތަނަކާއި ބޭކަރީ، ވަޑާންގެ އަދި ޗާޕުހާނާއެއް ހިންގަ އެވެ.

ރަށުގެ ބޮޑުމިނުގައި އެންމެ 13 ހެކްޓަރު ހުރިއިރު އާބާދީގައި 1300 އެއްހައި މީހުން ތިބުމުން ދިމާވާނެކަން އެނގޭ ފާޅުކަން ބޮޑު މައްސަލައަކީ ބިމުގެ ދަތިކަމެވެ. ރަށުން އަލަށް ގޯތި ދޫކުރާކަށް މިހާރު ބިމެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ ބިން ނުލިބިފައި ތިބި ކިތަންމެ ބަޔަކު މިހާރުވެސް ތިބިއިރު ދުވަހުން ދުވަހަށް އެ އަދަދުތައް ދަނީ މައްޗަށެވެ.

މިހާރު ރަށުގައި ހިނގަމުންދާ މަޝްރޫއުތަކަށް ބަލާއިރު، ރަށުގެ ބިންހިއްކުމުގެ މަސައްކަތަކީ މިރަށަށް އެންމެ މުހިންމު މަޝްރޫއު އެވެ. އެ މަސައްކަތް މިހާރު ކޮންޓްރެކްޓް ކުރެވިފަ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މާޗް 21، 2023 އަށް ނިންމާލެވޭނެކަމަށް ސަރުކާރުން އޮތީ ލަފާކޮށްފަ އެވެ. މިއީ ދައުލަތުގެ ބަޖެޓުން 36 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއު އެކެވެ.

ފީއަލީ ކުޑަކުދިންގެ ބަގީޗާ
ފީއަލީ ކުޑަކުދިންގެ ބަގީޗާ

ފީއަލީ ކުޑަކުދިންގެ ބަގީޗާ

ފީއައްޔަކީ މަސްވެރިރަށަކަށްވާތީ ރަށުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ. ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންނެވެ. ރަށުގައި ހަދާ އިންޖީނުގެއާއި އައުޓްޑޯ ޖިމްގެ މަސައްކަތުގެ 90 އިންސައްތަ އޮތީ ފުރިހަމަ ކުރެވިފަ އެވެ. ފީއަލީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ޑިޒައިން ހެދުމަށް އޮތީ ކޮންޓްރެކްޓް ކުރެވިފަ އެވެ.

މި ރަށަކީ ފުޅާ ދާއިރާއެއްގައި ވޮލީ ކުޅޭ ރަށަކަށްވެފައި، ބޭރުގެ މޮޅު ކުޅުންތެރިން ގެނެސްގެން ވޮލީ މުބާރާތްވެސް ބާއްވާއިރު، ރަނގަޅު ވޮލީ ކޯޓެއް ނެތުމުގެ ދަތިކަން މިރަށަށް އެބަ އޮތެވެ. އެކަން ހައްލުކުރުމަށްޓަކައި ރަށުގައި އިންޑޯ ވޮލީ ކޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް އޮތީ ޕްލޭން ކުރެވިފަ އެވެ. އެ ޕްރޮޖެކްޓަށް ހަރަދުކުރަން ނިންމާފައިވަނީ 4.5 މިލިއަން ރުފިޔާ އެވެ. ފައިސާގެ ދަތިކަމާހެދި މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިވަގުތަށް ފަސްކުރެވިފައި އޮތަސް މިއަހަރު ތެރޭގައި އެ މަސައްކަތް ފެށުމަށް ޔޫތު މިނިސްޓްރީން ގަސްތުކުރެ އެވެ.

ފީއައްޔަކީ ސަގާފީ ކުޅިވަރުތަކުގެ ހުނަރުވެރިން ގިނަ ރަށެކެވެ. ބޮޑުބެރު، ލަނގިރި، މާފަތި ނެށުން އަދި ދަނޑި ޖެހުން ފަދަ ސަގާފީ ކުޅިވަރުތަކަށް ފީއަލިން ދެނީ ހާއްސަ އަހައްމިއްޔަތު ކަމެކެވެ. ބަށި ކުޅުމުގައި ވެސް މިރަށަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން ޖަމްއިއްޔާގެ ބަށި ޓީމަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ބަށި މުބާރާތް ބާއްވަމުން ދިޔައިރު ވިދިވިދިގެން ދެއަހަރު ޗެމްޕިއަންކަން ހޯދި ޓީމެކެވެ. ސަގާފީ ކުޅިވަރުތަކާއި ބަށްޓަކީ ފީއައްޔަށް ކުޅިވަރަކަށްވުރެ ސީރިއަސް ކަމެކެވެ.

ރަށުގައި އަލަށް ހުޅުވާ ގެސްޓްހައުސްތަކާއެކު ފީއަލިން މަސައްކަތް އެ ފަށަނީ ރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށެވެ. ރަށު ކައުންސިލުން މި ރަށް މާކެޓްކުރުމަށް ކުރިއަށް އޮތްތަނުގައި އެތައް މަސައްކަތްތަކެއް ކުރުމަށް ރާވާފައި އެބަހުއްޓެވެ. ރަށުގެ ރީތިކަމާއި ރަށުގައި އޮތް ސަގާފީ ކުޅިވަރުތަކުގެ ހުނަރުވެރިކަމަކީ ރަށުގެ މައިގަނޑު ޕްރޮޑަކްޓެވެ. ކައުންސިލުން ރާވާފައި އޮތީ ލޯކަލް ޓޫރިޒަމް ކުރިކުރިއަރުގައި އަތޮޅުގައި ވަކިން އެއޮތް، އަދި އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ ފީއަލީގެ އިގްތިސާދު ހަރުދަނާ ކުރުމާއެކު، އެކަމުގެ ތެރެއިން އެރަށުގެ ސަގާފީ ހުނަރުތައް ވެސް ދެމެހެއްޓެނިވި ގޮތުގައި ތަރައްގީކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލުކުރެވޭނޭ ވަށާޖެހޭ ހައްލެއް ހޯދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox